އެނބޫދޫފިނޮޅުގައި 80 ވިލާގެ އައު ރިސޯޓެއް ތަރައްގީ ކުރަނީ

އެސްއޯ/މޯލްޑިވްސްގެ ވިލާއެއްގެ ކޮންސެޕްޓް ފޮޓޯ--

އެނބޫދޫފިނޮޅުގައި 80 ވިލާގެ އައު ރިސޯޓެއް ތަރައްގީކުރަން ނިންމައިފި އެވެ.

ތައިލެންޑުގެ އެސް ހޮޓެލްސް އެންޑް ރިސޯޓްސްއާއި ސިންގަޕޫރުގެ ޑަބްލިއުއީޑަބްލިއުޑީ ކުންފުނީގެ ޖޮއިންޓް ވެންޗާއަކުން ހިންގާ މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ ރިސޯޓު ހިންގާނީ ފްރާންސްގެ އެކޯ ގްރޫޕުންނެވެ.

އެސް ހޮޓެލްސްއިން އެކޯއާއެކު ހޮޓެލް މެނޭޖްމަންޓް އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު، އަލަށް ތަރައްގީކުރާ ރިސޯޓު ވެގެންދާނީ ރާއްޖޭގައި ހުޅުވާ އެކޯގެ އެސްއޯ/ ހޮޓެލްސް އެންޑް ރިސޯޓްސް ބްރޭންޑުގެ ފުރަތަމަ ރިސޯޓަށެވެ.

އެސްއޯ/މޯލްޑިވްސްގެ ނަމުގައި ހުޅުވާ އެ ރިސޯޓުގައި ބީޗް ފްރަންޓް އަދި އޯވާ ވޯޓާ ވިލާ ހިމެނޭ ގޮތަށް ޖުމުލަ 80 ވިލާ ހުންނާނެ އެވެ.

ކްރޮސްރޯޑްސްގެ ތިންވަނަ ރަށުގައި ތަރައްގީކުރާ މި ރިސޯޓު ހުޅުވާނީ 2023 ވަނަ އަހަރުގަ އެވެ.

އެސްއޯ/ ހޮޓެލްސް އެންޑް ރިސޯޓްސްއަކީ އެކޯގެ ޕޯޓްފޯލިއޯގައި ހިމެނޭ އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އެއް ބްރޭންޑެވެ. އެސްއޯ/ މޯލްޑިވްސް ވެގެންދާނީ ރާއްޖޭގައި ހުޅުވާ އެކޯގެ ހަވަނަ ބްރޭންޑަށެވެ.

އެގޮތުން މިހާރުވެސް އެކޯގެ ބްރޭންޑްތައް ކަމަށްވާ މާކިއޯ، ޕުލްމަން، މޫވަންޕިކް އަދި ރެފްލްސްގެ އިތުރުން ފެއާމޮންޓްގެ ރިސޯޓު ރާއްޖޭގައި ދަނީ ހިންގަމުންނެވެ.

comment ކޮމެންޓް