ޖުމްހޫރީ މައިދާން ކައިރިން ގޮތްނޭނގޭ އެއްޗެއް ފެނިގެން މިރޭ ސިފައިން ހަރަކާތްތެރިވި

މޭ 6، 2021: ސިފައިންތަކެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޖުމްހޫރީ މައިދާން ކައިރިން މިރޭ ގޮތް ނޭނގޭ ޒާތުގެ އެއްޗެއް ފެނިގެން ސިފައިން ހަރަކާތްތެރިވެއްޖެއެވެ.

އެެ ސަރަހައްދުގައި ސިފައިން ހަރަކާތްތެރިވި މަންޒަރު ބައެއް މީހުންނަށްވެސް ވަނީ ފެނިފައެވެ. އެހެންނަމަވެސް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ސިފައިން ވަނީ އެ ސަރަހައްދު ދޫކޮށް ގޮސްފައެވެ. އެ ސަރަހައްދު ބަންދުކޮށްގެން ސިފައިން ހަރަކާތްތެރިވިކަމަށް ވަނީ 22:40 ކަންހާއިރުއެވެ.

ސިފައިން ބަންދުކޮށްފައިވަނީ ޖުމްހޫރީ މައިދާނާއި އޯކިޑް މަގު އަދި އިސްލާމީ މަރުކަޒު ގުޅޭ ޖަންކްޝަން ކައިރިއެވެ.

"އެތަނުން ބޮން ސްކޮޑެއްކަހަލަ ބައެއް ނުފެނޭ، އާދައިގެ ސިފައިން ތިބީ، އެތަން ބަންދުކޮށްގެން، އަނެއްހެން އެތަން ބަންދުކޮށްގެން ތިބީ ކޯންޗެއް ފެނިގެންކަމެއް ސީދާ ސާފެއް ނުވޭ،" އެ ހާދިސާއާ ގުޅިގެން އިތުބާރުހުރި ފަރާތެއް "ސަން" އަށް ކިޔައިދިނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސިފައިން އެ ސަރަހައްދުގައި ހަރަކާތްތެރިވެފައިވަނީ ގޮވާ ޒާތުގެ އެއްޗެއް ކަމަށް ޝައްކުކުރެވޭ އެއްޗެއް ފެނިގެންނެވެ. އެހެންނަމަވެސް އެ ސަރަހައްދަށް "ސަން" ގެ ނޫސްވެރިން ދިޔައިރު ސިފައިން ވަނީ އެ ސަރަހައްދު އަލުން ހުޅުވާލާފައެވެ. އެތަނުން އާދަޔާހިލާފް އެއްވެސް ކަމެއް ފެންނާކަށް ނެތެވެ.

މީގެ ކުރިންވެސް ގޮތްނޭނގޭ އަދި ޝައްކުކުރެވޭ ޒާތުގެ ތަކެތި ފެނިގެން ސިފައިން ވަނީ ހަރަކާތްތެރިވެފައެވެ. އެގޮތުން ޖުމްހޫރީ މައިދާނުގައި 2020 ވަނަ އަހަރުގެ ކުރީކޮޅުވެސް ގޮތްނޭނގޭ ޒާތުގެ ފޮށިގަނޑެއް ފެނިގެން ސިފައިން ވަނީ ހަރަކާތްތެރިވެފައެވެ.

މިކަމާ ގުޅޭގޮތުން އެމްއެންޑީއެފްގެ ފަރާތުން ރަސްމީކޮށް އެއްވެސް ފަރާތަކުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

comment ކޮމެންޓް