މަލީހު، ލޯޔަރު ވައްޑެ، ރުކުމާ ޕީޕީއެމަށް ސޮއިކުރައްވައިފި

ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު ރުކުމާ، ތުލުސްދޫ ދާއިރާގެ ކުރީގެ މެމްބަރު ލޯޔަރު ވައްޑެ އަދި ކުރީގެ މިނިސްޓަރު މަލީހު --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލާއި ތުލުސްދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި މަޝްހޫރު ގާނޫނީ ވަކީލު މުހައްމަދު ވަހީދު އިބްރާހިމް( ލޯޔަރު ވައްޑެ) އާއި ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބްދުލް ކަރީމް (ރުކުމާ) މިރޭ ޕީޕީއެމަށް ސޮއިކުރައްވައިފިއެވެ.

މި ތިން ބޭފުޅުންވެސް ޕީޕީއެމަށް ސޮއިކުރައްވާފައިވަނީ މިރޭ ޕީޕީއެމްގެ އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕީޕީއެމްގެ ނައިބު ރައީސް އަދި މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ތިން ބޭފުޅުންނަށްވެސް މަރުހަބާ ދަންނަވާފައެވެ.

"އަޅުގަނޑުމެންގެ މި ގައުމީ ސަފާ ގުޅޭނީ ގައުމީ ވިސްނުމުގެ ބޭފުޅުން. އެންމެހާ ފަރާތްތަކަށް މަރުހަބާ ދަންނަވަން،" މުއިއްޒު ވިދާޅުވިއެވެ.

މިއަދު އަލުން ޕީޕީއެމާ ގުޅިވަޑައިގަތް މެމްބަރުންގެ ތެރެއިން ލޯޔަރު ވައްޑެއަކީ 2013 ވަނަ އަހަރު ޕީޕީއެމާ އެއްކޮށް މަސައްކަތްކުރައްވާ ރައީސް ޔާމީން ވެރިކަމަށް ގެނައުމަށް މަސައްކަތްކުރެއްވި ބޭފުޅެކެވެ.

ތުލުސްދާއިރާގެ މެމްބަރުކަމަށް ލޯޔަރު ވައްޑެ އިންތިހާބުވެވަޑައިގަތީ ވެސް ޕީޕީއެމްގެ ޓިކެޓުގައެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ޕީޕީއެމްގެ ތެރޭ އުފެދުނު މައްސަލަތަކާއެކު ރައީސް މައުމޫނާއެކު އޭނާވެސް ވަނީ ޕީޕީއެމާ ދުރުވެވަޑައިގެންފައެވެ. އަދި އޭގެ ފަހުން 2018 ވަނަ އަހަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ގެނައުމަށްޓަކައި ވެސް އޭނާ މަސައްކަތް ކުރެއްވިއެވެ.

އެއަށްފަހު މިރޭ ޕީޕީއެމަށް ސޮއިކުރެއްވުމާ ހަމައަށް ލޯޔަރު ވައްޑެ ހުންނެވީ ޖުމްހޫރީ ޕާޓީގެ މެމްބަރެއްގެ ގޮތުގައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އެންމެ ފުރަތަމަ ކޮމިއުނިކޭޝަން, ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރުކަން ކުރެއްވި މަލީހް ޖަމާލް އެ މަގާމުން ވަކިކުރީ މިދިޔަ މާޗް މަހުގެ އެއް ވަނަ ދުވަހު ރައްޔިތުން މަޖިލީހުން ނެގި އިތުބާރު ނެތް ކަމުގެ ވޯޓަކުންނެވެ. އެ ވޯޓުގައި އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ޕާލިމެންޓަރީ ގުރޫޕުންވެސް ވަނީ މަލީހު ވަކިކުރުމަށް ވޯޓުދޭން ފާސްކޮށްފައެވެ.

އެ ވޯޓަށް ހަފްތާއެއް ނުވަނީސް މަލީހު ވަނީ އޭނާ މިހާރު ގަސްދުކޮށްގެން ނިކުމެ ހުރީ ވެރިކަން ކުރާ އެމްޑީޕީއާ އިދިކޮޅަށްކަމަށާއި އެހެންނަމަވެސް އަދި އިދިކޮޅު ކޯލިޝަނާ ގުޅިވައިޑައިގަންނަވަން ނުނިންމާކަމަށް ވިދާޅުވެފައެވެ. އަދި މާޗް 10 ވަނަ ދުވަހު މަލީހު ވަނީ ޖުމްހޫރީ ޕާޓީއިން ވަކިވެވަޑައިގެންފައެވެ. އަދި މިއަދު އެވަނީ އިދިކޮޅު ޕީޕީއެމާ ގުޅިވަޑައިގެންފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަބްދުލް ކަރީމް (ރުކުމާ) ވެސް އެންމެ ފުރަތަމަ މަސައްކަތްކުރެއްވީ އެމްޑީޕީގައެވެ. އަދި 2018 ވަނަ އަހަރު ރައީސް ސޯލިހު ވެރިކަމަށް ގެނައުމަށްޓަކައިވެސް ވަނީ މަސައްކަތްކުރައްވާފައެވެ.

ރުކުމާ އެމްޑީޕީއާ ދުރަށް ޖެހިވަޑައިގަތީ އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު އޭނާއަށް ކުރައްވަމުން އައި ތާއީދު އަނބުރާ ގެންގޮސްފައިވަނިކޮށެވެ.

އޭގެފަހުން ސިޔާސީ މައިދާނުން ފެނިވަޑައިނުގެން ހުންނެވުމަށްފަހު އަލުން ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް އޭނާ ވަނީ ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިންގައި އަމަލީގޮތުން ބައިވެރިވެވަޑައިގެންފައެވެ.

comment ކޮމެންޓް