ކުރީގެ މިނިސްޓަރު އަބްދުﷲ ކަމާލުއްދީނު (އޭކޭ) އިސްކޮށް ހުންނަވާ އުފެއްދުމަށް މަސައްކަތްކުރައްވާ ނޭޝަނަލް ސޮލީޑައިރިޓީ ޕާޓީ (އެންއެސްޕީ) ރަޖިސްޓްރީކުރުމަށް މަސައްކަތްކުރުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފިއެވެ.
އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ފުއާދު ތައުފީގު "ސަން" އަށް ވިދާޅުވީ އޭކޭއަށް މިހާރު ރަސްމީކޮށް ލިޔުމުން ހުއްދަ ދީފައިވާކަމަށެވެ. އަދި މިހާރު އެ ޕާޓީ ރަޖިސްޓްރީކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އެއްވެސް ހުރަހެއް ނޯންނާނެކަމަށް ވިދާޅުވިއެވެ.
"3000 މެމްބަރުން ހަމަކުރައްވާފައި ހުށަހެޅުން ދެން އޮންނާނީ،" ފުއާދު ވިދާޅުވިއެވެ.
އޭކޭ ވަނީ ޕާޓީ އުފެއްދުމުގެ ހުއްދައަކަށް މީގެކުރިންވެސް އެދިފައެވެ. ނަމަވެސް ސިޔާސީ ޕާޓީއެއް އުފެއްދުމަށް އެދި ހުށަހަޅާ މީހެއްގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތު ފުރިހަމަ ނުވާތީ، އޭކޭ ހުށަހެޅި ފޯމަކީ ބާތިލް ފޯމެއް ކަމުގައި އެ ކޮމިޝަނުން އެއިރު ވަނީ ނިންމާފައެވެ.
އެއިރު އޭނާ ހުރީ އެމްއާރްއެމްގެ މެމްބަރެއްގެ ގޮތުގައެވެ.
ފޯމް ބާތިލް ކުރުމާ ގުޅިގެން އަބްދުﷲ ކަމާލުއްދީން މީގެކުރިން "ސަން" އަށް ވިދާޅުވީ އެމްއާރުއެމް އިން އަދާކުރަން ޖެހޭ ޒިންމާ އަދާނުކޮށް އޮތުމަކީ އޭގެ ސަބަބުން އޭނާގެ ހައްގަކަށް އުނިކަން ލިބެން ޖެހޭ ސަބަބެއް ނޫން ކަމަށެވެ.
އެމްއާރުއެމްގެ ކުރީގެ މެންބަރުންގެ ތެރެއިން "ގައުމީ އެއްބައިވަންތަކަމުގެ ޕާޓީ" ގެ ނަމުގައި އާ ޕާޓީއެއް އުފެއްދުމަށް ހުއްދަ ލިބިފައިވާއިރު ، ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް (ރޓޑ) މުހައްމަދު ނާޒިމް އިސްވެ ހުންނަވައިގެން "މޯލްޑިވްސް ނެޝަނަލް ޕާޓީ" ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ދީފައެވެ.