ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސަރުކާރުގައި ވަޒީރުކަން ކުރެއްވި އަބްދުﷲ ކަމާލުއްދީން (އޭކޭ) އިސްވެ ހުންނަވައި އުފައްދާ "ގައުމީ އެއްބައިވަންތަކަމުގެ ޕާޓީ" އުފެއްދުމަށް ހުށަހެޅި ފޯމު އިލްކެޝަންސް ކޮމިޝަނުން ބާތިލު ކުރުމުން އަނެއްކާވެސް އަލުން ފޯމު ހުށަހަޅައިފިއެވެ.
އެމްއާރުއެމް އިން ވަކިވެވަޑައިގެން އަބްދުﷲ ކަމާލުއްދީން އިސްވެ ހުންނަވައި އާ ސިޔާސީ ޕާޓީއެއް އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނަށް ފުރަތަމަ ފޯމު ހުށަހެޅީ މި މަހުގެ 11 ވަަނަ ދުވަހުއެވެ. ނަމަވެސް އޭރު އޭނާގެ ނަން އެމްއާރުއެމްގެ ދަފްތަރުން އުނި ނުކޮށް އޮތުމުން، ޝަރުތު ހަމަނުވާ ކަމަށް ބުނެ އިލްކްޝަނުން ވަނީ ފޯމު ބާތިލު ކޮށްފައެވެ.
އަބްދުﷲ ކަމާލުއްދީން މިއަދު "ސަން" އަށް ވިދާޅުވީ "ގައުމީ އެއްބައިވަންތަކަމުގެ ޕާޓީ" (NATIONAL SOLIDARITY PARTY) އުފެއްދުމަށް މިދިޔަ ބުރާސްފަތި ދުވަހު އަލުން އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅާފައިވާ ކަމަށެވެ.
ރައީސް މައުމޫނާއެކު އެމްއާރުއެމްގައި މަސައްކަތް ކުރެއްވުމަށްފަހު އާ ޕާޓީއެއް އުފެއްދުމަށް އަބްދުﷲ ކަމާލުއްދީން އެމްއާރުއެމް އިން ވަކިވީ މިދިޔަ ޖޫން މަހުގެ ފަހުކޮޅު އެވެ.
އާ ޕާޓީއެއް އުފެއްދުމާ ގުޅޭގޮތުން ކަމާލުއްދީން އާންމުކުރެއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ގާނޫނުއަސާސީގެ ދަށުން ރައްޔިތުން ބާރުވެރިކުރެވި ދައުލަތުގެ ބާރުތައް ވަކި ކުރެވިގެން ދިޔުމާއެކުވެސް، ގައުމުގައި ހައްލުނުކުރެވިހުރި އެތަކެއް މައްސަލަތަކެއް އެބަހުރި ކަމަށެވެ.
އެހެންކަމުން އިސްލާމްދީނަށް ނަސްރުދީ، ގައުމުގެ ސިޔާދަތު ދަމަހައްޓައި، ރައްޔިތުން ފަރުދީ ގޮތުން ބާރުވެރި ކުރުވުމަށާއި ގައުމުގެ އިޖްތިމާއީ ދުޅަހެޔޮކަން ވަރުގަދަކުރުމަށް، އައު އަޒުމެއްގައި އައު ސިޔާސީ ފަލްސަފާއެއް ވުޖޫދުވާން ޖެހޭ ކަމަށް ދެކޭ ކަމަށް އަބްދުالله ކަމާލުއްދީން ވިދާޅުވިއެވެ.
އެމްއާރުއެމްގެ ކުރީގެ މެންބަރުންގެ ތެރެއިން "ގައުމީ އެއްބައިވަންތަކަމުގެ ޕާޓީ"ގެ ނަމުގައި އާ ޕާޓީއެއް އުފެއްދުމަށް ފޯމު ހުށަހަޅާފައިވާއިރު، ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް (ރޓޑ) މުހައްމަދު ނާޒިމް އިސްވެ ހުންނަވައިގެން "މޯލްޑިވްސް ނެޝަނަލް ޕާޓީ" ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ދީފައެވެ.