15 އަހަރުގެ މެދުކެނޑުމެއް ނިމުމަކަށް: ވ. ތިނަދޫ ސްކޫލުގައި ކިޔަވައިދޭން ފަށަނީ

ވ.ތިނަދޫ ސްކޫލް --- ފޮޓޯ: ވ.ތިނަދޫ ކައުންސިލް

އާބާދީގައި ގާތްގަނޑަކަށް 260 މީހުން ދިރިއުޅޭ ވ. ތިނަދޫގެ ސްކޫލްގައި ކިޔަވައިދިނުން ހުއްޓާލާފައި އޮންނަތާ 15 އަހަރު ވެއްޖެއެވެ. ނަމަވެސް މި ދިގު މެދުކެނޑުމަށްފަހު މި ފެށޭ ދިރާސީ އަހަރާއެކު ކިޔައިވައިދޭން އަލުން ފެށުމަށް ނިންމި ނިންމުމަކީ އެ ރަށުގެ ގިނަ ބަޔަކަށް ލިބުނު އުފާވެރި ޚަބަރެކެވެ.

މިކަމާ ގުޅިގެން ތިނަދޫ ކައުންސިލްގެ ރައީސް ޝިފާގު ހުސައިން "ސަން" އަށް ވިދާޅުވީ މީގެ 15 އަހަރު ކުރިން އެ ރަށުގެ ސްކޫލް ބަންދުކުރީ ކިޔަވައިދެވޭނެ އެއްވެސް ހާލަތެއް ނެތުމުން ކަމަށެވެ.

"ތިނަދޫަގައި އެންމެ ފަހުން ސްކޫލް ބަންދުވީ އިރުގައި މި ތިބީ އެންމެ ތިން ކުދިން. އެއިރު އެއްވެސް އަސާސީ ހިދުމަތެއް މި ރަށަކުން ނުލިބޭ. އެއްވެސް ވަރަކަށް ރަނގަޅު ތައުލީމެއް ނުލިބޭ. އެހެންވެ ދަރިންނަށް ކިޔަވައިދޭން މީހުން ހިޖުރަކުރީ," ޝިފާގު ވިދާޅުވިއެވެ.

ވ.ތިނަދޫ ސްކޫލް އަޕްގްރޭޑިން މަސައްކަތް--- ފޮޓޯ: ވ. ތިނަދޫ ކައުންސިލް

ނަމަވެސް އޭނާ ވިދާޅުވީ އަލަށް އިންތިޚާބުވި ކައުންސިލަރުން މަގާމާ ހަވާލުވުމާއެކު އެޑިއުކޭޝަން މިިނިސްޓަރު ޑރ. އައިޝަތު އަލީ އާ ދެ ފަހަރެއްގެ މަތިން ބައްދަލުކޮށްފައިވާކަމަށެވެ. އަދި ކިޔަވައިދުނުން ފެށުމަށްޓަކައި މަޝްވަރާކުރެވިފައިވާކަމަށް ވެސް ވިދާޅުވިއެވެ.

"މިހެން ކަންކަން ކުރިއަށް ދަނިކޮށް މިއައީ ކޮވިޑު. ދެން މާލޭގައި އުޅޭ ފަރާތްތައް ކުލި ނުދެއްކިގެން އެހެނިހެން ދަތިތަކާ ހެދި ރަށަށް މި ބަދަލުވީ. ދެން އަނެއްކާވެސް ކިޔެވުން ފެށުމަށް މަޝްވަރާކުރެވުނު،" އޭނާ ވިދާޅުވިއެވެ.

ޝިފާގު އިތުރަށް ވިދާޅުވީ ތިނަދޫ ސްކޫލް ގައި ކިޔަވައިދިނުން ކުރިއަށް ގެންދާނީ މާލޭގައިި އުޅޭ ޓީޗަރުންކަމަށެވެ. އެގޮތުން ގަޑިތައް ނަގައިދެމުން ގެންދާނީ އޮންލައިންކޮށް ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް އަމަލީ ގޮތުން ކުރިއަށް ގެންދަން ޖެހޭ ހަރަކާތްތައް ކުރިއަށް ގެންދާނީ އެއަތޮޅު ފެލިދޫ ސްކޫލްގެ ދަރިވަރުންނާ އެއްކޮށް ކަމަށްވެސް ވިދާޅުވިއެވެ.

ދިރާސީ އަހަރުގެ ކިޔެވުން ފެށިގެންދާއިރު ތިނަދޫ ސްކޫލް މެނޭޖުކުރާނީ ފެލިދޫ ސްކޫލްގެ ޕްރިންސިޕަލެވެ. އަދި އެސްކޫލްގައި ކިޔެވުމަށް މި ވަގުތު ލިބިފައިވަނީ ހަތް ކުދިންނެވެ.

ހަމައެއާއެކު ކުރިއަށް އޮތް ދިރާސީ އަހަރު ފެށުމަށް މަދު ދުވަސްކޮޅަކަށް ވެފައިވާއިރު މިހާރު ކުރިއަށް ދަނީ ތިނަދޫ ސްކޫލް އަޕްގްރޭޑް ކުރުމުގެ މަސައްކަތްކަމަށް ޝިފާގު ވިދާޅުވިއެވެ. އަދި އަމާޒަކީ އެންމެ އަހަވަހަކަށް އެ މަސައްކަތް ނިންމާލުންކަމަށްވެސް ވިދާޅުވިއެވެ.

ވ. ތިނަދޫ ސްކޫލް އަޕްގްރޭޑިން މަސައްކަތް--- ފޮޓޯ: ވ. ތިނަދޫ ކައުންސިލް

"ރަނގަޅަށް ކުރިއަށް ދާކަމަށް ވެއްޖެޔާ އަޅުގަނޑުމެން އުންމީދުކުރަނީ އަދި އިތުރު ދަރިވަރުން ލިބޭނެކަމަށް. ކޮންމެ މީހަކުވެސް ބޭނުންވާނެ ރަށުގައި ދިރިއުޅެން،" އޭނާ ވިދާޅުވިއެވެ.

ތިނަދޫ ސްކޫލްގައި ކިޔަވައިދުނުމަށް އަލުން ފެށުމަށް ނިންމި ނިންމުމާއެކު ގިނަ ބަޔަކު އަންނަނީ އެކަމަށް މަރުހަބާ ކިޔަމުންނެވެ. އަދި ކައުންސިލުގެ އުންމީދަކީވެސް އިތުރު ކުރިއެރުން ހޯދުންކަމަށް ޝަފީގު ވިދާޅުވިއެވެ.

comment ކޮމެންޓް