ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އެމްޑީޕީއަށް މިރޭ ސޮއިކުރައްވައިފިއެވެ.
މުހައްމާ އެމްޑީޕީއަށް ސޮއި ކުރެއްވިކަން އެމްޑީޕީން ވަނީ ޔަގީންކޮށްދީފައެވވެ.
މުހައްމާ އެމްޑީޕީ އަށް ސޮއި ކުރެއްވީ އެޕާޓީގެ ރައީސް މުހައްމަދު ނަޝީދާއި، ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފްގެ ހާޒިރުގައެވެ.
އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އިހަވަންދޫ ދާއިރާއަށް މުހައްމާ ހޮވިވަޑައިގެންނެވީ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ޓިކެޓްގައެވެ. ނަމަވެސް އިންތިހާބުވިތާ މަދު ދުވަސް ކޮޅެއްގެ ތެރޭގައި މުހައްމާ ވަނީ އެ ޕާޓީ ދޫކުރައްވައި ޕީޕީއެމްއާ ގުޅިވަޑައިގެންފައެވެ.
މުހައްމާ ޕީޕީއެމަށް ސޮއިކުރެއްވުމަށްފަހު އޭރު މުހައްމާ ވިދާޅުވީ، އޭނާ ޕީޕީއެމާ ގުޅިވަޑައިގަތުމަށް އެންމެ ބޮޑަށް ބޭނުންވި އެއް ސަބަބަކީ ރައްޔިތުން ބޭނުންވާފަދަ ވެރިކަމެއް ކުރަމުންދާތަން ފެންނާތީ ކަމަށެވެ.
ޕީޕީއެމްގައި އުޅުއްވި އިރު މަސީހްގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން ސޮއި ކުރެއްވި މައްސަލައިގައި މުހައްމާ އެ ޕާޓީން ވަކިކުރިއެވެ. އެ މައްސަލައިގައި އޭނާގެ ގޮނޑި ގެެއްލުނު ނަމަވެސް ފަހުން ސުޕްރީމްކޯޓުން ވަނީ މުހައްމާގެ ގޮނޑި ނުގެއްލޭ ކަމަށް ހުކުމްކޮށްފައެވެ.
ކުރިއަށް އޮތް މަޖިލީހުގެ އިންތިހާބް ކައިރިވަމުން އަންނައިރު، ބައެއް މެމްބަރުން މިހާރުވެސް ދަނީ ޕާޓީ ބަދަލު ކުރަމުންނެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު އިބްރާހީމާއި ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު މުބީން ދާދި ފަހުން ވަނީ ޖޭޕީއަށް ސޮއި ކޮށްފައެވެ.