މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ގައި ނަން އޮތް ކަމަށް ބުނެ، ސިޔާސީ ޕާޓީއެއް އުފެއްދުމަށް އަބްދުﷲ ކަމާލުއްދީން އިލެކްޝަންސް ކޮމިޝަނަށް ހުށިހެޅި ފޯމު މިއަދު ބާތިލް ކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ސިޔާސީ ޕާޓީއެއް އުފެއްދުމަށް އެދި ހުށަހަޅާ މީހެއްގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތު ފުރިހަމަ ނުވާތީ، ސިޔާސީ ޕާޓީއެއް އުފެއްދުމަށް އެދި އަބްދުﷲ ކަމާލުއްދީން ހުށަހެޅި ފޯމަކީ ބާތިލް ފޯމެއް ކަމުގައި މިއަދު އެ ކޮމިޝަނުން ނިންމައިފައިވާ ކަމަށެވެ.
ފޯމް ބާތިލް ކުރުމާ ގުޅިގެން އަބްދުﷲ ކަމާލުއްދީން މިއަދު "ސަން" އަށް ވިދާޅުވީ އެމްއާރުއެމް އިން އަދާކުރަން ޖެހޭ ޒިންމާ އަދާނުކޮށް އޮތުމަކީ އޭގެ ސަބަބުން އޭނާގެ ހައްގަކަށް އުނިކަން ލިބެން ޖެހޭ ސަބަބެއް ނޫން ކަމަށެވެ.
"އެމްއާރުއެމަށް ފޯނު ކޮށްލެއްވި ނަމަވެސް އެނގޭނެ އަޅުގަނޑު އެމްއާރުއެމް އިން ވަކިވެފަކަން އޮތީ. އެކަން ނުކޮށް ޓްވީޓް ކުރިޔަސް އަޅުގަނޑު ކުރާނެ ކަމެއް ނެތް. ރައްޔިތުންގެ ހިދުމަތުގަ ހުންނަ ތަންތަނުން އެ ހިދުމަތް އަދާ ނުކޮށް ހިތައް އެރި ގޮތަކަށް ކުރީމަ ނިކުންނާނެ ނަތީޖާ މި ފެންނަނީ. އަޅުގަނޑު ކުރާނެ ކަމެއް ނޯންނާނެ،" އަބްދުﷲ ކަމާލުއްދީން ވިދާޅުވިއެވެ.
އަބްދުﷲ ކަމާލުއްދީން ވިދާޅުވީ އެމްއާރުއެމްގެ ޒިންމާ ފުރިހަމަ ކުރުމުން އަލުން ފޯމް ހުށަހަޅުއްވާނެ ކަމަށެވެ.
މިކަމާބެހޭ ގޮތުން އެމްއާރުއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުލް އަލީމް "ސަން" އަށް ވިދާޅުވީ އަބްދުﷲ ކަމާލުއްދީން ވަނީ ޕާޓިން ވަކިވާން ހުށަހަޅާފައި ކަމަށެވެ.
ނަމަވެސް އެކަން އިލެކްޝަންސް ކޮމިޝަނަށް ނޭންގި ލަސްވެގެން އުޅެނީ ކޮވިޑާ ގުޅިގެން ޕާޓީގެ މަސައްކަތް ތަކަށް ދިމާވި ލަސް ކަމެއްގެ ސަބަބުން ކަމަށެވެ. އަލީމް ވިދާޅުވީ އަބްދުﷲ ކަމާލުއްދީން އެ ޕާޓިން ވަކިވިކަން މިއަދު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާނެ ކަމަށެވެ.
އަބްދުﷲ ކަމާލުއްދީން ވިދާޅުވެފައިވަނީ އެމްއާރުއެމް ދޫކޮށްލީ މިވަގުތު ރާއްޖޭގެ ސީޔާސީ ކަންކަން ހުރިގޮތުން، ސިޔާސީ ކަންކަމާ މެދު އެހެން ނަޒަރަކުން ދެކެން ބޭނުންވާތީ ކަމަށެވެ.