ރައްޔިތުން މިހާރު ދައުލަތުގެ މުއައްސަސާތަކަށް އިތުބާރެއް ނުކުރޭ: އޭކޭ

އަބްދުﷲ ކަމާލުއްދީން -- ފޮޓޯ/ ޕީއެސްއެމް

ރައްޔިތުން މިހާރު ދައުލަތުގެ މުއައްސަސާތަކަށް އިތުބާރު ނުކުރާ ކަަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސަރުކާރުގައި ވަޒީރުކަން ކުރެއްވި އަބްދުﷲ ކަމާލުއްދީން (އޭކޭ) ވިދާޅުވެއްޖެއެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރުއެމް އިން ވަކިވެ ވަޑައިގެން "ގައުމީ އެއްބައިވަންތަކަމުގެ ޕާޓީ" ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާއިރު، އަންނަ ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ކެންޑިޑޭޓަކު ވާދަކުރައްވާނެކަން އަބްދުﷲ ކަމާލުއްދީން ވަނީ ހާމަކުރައްވާފައެވެ.

"ސަންގު ޓީވީ"ގެ ޕްރޮގުރާމެއްގައި ވާހަކަދައްކަވަމުން ހައްގު ހޯދަން ރައްޔިތުންނަށް ކުރެވޭނީ މަސައްކަތް ކަމަށާއި، އެ ހައްގު ކަށަވަރުކޮށްދޭނީ ދައުލަތުންކަން ފާހަގަކުރައްވައި އަބްދުﷲ ކަމާލުއްދީން ވިދާޅުވީ ދައުލަތަށް އެ ހައްގު ކަށަވަރުކޮށް ނުދެވޭނަމަ ރައްޔިތުންގެ ހައްގުތައް ގެއްލިގެންދާނެ ކަަމަށެވެ.

"ދައުލަތުގެ މުއައްސަސާތައް އޮޕަރޭޓުކުރަން ޖެހޭނީ މި ފެންވަރަކުއެއް ނޫން. އަސްލު ހަގީގަތުގަ މިހާރު މިއުޅޭ މައްސަލަތަކުގެ އެއް މައްސަލަ އަކީ، ރައްޔިތުން މިހާރަކު ދައުލަތުގެ މުއައްސަސާތަކަށް އިތުބާރެއް ނުކުރެ. އެތަންތަން ހިންގަވަން ތިއްބެވި ބޭފުޅުންނަކަށްވެސް އިތުބާރެއް ނުކުރޭ," އަބްދުﷲ ކަމާލުއްދީން ވިދާޅުވިއެވެ.

ރައްޔިތުން ދައުލަތުގެ މުއައްސަސާތަކަށް އިތުބާރު ނުކުރަނީ ބަލަންވާ ވަރަށް ކަންކަން ނުބަލައި އެ މުއައްސަސާތަކުން ކަންކަން ނިންމުމުގެ ސަބަބުން ރައްޔިތުންގެ ހައްގުތައް ގެއްލިގެންދާތީ ކަމަށް އަބްދުﷲ ކަމާލުއްދީން ވިދާޅުވިއެވެ.

އޭގެ އިތުރުން ރައްޔިތުންގެ ކަންބޮޑުވުންތަކަށް ސަރުކާރުން ރިއާޔަތްކުރާލެއް މަދުކަން އަބްދުﷲ ކަމާލުއްދީން ފާހަގަކުރެއްވިއެވެ.

އަބްދުﷲ ކަމާލުއްދީން އިތުރަށް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް މިހާރުވެސް ޕޮލިސީތައް ލިޔަމުންދާ ކަމަށާއި، އެކަންކަން ވަގުތު ޖެހުމުން އާންމުކުރާނެ ކަމަށެވެ. އަދި ޕާޓީ އުފެއްދުމުގެ ހުއްދަ ލިބުމާއެކު މިއަންނަ އަހަރު އެ ޕާޓީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަރު ހޮވާނެ ކަމަށް ވިދާޅުވިއެވެ.

https://sun.mv/154432

އާ ޕާޓީއެއް އުފެއްދުމާ ގުޅޭގޮތުން ކަމާލުއްދީން މީގެ ކުރިން ވިދާޅުވެފައިވަނީ ގާނޫނުއަސާސީގެ ދަށުން ރައްޔިތުން ބާރުވެރިކުރެވި ދައުލަތުގެ ބާރުތައް ވަކި ކުރެވިގެން ދިޔުމާއެކުވެސް، ގައުމުގައި ހައްލުނުކުރެވިހުރި އެތަކެއް މައްސަލަތަކެއް އެބަހުރި ކަމަށެވެ.

އެހެންކަމުން އިސްލާމްދީނަށް ނަސްރުދީ، ގައުމުގެ ސިޔާދަތު ދަމަހައްޓައި، ރައްޔިތުން ފަރުދީ ގޮތުން ބާރުވެރި ކުރުވުމަށާއި ގައުމުގެ އިޖްތިމާއީ ދުޅަހެޔޮކަން ވަރުގަދަކުރުމަށް، އައު އަޒުމެއްގައި އައު ސިޔާސީ ފަލްސަފާއެއް ވުޖޫދުވާން ޖެހޭ ކަމަށް ދެކޭ ކަމަށް އަބްދުالله ކަމާލުއްދީން ވިދާޅުވިއެވެ.

comment ކޮމެންޓް