އެއްވެސް ފައިސާއަކާއި ލިޔެކިޔުމަކުން ވައްކަންކޮށްފައެއް ނުވޭ: އެސްޑީއެފްސީ

އެސްޑީއެފްސީ -- ފޮޓޯ/ ރައީސް އޮފީސް

އެސްއެމްއީ ޑެވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގެ އޮފީސް ފަޅާލި މައްސަލައިގައި އެއްވެސް ފައިސާ އަކާއި ލިޔެކިޔުމެއް ގެއްލިފައި ނުވާކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭން 2019 ވަނަ އަހަރު އުފެއްދި އެސްޑީއެފްސީގެ އޮފީސް ފަޅާލައި ވައްކަން ކޮށްފައިވާ މައްސަލައެެއް މިއަދު ހެނދުނު 8:56 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށް ފުލުހުން ވަނީ މީގެ ކުރިން ބުނެފައެވެ.

އެސްޑީއެފްސީއިން ނެރުނު ބަޔާނެއްގައި ބުނީ، ރޭގެ ވަގުތެއްގައި އެ ކޯޕަރޭޝަންގެ ހެޑްއޮފީހަށް ވަދެ ވައްކަންކުރުމަށް ބަޔަކު މަސައްކަތް ކޮށްފައިވާ ކަމަށެވެެ. އެ ވައްކަމާ ގުޅިގެން އެސްޑީއެފްސީގެ ބައެއް ހަރުމުދަލަށް ގެއްލުންވެފައިވީ ނަމަވެސް އެއްވެސް ފައިސާއަކުން ނުވަތަ ލޯނު އެޕްލިކޭޝަނާ ގުޅިގެން އެއްވެސް ފަރާތަކުން ހުށަހަޅަފައިވާ ޒާތީ މައުލޫމާތާއި ލިޔެކިޔުންތަކުން ވައްކަންކޮށްފައި ނެތް ކަމަށެވެ.

އޭގެ އިތުރުން ލޯނު އެޕްލިކޭޝަނާއި ގުޅިގެން އާންމު ފަރާތްތަކުން އެސްޑީއެފްސީ އާ ހިއްސާކޮށްފައިވާ މައުލޫމާތުތަކާއި ލިޔެކިޔުންތައް ރައްކާތެރިގޮތުގައި ބަލަހައްޓަމުންގެންދާނެކަމުގެ ޔަގީންކަން އެފަރާތުން ވަނީ އަރުވާފައެވެ. އަދި އެމައްސަލައާއިގުޅޭ އިތުރު ތަފްސީލު މައްސަލައިގެ ތަހުގީގު ކުރެވެމުންދާވަރަކަށް ހިއްސާކުރާނެ ކަަމަށް އެފަރާތުން ބުނެއެވެ.

އެސްޑީއެފްސީގެ އޮފީސް ފަޅާލައި ވައްކަން ކުރަން މަސައްކަތް ކުރި މައްސަލަ ފުލުހުން މިހާރު ދަނީ ބަލަމުންނެވެ.

comment ކޮމެންޓް