ކުރިއަށް މިއޮތީ އަަހަރެމެންގެ އެންމެ ބޮޑު އީދެވެ. ބަދިގެއަށްވެސް އަންނަ އާދަޔާ ޚިލާފު ފޯރިގަދަ ދުވަސްތަކެކެވެ. ރަހަމީރު އެކި ބާވަތްތަކުގެ ކުކުޅުތަކާއި ބިރިޔާނީތަކުގެ މީރު ރަހަ މިހާރުވެސް އަރުތެރޭގައި ލައެވެ. ކެއްކުމާއި ކެއުމަކީ އަހަރެމެންގެ ތެރެެއިން ގިނަ ބަޔަކު ނިކަން ކުރާހިތްވާ ކަމެއްކަމުގައިވިޔަސް މިއީ އަދި އަވަދިނެތި ބަދިގެތެރޭގައި އުޅޭ އެންމެނަށް އެހާ އުފާވެރި ޚަބަރަކަށް ނުވެދާނެއެވެ.
އެހެނީ އީދުގެ ބޮޑު ސުފުރާއަށް ކުރަންޖެހޭ ބުރަ މަސައްކަތާއިއެކު، އެހެރަ އަސަރުގަދަ ފިޔާތަކުގެ ކައިރީގައި ހޭދަކުރަންޖެހޭ ވަގުތުތައް ޔަގީނުންވެސް ގިނަވާނެތީ އެވެ. ފިޔާއަކީ އެ ކޮށަން ހުންނަ މީހާއާއި އެއްވަރަށް އެވަގުތަކު ކައިރީގައި ތިބޭ އެންމެންގެ ލޮލުންވެސް ކަރުނަ ފާއްދާލެވޭހާވެސް އަސަރުގަދަ ވޭނީ އެއްޗެއްގެ ގޮތުގައި ގިނަބަޔަކު ސިފަ ކުރެއެވެ.
މި ފަހަރު މި ކިޔާދެނީ ނުރޮއެ ހުރެ ފިޔާ ކޮށާލެވޭނެ ދެތިން ގޮތެކެވެ. ގައިމުވެސް އަޖުމަ ބަލާލުމަކީ ނެތްކަމެއް ނޫންތާ އެވެ.
ފިޔާކޮށާއިރު ރޮވެނީ ކީއްވެ؟
ފިޔާކޮށާއިރު މިހާބޮޑު އަސަރެއް މިކުރަނީ ފިޔަލުގައި ހިމެނޭ ކެމިކަލްތަކުގެ ސަބަބުންނެވެ. ފިޔަލުގައި ސަލްފޮކްސައިޑްސް ނަމަކަށް ކިޔާ އެމިނޯ އެސިޑްސްތަކެއް އެކުލެވެއެވެ. އަދި އަހަރެމެންގެ ލޮލުން ކަރުނަ އޮހޮރެން މި ދިމާކުރަނީ ފިޔާ ކޮށާއިރު މި ސަލްފޮކްސައިޑްސްއަށް އަންނަ ބަދަލަކާ ގުޅިގެން އަހަރެމެންގެ ހަށިގަނޑުގައި ހިނގާ ރިއެކްޝަންއެއްގެ ސަބަބުންނެވެ.
ފިޔާ ކޮށުމުގެ ކުރިން ފިނިކޮށްލާ
ފިޔާކޮށާއިރު އެވާ ދިލަ އަސަރު ކުޑަކުރުމަށްޓަކައި އެންމެ ގިނަބަޔަކު ކުރާ އެއްކަމަކީ ފިޔާ ފިނި ފެނަށްލުމެވެ. ގިނަ ފަހަރަށް މިއީ ފިޔާ ކޮށާއިރު ލޮލުން ކަރުނަ ނުއޮހުރާ މިކަން ކޮށްްނިންމުމަށް އޮތް އެހީއެކެވެ. ފިޔާ ތޮށި ނޮޅާލުމަށްފަހު އެއްބަޔަކު ގަނޑުކުރާ ބަޔަށްވެސް ފިޔާ ލައެވެ. އަދި އަނެއްބަޔަކު ފިޔާ ކޮށުމުގެ ކުރިން ލަނީ ފިނި ފެން އެއްޗަކަށެވެ. ކޮންމެއަކަސް މިހެން ހެދުމުން ފިޔާގެ އަަސަރު ކުޑަކޮށްދެނީ، ކޮށާއިރު އެ ހިނގާ ކެމިކަލް ރިއެކްޝަންތައް މަދުކޮށްގެނެވެ. ތެތްކޮށް ހުންނަ ފިޔާ ކޮށަމުންދާއިރު ވަރަށް ފަސޭހައިން އިނިގިލި ކަނޑައިގެން ހިނގައިދާނެތީ އެކަމަށް ކޮންމެއަކަސް ސަމާލުކަން ދޭން ޖެހޭނެއެވެ.
ފިޔަލުގެ އެކަނި މައްސަލައެއްވެސް ނޫން، ވަޅި ތޫނު ކުރޭ
ފިޔަލުގެ ސަބަބުން ރޯން މި ދިމާވާ ކެމިކަލްގެ ސަބަބުން އަސަރު މިކުރަނީ ފިޔާގެ ތޮއްޓަށެވެ. އެހެންކަމުން ތޫނު ވަޅިއެއް ބޭނުންކުރުމަކީ ފިޔަލުގެ ތޮއްޓަށް ލިބޭނެ ގެއްލުން ކުޑަކޮށް އަދި އަހަރެމެންގެ ލޮލަށް މިކުރާ އަސަރުވެސް މަދުކޮށްދޭނޭ ކަމެކެވެ.
ފިޔާކޮށަމުން ކުޑަ ޕާންކޮޅެއް
މިއީ ފަހަރެއްގައި މުޅީން އަލަށް އަޑުއިވޭ ވާހަކައަށްވެސް ވެދާނެ އެވެ. އެކަމަކުވެސް ތަޖުރިބާ ކުރި މީހުން ބުނަނީ މިއީ ހަމަ ޔަގީނުންވެސް ނަތީޖާ ފެންނަ ކަމެއްކަމަށެވެ. ފިޔާ ކޮށަމުން އަނގަައިގައި ކުޑަ ޕާންކޮޅެއް ބާއްވާލާށެވެ. އެއްބަޔަކު ބުނާގޮތުން ފިޔާކޮށާއިރު އެ ނުކުންނަ ކެމިކަލްތަކުގެ އަސަރު ލޮލަށް ކުރާވަރު ކުޑަވެ ޕާނުގެ ތެރެއަށް ވަދެގެންދެއެވެ.
މި ނޫނަސް އެތައް ކަމެއް ފިޔާކޮށާއިރު އެ ކުރާ އަސަރުން ސަލާމަތްވުމަށް އަހަރެމެންގެ ތެރޭގައި ކޮށްއުޅެއެވެ. މިގޮތުން ވަކޮ ގޮތަކަށް ފިޔާ ކޮށާއިރު ބޭއްވުމާއި ވަކި ގޮތަކަށް ވަޅިން ކޮށުމާއި އަދި މަދުން ނަމަވެސް ފިޔާކޮށާއިރު ލޮލުގައި ގޮގުލް އެއް އަޅާލުމަކީވެސް ހަމަ ބައެއް މީހުން ކުރަމުން އަންނަ ކަންކަމެވެ.