ޕީޕީއެމުން ވަކިވުމަކީ ހެދުނު ގޯހެއްކަމަށައި އެކަމަށްޓަކައި މާފަށް އެދޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ވިދާޅުވެއްޖެއެވެ.
ރޭ ޕީޕީއެމާ ސޮއިކުރެއްވުމަށްފަހު އެ ޕާޓީގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަަދައްކަވަމުން މުހައްމާ ވިދާޅުވީ ޕީޕީއެމުން ވަކިވެވުނީތީ އެކަމާ ހިތާމަކުރައްވާކަމަށެވެ.
"ރައީސް ޔާމީނާ ވަކިވެ އެހެން ވިސްނުމަށް މަސައްކަތްކުރަން ވިސްނި ވިސްނުމަކީ ބައެއް ރައްޔިތުން ސިފަކުރަނީ މުހައްމާއަށް ހެދުނު ގަޅި ވިސްނުމެއްގެ ގޮތުގައި. އަޅުގަނޑުގެ އަހު [މާލެ ސިޓީގެ ކައުންސިލަރު] ޝުޖާ ދެންނެވި މުހައްމާ އޭ ތިއުޅެނީ ގޯހެކޭ ހަދަން. ހާދަ ބޮޑު ގޯހެކޭ މި ހެދުނީ," މުހައްމާ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ މިއަދު ގައުމަށްޓަކައި ހެޔޮއެދޭ ލީޑަރަކު ގައުމަށް ގެންނަން ކުރަންޖެހޭ ކޮންމެ މަސައްކަތެއްވެސް ރައްޔިތުން ކުރަންޖެހޭ ކަމަށެވެ. އަދި ދީން ހިމާޔަތްކޮށްދޭނެ ފިކުރަކީ ޕީޕީއެމް ކަމަށްވެސް ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް މި ފެންނަނީ ކޮން މަންޒަރެއްތޯ. އަޅުގަނޑުމެންނަށް ފެންނަނީ މި ސަރުކާރުން ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވާ މަންޒަރު. އިރާދަކުރެއްވިއްޔާ އެ އަނދުން ދަޅުވެސް ހުސްވާނެ. ގުނބޯ ހައްދައިގެން ރައްޔިތުން ގެންގުޅުނު ޒަމާން ހިނގައްޖެ," އޭނާ ވިދާޅުވިއެވެ.
މުހައްމާ, 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރުކަމަށް އިންތިހާބުވީ ޖުމްހޫރީ ޕާޓީގެ ޓިކެޓުގައެވެ. އިންތިހާބުވުމަށްފަހު އޭނާ ޕީޕީއެމްއާ ގުޅުނު ނަމަވެސް 2018 ވަނަ އަހަރު ސަރުކާރު ބަދަލުވުމާއެކު އޭނާ އެމްޑީޕީއާ ގުޅުނެވެ. އަދި އެ ޕާޓީން 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ވާދަކުރުމުގެ ކުރިން ބޭއްވި ޕްރައިމަރީގައިވެސް ވާދަކުރިއެވެ.