މެމްބަރު އީސަގެ މައްސަލައިގައި ކަންކުރެވި، ބަސްބުނެވުނު: ޖީހާން

ޖީހާން މަހްމޫދު -- ފައިލް ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހްމަދު އީސާ އޭނާގެ ކުރީގެ އަނބިކަނބަލުންނަށް ގެވެށި އަނިޔާކުރެއްވި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ އަންހެން ހަތަރު މެމްބަރުންވެސް އަޑުއުފުލާ އެކަމުގައި މަސައްކަތްކޮށްފައިވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީގެ މުގައްރިރު ޖީހާން މަހްމޫދު ވިދާޅުވެއްޖެއެވެ.

ރޭ ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޖީހާން ވިދާޅުވީ އެ މައްސަލައާއި ގުޅޭ ގޮތުން އަންހެން މެމްބަރުން ބަސް ނުބުނާކަމަށް ދޭހަވާފަދަ ގޮތަކަަށް ނޫސްތަކުގައި ސުރުހީ ހެދި ސަބަބެއް އެނގިވަޑައިނުގަންނަވާކަމަށެވެ.

"އަޅުގަނޑު އިނީ އިޖްތިމާއީ ކޮމިޓީގައި. އިޖްތިމާއި ކޮމިޓީގައި ބޭއްވުނު ބައްދަލުވުން. ދެން އެ ބައްދަލުވުމުގައި ވާހަކަވެސް ދެއްކިން. އަޅުގަނޑު މީ އެ ޕެޓިޝަންގައިވެސް ސޮއިކުރި އެކަކު. ދެން އަނެއްކަމަކީ އަޅުގަނޑުގެ ކޮމިޓީ، ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއިން އެދުވަހުން އެދުވަހަށް އެކަމާ ގުޅިގެން ތަންތަނަށް ފޮނުވަންޖެހޭ ހުރިހާ ސިޓީތަކެއް ފޮނުވީމާ އަޅުގަނޑުމެންނަށް އައި މީޑިއާއިން ކޯލްތައް." ޖީހާން ވިދާޅުވިއެވެ.

https://sun.mv/152479

ޖިހާން އިތުރަށް ވިދާޅުވީ މި މައްސަލައިގައި ހިމެނޭ ދެ ބޭފުޅުންނަކީ ސިޔާސީ ގޮތުން ނުފޫޒުގަދަ ދެ ބޭފުޅުންކަމަށްވެފައި ރައްޔިތުންގެ ކަންބޮޑުވުން މި މައްސަލައިގައި އޮތްކަމަށެވެ. އަދި އެހެންކަމުން އުސޫލުތަކާ ގާނޫނުތަކާ އެއްގޮތަށް މި މައްސަލަ ރަނގަޅަށް ބަލާ އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ފެއްޓެވިކަމަށެވެ.

" އެހިސާބުން ދެން އަޅުގަނޑަށް ވިސްނުނީ ފުރަތަމަ ކަމަކީ ކުރަންޖެހޭ ކަންތައް ކުރުން. ބަސްވެސް ބުނަން ޖެހޭނެ. އެކަމަކު އަޅުގަނޑު ހީކުރީ ކަން ކުރެވިފައި ބަސްވެސް ބުނެވުނީ ކަމަށް," އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން މަޖިލީހުގެ ހުރިހާ އަންހެން މެމްބަރުންވެސް އެކަމުގެ މައުލޫމާތު ސާފުކޮށް އެކަމާ ގުޅޭގޮތުން ވާހަކަދައްކަވާފައިވާކަމަށް ޖީހާން ވިދާޅުވިއެވެ. އަދި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެންމެ ބޮޑަށް ހިތްވަރު ދިނީވެސް މަޖިލީހުގެ އަންހެން މެމްބަރުންކަމަށް ޖީހާންގެ ވާހަކައިގައިވަނީ ފާހަގަކުރައްވާފައެވެ.

އީސަ ގެވެށި އަނިޔާ ކުރި ކަމަށް ތުހުމަތު ކުރެވެނީ، އޭނާގެ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމް (އަސޫ) އަށެވެ. ނައިބު ރައީސް ފައިސަލް ނަސީމްގެ ކޮއްކޮ، އަސްރާ ވަނީ އެ މަައްސަލައިގަައި ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓް(އެފްސީޕީޑީ) އަށް ބަޔާންވެސް ދީފައެވެ.

އެހެންނަމަވެސް އީސައާ ދެކޮޅަށް ފުލުހުންނަށް މައްސަލަ ހުށަހަޅައި ބަޔާން ދިނީ ޖެހުނު މައްސަލައެއްގެ ރުޅި އާއި ޖަޒުބާތުގައި ކަމަށް ވިދާޅުވެ ދައުވާ ކުރިއަށް ނުގެންދަން އަނބިކަނބަލުން އަސްރާ ނަސީމް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި ފަހުން ވަނީ އެދިވަޑައިގެންފަ އެވެ.

comment ކޮމެންޓް