އިނގިރޭސިވިލާތުގެ އަމިއްލަ ބިމުގައި ކުޅުނު ފައިނަލުގައި ޕެނަލްޓީ ޖަހައިގެން އެގައުމު ބަލިކޮށް އިޓަލީއިން ޔޫއެފާ ޔޫރޯ ޗެމްޕިއަންޝިޕް ދެ ވަނަ ފަހަރަށް ކާމިޔާބުކޮށްފި އެވެ.
އިންގްލެންޑްގެ ވެމްބްލީ ސްޓޭޑިއަމުގައި ކުޅުނު ފައިނަލް މެޗު އިޓަލީން ކާމިޔާބުކުރީ ފުރިހަމަ ވަގުތު ހަމަވި އިރު 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައި އޮތުމުން ކުޅުނު އިތުރުވަގުތުގެ ދެ ހާފުގައި ވެސް ނަތީޖާއެއް ނެރެވިފައި ނުވުމުން ޖެހު ޕެނަލްޓީގައި 3-2 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. މިއީ 1968 ވަނަ އަހަރަށްފަހު އިޓަލީން ޔޫރޯ ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. އަދި މިއީ އެ ގައުމުން މި މުބާރާތް ކާމިޔާބުކުރި ދެވަނަ ފަހަރެވެ.
މެޖޯރިޓީ އިންގްލެންޑް ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މެޗު ފަށައިގެން ދެވަނަ މިނެޓުގައި އިންގްލެންޑުން ވަނީ ލަނޑު ޖަހައިފަ އެވެ. ކިރަން ޓްރިޕިއާ ނަގައިދިން ބޯޅަ ގޯލް ކުރިމައްޗަށް ހުރަސް ވުމުން ލޫކް ޝޯ އޭރިއާ ތެރެއަށް އަރައި އެއްފަހަރުން ޖަހައި ގޯލްތެރެއަށް ބޯޅަ ވައްދާލި އެވެ. މިއީ ޔޫރޯ ފައިނަލެއްގައި މިހާތަނަށް ޖެހި އެންމެ އަވަސް ގޯލެވެ.
އިނގިރޭސިންގެ ގޯލަށްފަހު އިޓަލީން މުޅި މެޗު ޑޮމިނޭޓްކޮށްގެން ވަނީ ކުޅެފަ އެވެ. އެގޮތުން މެޗުގެ ފުރަތަމަ ހާފުގައި އިޓަލީގެ އެންމެ ނުރައްކާތެރި ހަމަލާ ފޮނުވާލީ މިފަހަރުގެ މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ފެޑެރިކޯ ކިއޭސާ އެވެ. އޭރިޔާ ބޭރުން ކިއޭސާ ފޮނުވާލި ބާރު ހަމަލާ ދިޔައީ އަރިމަތިން ބޭރަށެވެ.
މެޗުގެ 67 ވަނަ މިނެޓުގައި އިޓަލީން ނެގި ކޯނަރެއްގައި އެޓީމަށް ނަތީޖާ ހަމަހަމަކޮށްދިނީ ލިއޮނާޑޯ ބޮނޫޗީ އެވެ. މާކޯ ވެރާޓީ ބޮލުން ޖެހި ބޯޅަ ގޯލުގެ ދަނޑީގައި ޖެހިފައި ނުކުތް ވަގުތު ބޮނޫޗީ ވަނީ ފަސޭހައިން ގޯލަށް ވައްދާލައިފަ އެވެ. އުމުރުން 34 އަހަރުގެ ބޮނޫޗީ ވެފައިވަނީ ޔޫރޯ ފައިނަލެއްގައި ލަނޑު ޖެހި އެންމެ ދުވަސްވީ ކުޅުންތެރިޔާއަށެވެ.
މެޗު އެއްވަރުވުމާ ގުޅިގެން ޖެހި ޕެނަލްޓީގައި އިޓަލީން ކުރި ހޯދީ ޖެހި ފަސް ޕެނަލްޓީގެ ތެރެއިން ތިން ޕެނަލްޓީ ކާމިޔާބުކޮށްގެންނެވެ. ޕެނަލްޓީ ޝޫޓްއައުޓުގައި އިންގްލެންޑްގެ މާކަސް ރަޝްފޯޑާއި، ޖޭޑަން ސަންޗޯ އަދި ބުކަޔޯ ސަކާ ފޮނުވާލި ޕެނަލްޓީތައް ކާމިޔާބުވެފައެއް ނުވެއެވެ. އަދި އިޓަލީގެ އަންދްރެއާ ބެލޮއްޓީ އާއި ޖޯޖީނިއޯ ފޮނުވާލި ޕެނަލްޓީތައް އިންގްލެންޑުގެ ގޯލްކީޕަރު ޖޯޑަން ޕިކްފޯޑް ވަނީ ދިފާއުކޮށްފައެވެ.
ޑޮނަރޫމާގެ މޮޅު ކުޅުމާ އެކު ތިން ޕެނަލްޓީ އިޓަލީން ދިފާއު ކުރި އިރު، މުބާރާތުގެ ިމޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ލިބިފައިވަނީ އޭނާއަށެވެ. މިއީ ޔޫރޯ މުބާރާތެއްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ކީޕަރަކަށް ލިބުނު ފުރަތަމަ ފަހެރެވެ.