ރާއްޖެއަށް ރޭޑިއޯ ތައާރަފުކުރުމުގެ މަސައްކަތުގައި އިސްކޮށް އުުޅުއްވި ކޮނޑޭ އަލިމަނިކު ނިޔާވެއްޖެ

ކޮނޑޭ އަލިމަނިކު --- ފޮޓޯ: ޕީއެސްއެމް

ރާއްޖެއަށް ރޭޑިއޯގެ ހިދުމަތް ތައާރަފުކުރުމުގެ މަސައްކަތުގައި އުޅުއްވި ހިދުމަތްތެރިޔާ ހ. ކޯޒީހައުސް އަލީ މަނިކު (ކޮނޑޭ އަލިމަނިކު) ނިޔާވެއްޖެއެވެ.

ދިވެހިރާއްޖޭގެ އަޑުގެ ހިދުމަތާ 1966 ވަނަ އަހަރު ގުޅިވައިގެންނެވި އަލިމަނިކު ވަނީ އެތަނަށް 40 އަށްވުރެ ގިނަ އަހަރު ހިދުމަތް ކުރައްވާފައެވެ. ދިވެހިރާއްޖޭގެ އަޑުގައި ވޯކްޝޮޕްގެ އެހީތެރިޔާގެ މަހގާމުން ފެށިގެން ޗީފް ޓެކްނިޝަންކަމާއި އެންޖިނިއަރުކަމުގެ މަގާމު އޭނާ އަދާކުރެއްވިއެވެ.

އޭނާއަކީ ރޭޑިއޯގެ ހިދުމަތް ރާއްޖެއަށް ފޯރުކޮށްދިނުމަށް އެންމެ ފުރަތަމަ އުފެއްދި ޓްރާންސްމިޓަރު އުފެއްދުމުގައި އަމަލީ ގޮތުން އެންމެ އިސްކޮށް ހަރަކާތްތެރިވި އެކަކެވެ.

ދިވެހިރާއްޖޭގެ އަޑުގައި ގިނަ ދުވަހު ހިދުމަތްކުރެއްވި, އަދި މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަން (ބްރޯޑްކޮމް)ގެ ކުރީގެ ރައީސް ބަދުރު ނަސީރު މިއަދު "ސަން"އަށް ވިދާޅުވީ އަލިމަނިކު ނިޔާވުމަކީ ރާއްޖޭގެ ރޭޑިއޯއަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ.

"އަލިބެއަކީ ހަމަ ރޭޑިއޯ އުފެެއްދުމުގެ ތަނބުތަކުގެ ތެރެއިން ހަމަ އެއް ތަނބު. ރޭޑިއޯގެ ފުރަތަމަ ޓްރާންސްމިޝަންތައް ކުރިޔަށް ދިޔައިރު އަލިބެ އަމިއްލައަށް އުފައްދަވާފަހުރި ޓްރާންސްމިޓަރުތައްވެސް ހުންނާނެ. އެންމެ ފުރަތަމަ ރޭޑިއޯ ޓްރާންސްމިޓަރެއް އުފެއްދެވީވެސް އަލިބެ. އަލިބެގެ ހިދުމަތްތައް އަޅުގަނޑު ވާހަކަދައްކާ ކޮޅުން ނުލާނެ," ބަދުރު މިއަދު ވިދާޅުވިއެވެ.

އަލިމަނިކު (ކޮނޑޭ) އާއި ބަދުރު ނަސީރު

އަލިމަނިކު, 82, މިއަދު ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުވެސް ވަނީ ތައުޒިޔާ ވިދާޅުވެފައެވެ.

''މަރުހޫމް ކޮނޑޭ އަލިމަނިކަކީ ރާއްޖެއަށް ރޭޑިޔޯގެ ހިދުމަތް ތައާރުފު ކުރުމުގައި ވަރަށް އިސް ދައުރެއް އަދާކުރެއްވި ހިދުމަތްތެރިއެއް. މާތް لله މަރުހޫމްގެ ފުރާނައަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރައްވައި،އާއިލާއަށް ކެތްތެރިކަން ދެއްވާށި," ރައީސްގެ ޓުވީޓުގައި ވިދާޅުވިއެވެ.

comment ކޮމެންޓް