މާތްވެގެންވާ އަޅުކަމުގެ މައްސަރެއް ނިމި އަޅުގަނޑުމެންނާ ބައްދަލުކުރާ ފިޠުރު ޢީދު ދުވަހަކީ ވަރަށް އުފާވެރި މަންޒަރުތަކެއް ދިވެހި މުޖްތަމަޢުން ފެންނަ ދުވަހެކެވެ. ރަމަޟާން މަހުގެ އެންމެ ފަހު ރޯދަ ނިންމާލުމަށް ފަހު ޖެހިގެން އަންނަ ދުވަހަކީ ޢީދު ދުވަސްކަން ކަށަވަރުވެ, ކަމާގުޅޭ ވުޒާރާއިން އެކަން އިޢުލާނުކުރުމާ އެކު އެންމެ ފުރަތަމަ ވެސް ފޯނަށް ފުލުފުލުން މެސެޖުތައް އަންނަން ފަށައެވެ.
މިއީ ޒަމާނަށް އައި ޓެކްނޮލޮޖީގެ ކުރިއެރުމާ އެކު ޢީދު ދުވަހުގެ ތަހުނިޔާ އާއިލާއާއި ރަޙުމަތްތެރިންނަށް ކިޔުމަށް ބޭނުންކުރާ އެންމެ ފަސޭހަ ވަސީލަތެވެ. އަތޮޅުތެރޭގެ މީހުން ވެސް މިގޮތަށް އަމަލުކުރި ނަމަވެސް ބަދަލުނުވާ އެއް ކަމެއް އަދިވެސް އެބައޮތެވެ. އެއީ ޢީދު ދުވަހާ ގުޅުވައިގެން ތައްޔާރުކުރާ ހެނދުނުގެ ޚާއްސަ ޢީދު ސައި ނުވަތަ ހެނދުނުގެ ނާސްތާއެވެ.

ޢީދު ދުވަހަށް ހާއްސަކޮށްގެން އިންތިޒާމުކުރާ ޢީދު ސަޔަށް އިންސާފު ކުރަނީ ޢީދު ނަމާދު ނިންމާލުމަށްފަހު--ފޮޓޯ/ފޭސްބުކް
'ޢީދު ސައި'ގެ ނަމުން މަޝްހޫރު މި ނާސްތާ އަތޮޅުތެރޭގެ ރަށްރަށުގައި ވަރަށް ފުޅާކޮށް ކުރިއަށް ގެންދާއިރު މާލޭގެ ވެސް ޢީދު ސައި ތައްޔާރުކުރާ ގެތައް މަދެއް ނޫނެވެ. ރަށްރަށުގައި ޢީދު ސައި ތައްޔާރުކުރަނީ ވަކި ޙާއްސަ ބަޔަކަށް ނޫނެވެ.
އާބާދީ ބޮޑެތި ރަށްރަށުގައި ޢީދު ސައި ރަށުގެ އަވަށްތަކުގެ މީހުންނަށް ޚާއްސަކޮށްގެން ބޭއްވޭއިރު އާބާދީ ކުދި ރަށްތަކުގައި ޢީދު ސައި ބާއްވަނީ ރަށުގެ ހުރިހާ ރައްޔިތުންނަށް ވެސް ބައިވެރިވެވޭ ގޮތަށެވެ. ރަށުގެ ރައްޔިތުންގެ އިތުރުން ޢީދު ޗުއްޓީއަށް އެ ރަށްރަށަށް ޒިޔާރަތްކުރާ މެހެމާނުންނަށް ވެސް ޢީދު ސައިގެ ދައުވަތު އެ ރަށުގެ މީހުން އަރުވާ ކަމީ ދިވެހީންގެ ތެރެއިން ފެންނަ ވަރަށް ރީތި އާދައެކެވެ.
މިގޮތަށް ދައުވަތުދޭއިރު ވަކި ޤައުމެއްގެ ނުވަތަ ވަކި ރަށެއްގެ މީހަކަށް ނުބަލާ ޢީދު ދުވަހަށް ޚާއްސަ ކުރެވޭ "ޢީދު ސައި" އެއީ ކޮންމެ މީހަކަށް ވެސް ބައިވެރިވެވޭ ގޮތަށް އިންތިޒާމުކުރާ ނާސްތާއަކަށްވުމީ ވެސް ފެންނަ ވަރަށް އުފާވެރި މަންޒަރެކެވެ.

ޢީދު ދުވަހުގެ ހެނދުނުގެ ނާސްތާ އަކީ ވަރަށް ފުޅާކޮށް ރަށުގެ އެންމެހާ ރައްޔިތުންނަށް ދައުވަތު ދީގެން ކުރިއަށްގެންދާ ވަރަށް ހާއްސަ ހަރަކާތެއް--ފޮޓޯ/ކަނޑުހުޅުދޫކައުންސިލް
ދާދި ފަހުން ބައްދަލުވި ސްރީލަންކާއަށް ނިސްބަތްވާ ދެމަފިރިއަކު ބުނީ، ފިޠުރު ޢީދު ފާހަގަކުރުމުގެ ގޮތުން ކ. އަތޮޅު ހުރާއަށް ދަތުރެއް ކުރި ކަމަށެވެ.
އެ ރަށުން ފެނުނު އެންމެ ހިތްގައި މަންޒަރަކީ ހެނދުނުގެ ނާސްތާގެ އިތުރުން ޢީދު ދުވަހުގެ މެންދުރު ކެއުމަށާއި ހަވީރު ސަޔަށް ވެސް ރަށުގެ އެކި ގޭގެއިން ދައުވަތު ލިބުން ކަމަށް މި ދެމަފިރިން ވަނީ ފާހަގަކޮށްފައެވެ.
ޢީދު ސަޔަށް ތައްޔާރުވުމުގެ ގޮތުން ޢީދު ވިލޭރޭ ރަށްރަށުގެ އަންހެންވެރިން އެކުވެ، ހެނދުނުގެ ނާސްތާއަށް ބޭނުންވާ ބާވަތްތައް ތައްޔާރުކުރުމަށް އަވަސްވެގަނެއެވެ. ޢީދު ސައިގެ އެންމެ މުހިއްމު އެއް ބާވަތް ކަމަށްވާ ޢީދު ބޯކިބާ ފަދަ ބާވަތްތައް ކުރިއާލާ ތައްޔާރު ކުރުމަކީ ޒަމާނުއްސުރެ ދިވެހީންގެ އާދަކާދައިގެ ތެރޭ ހިމެނޭ ކަމެކެވެ.
ހަމައެއާއެކު މާލޭގައި ވެސް ޢީދު ސައި ތައްޔާރުކުރާ ގޭގެ މީހުން އަމަލުކުރަނީ މިފަދައިންނެވެ. ބައެއް ގޭގޭގައި ކުއްޔަށް އުޅޭ އަވަށްޓެރިންގެ މެދުގައި ޢީދު ސައި ޕާރުސަލްތައް ހިއްސާކުރާއިރު ގޭގެއަށް ދައުވަތު ދީގެން ވެސް ޢީދު ސަޔަށް އިންސާފުކުރުމަކީ ދިވެހީންގެ ތެރެއިން މިހާރު ވެސް ފެންނަ ފަނޑުވުމެއް ނެތް އާދައެކެވެ.