ރައީސް ނަޝީދާއެކީ ޕީޕީއެމް، ޕީއެންސީން މަސައްކަތެއް ނުކުރާނަން: އަދުރޭ

ފެބްރުއަރީ 1، 2019: އިދިކޮޅު މައި ޕާޓީ ޕީޕީއެމްއާއި އަލަށް އުފެއްދެވި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގުޅިގެން ސިޔާސީ މަސައްކަތް ކުރެއްވުމަށް ކޯލިޝަން އެއްބަސް ވުމެއްގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ރައީސް މުހައަމަދު ނަޝީދާ އެކީ އިދިކޮޅު ޕީޕީއެމް، ޕީއެންސީން މަސައްކަތް ނުކުރާނެކަމަށް އިދިކޮޅު ކޯލިޝަން ހިންގުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީނާއެކު މަސައްކަތް ކުރައްވަންޖެހިދާނެ ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ މިއަދު ވިދާޅުވެފައެވެ.

މިކަމާ ގުޅޭގޮތުން ސުވާލުކުރުމުން އަބްދުއްރަހީމް "ސަން" އަށް ވިދާޅުވީ ޕީޕީއެމުން ކުރާ މަސައްކަތަކީ ރައީސް ޔާމީން މިނިވަންކުރުމުގެ މަސައްކަތްކަމަށެވެ.

ރައީސް ޔާމީން ޖަލަށްލާފައި ވަނީ މި ސަރުކާރުން ކަމަށާއި ސަރުކާރު ހިންގާ ޕާޓީއަކީ އެމްޑީޕީ ކަމަށްވާއިރު، އެ ޕާޓީއާއެކު މަސައްކަތް ނުކުރެވޭނެ ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއަދު ސަރުކާރު ހިންގަނީ އެމްޑީޕީއިން. އެމްޑީޕީގެ ރައީސަކީ ރައީސް ނަޝީދު. އެހެންވީމާ އަޅުގަނޑުމެންނަކަށް ނޯންނާނެ އެމީހުންނާއެކީ، އެމްޑީޕީއާއެކީ މަސައްކަތްކުރެވޭކަށް،" އަބްދުއްރަހީމް ވިދާޅުވިއެވެ.

މީގެ އިތުރުން އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީނަށް ނުހައްގުން އަނިޔާ ދެނީ އެމްޑީޕީއާއި އެ ޕާޓީގެ ސަރުކާރުން ކަމަށެވެ.

"އެހެންވީމާ ރައީސް ޔާމީނަށް ހެސްކިޔާފަ އަނިޔާކުރަމުން އަދި ރައީސް ޔާމީންގެ އެހީއަށް އެދުނީމަކާ އެވާހަކަ ދިމާއެއް ނުވޭ،" އަބްދުއްރަހީމް ވިދާޅުވިއެވެ.

ރައީސް ޔާމީން މިނިވަން ކުރުމަށްޓަކައި އެމްޑީޕީއާއެކު "ޑީލެއް" ނުހަދާނެކަމަށް ވެސް އަބްދުއްރަހީމް ވަނީ ވިދާޅުވެފައެވެ. އަދި ރައީސް ޔާމީން މިނިވަން ވާން ޖެހޭނީ އިންސާފުވެރިކަމާއެކު ކޯޓުންކަމަށްވެސް ވިދާޅުވިއެވެ.

"ރައީސް ޔާމީން މިނިވަންކުރުމަށް އަޅުގަނޑުމެން މިކުރަނީ ގާނޫނީ ގޮތުން ކުރާ މަސައްކަތެއް. ޑީލް ހަދައިގެންނެއް އަޅުގަނޑުމެން މިކަންކުރާކަށް ބޭނުމެއް ނޫން،" އަބްދުއްރަހީމް ވިދާޅުވިއެވެ.

ރައީސް ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެމެދު މައްސަލަތަކެއް ޖެހި، އެމްޑީޕީގެ ތެރޭގައި މިހާރު ވަނީ ދެ ފެކްޝަން އުފެދިފަ އެވެ. ރައީސް ނަޝީދުގެ ފެކްޝަނާއި ރައީސް ސޯލިހުގެ ފެކްޝަންގެ ބޭފުޅުންގެ މެދުގައި ވެސް އަންނަނީ ބަހުގެ ހަމަލާތަކެއް އަމާޒުކުރަމުންނެވެ. އެގޮތުން މިއަދު ރައީސް ނަޝީދު ވަނީ ރައީސް ސޯލިހުއާއެކު ސިޔާސީ ގޮތުން ހުރެވެން ނެތްކަމަށްވެސް ވިދާޅުވެފައެވެ.

comment ކޮމެންޓް