މި މައިކުތަކުގައި މައްސަލަ ޖެހިއްޖެ، އަނިޔާއާ ދެކޮޅަށް އަޑެއް ނާދޭ!

ޖިންސީ ގޯނާ ލިބެނީ އަންހެނުން އަޅާ ހެދުމުގެ ސަބަބުން ކަމަށް ދޭހަވާ އިބާރާތަކުން ޑރ. މުހައްމަދު އިޔާޒް ކުރެއްވި ޓުވީޓަކާ ގުޅިގެން، މިދިޔަ އަހަރުގެ ޖޫން މަހުގެ 20 ވަނަ ދުވަހު ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވަރަށް ވަރުގަދަ ވާހަކަތަކެއް ދެއްކެވި އެވެ. އަޑަށް ބާރުލައްވާފައި އީވާ އިޔާޒަށް އެންގެވީ ފަހަތަށް ޖެހުމަށެވެ. ހަބަރުދާރެވެ. އެ ގޮނޑީގައި އީވާ އިންނަވަނިކޮށް އަންހެނުންނަށް ގޯނާކުރަން ފުރުސަތު ނުދެއްވާނެ ކަމަށް ވަރަށް ފޯރީގައި ވިދާޅުވި އެވެ.

"މި މައިކް، ގަލޮޅު އުތުރުގެ މި މައިކް އަޅުގަނޑުގެ އަތުގައި އޮތްހާ ހިނދަކު އަޅުގަނޑު މި ދަންނަވަނީ، އަޅުގަނޑު އިރާދަކުރެއްވިއްޔާ ދިވެހި އަންހެނުންގެ ހިމާޔަތުގައި، އެ ކުރާ ފަޟީހަތް ކުރަން، އެ ކުރާ ގޯނާ ކުރަން ދިޔަކަ ނުދޭނަމޭ," އީވާ އެ ދުވަހު ވިދާޅުވި އެވެ.

ގައިމުވެސް ގަލޮޅު އުތުރު ދާއިރާގެ މައިކް އަދިވެސް އޮންނެވީ އީވާގެ އަތުގަ އެވެ. ނަމަވެސް މިއަދު އެ މައިކްގައި މައްސަލައެއް ޖެހިއްޖެ އެވެ. ކެނދިކުޅުދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެމްބަރު އަހްމަދު އީސާގެ ގެވެށި އަނިޔާގެ މައްސަލައެއް ފެންމަތިވިތާ ދެ ދުވަސް ވީ އެވެ. އީވާގެ އަތުގައި އޮތް މައިކުން އަޑެއް ނާދެ އެވެ. ދެ ދުވަސް ވީއިރު އެންމެ ކުޑަމިނުން އެކަން ކުށްވެރިކޮށް ވެސް އެއްޗެއް ވިދާޅުވެފަ އެއް ނުވެ އެވެ.

އީވާ ވަނީ އީސަގެ މައްސަލަ ބެލުމަށް އަންގަވައިފަ އެވެ. އެކަމާ ގުޅޭ ހަބަރެއް ޓުވީޓު ކޮށްލެއްވި އެވެ. ނަމަވެސް އިންނެވީ ވަރަށް ހިމޭނުންނެވެ. ފަހަރުގައި މިފަަހަރު އަންހެނަކަށް އަނިޔާކުރި މީހާގެ ސަބަބުން މާގިނަ ވާހަކަ ދެއްކެއް ނެތީ އެވެ. ނޫނީ ދައްކަވަން ބޭނުން ނުވަނީ އެވެ.

ހަމައެކަނި މެމްބަރު އީވާ އެއް ނޫނެވެ. މަޖިލީހުގައި ތިއްބެވި ހަތަރު އަންހެން މެމްބަރުން ވެސް މި މައްސަލައިގައި އަދި އެއްޗެއް ވިދާޅުވެފަ އެއް ނުވެ އެވެ. އެއްޗެއް ވިދާޅުނުވި ނަމަވެސް، އަންހެނުންނާއި ކުޑަކުދިންގެ ހައްގުތަކުގައި އެންމެ ބަސް އިއްވާ މެމްބަރުގެ ގޮތުގައި މީގެކުރިން ފާހަގަކުރެވުނު، ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު ވަނީ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ މުގައްރިރު ކަމުން އީސަ ވަކިކުރުމަށް މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފަ އެވެ. އަދި އީސަ ވަކިކުރަން ވޯޓު ވެސް ދެއްވި އެވެ.

ހަނު ހުރުމަކީވެސް ވަރަށް ގިނަ އެއްޗެހިތަކެއް ބުނެދޭ ކަމެއްކަން ގިނަ ބަޔަކު އަންނަނީ ފާހަގަ ކުރަމުންނެވެ. އަދި މަޖިލީހުގެ އަންހެން މެމްބަރުން މި މައްސަލައިގައި އެއްވެސް އެއްޗެއް ވިދާޅުނުވާތީ، ސޯޝަލް މީޑިއާގައި އެތައް ބަޔަކު އަންނަނީ އެކަން ފާހަގަކޮށް، ފާޑުކިޔަމުންނެވެ.

އެމީހުން ވެސް ބުނަމުން އަންނަނީ އެންމެ ކުޑަމިނުން އީސަގެ އަމަލު ކުށްވެރިކޮށްލައި އެއްޗެއް ބުނަން ކެރިވަޑައިގަންނަވާ އަންހެން މެމްބަރަކު ނެތީތޯ އެވެ. މި ދެ ދުވަހު އެ މެމްބަރުން ވީތަނެއް ހޯދަން އަންނަނީ ޓެގު ކުރަމުންނެވެ. އެހެން ނަމަވެސް އެ މެމްބަރުން އަދި ތިއްބެވީ ހިމޭނުންނެވެ.

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އަކީ އާންމުކޮށް ޓުވިޓާގައި ވަރަށް އެކްޓިވް ބޭފުޅެކެވެ. ޓެގް ކުރައްވާ ކޮމެންޓުތަކަށް ވެސް ޖަވާބު ދެއްވަ އެވެ. ޓެގް ނުކުރިޔަސް ބައެއް ކަންކަމުގައި އަމިއްލައަށް ވެސް ވާހަކަދައްކަވަ އެވެ.

ނަމަވެސް މި މައްސަލައާ ގުޅިގެން މުޅި ދުވަހު އޭނާ ޓެގުކޮށް އަހަމުން ދިޔަ ސުވާލުތަކަށް ޖަވާބެއް ނުދެއްވަ އެވެ. ދާދި ދެންމެއަކު މީހަކު ކުރި ޓުވީޓަކަށް ޖަވާބު ދެއްވައި ވިދާޅުވީ، އޭނާއަށް މިކަމުގައި ކުރެވޭނެ ކަމެއް ނެތް ކަމަށެވެ.

ރޮޒައިނާ ިވިދާޅުވީ ގެވެށި އަނިޔާއާ ދެކޮޅު ކަމަށާއި، އަބަދުވެސް އަނިޔާ ލިބުނު ފަރާތުގެ ވާހަކަ ގަބޫލުކުރައްވާނެ ކަމަށެވެ.

"މައްސަލަ ރިޕޯޓުކުރި ހިސާބުން ފެށިގެން ފުލުހުން އަންނަނީ ފުރިހަމަ ތަހުގީގެއް ހިންގަމުން. އެހެންވީމަ މިހާރު ދެން މިކަމުގައި އަޅުގަނޑަށް ކުރެވޭނެ އަދި ބުނާނެ އެއްޗެސް ވެސް ނެތް. އެއްވެސް ކަހަލަ އިހުމާލެއް ވާނަމަ އެކަމަށް އަޅުގަނޑު އެޓެންޑު ކުރާނަން،" ރޮޒައިނާ ވިދާޅުވި އެވެ.

"ވޮއިސް އައުޓް ކޮށްގެން ބުނަން އޮތް އެއްޗަކީ ވެސް މި މައްސަލަ އަވަހަށް ތަހުގީގުކޮށް އިންސާފު ހޯދާ ދޭށޭ.އެކަން ކުރިޔަށް ދޭތޯ ބަލައިފިން އަދި ކުރިއަށް އެބަ ދޭ،" މެމްބަރު ވިދާޅުވި އެވެ.

މީގެކުރިން ޖިންސީ ގޯނާއެއްގެ މައްސަލައަކާ މުޅި ގައުމު ހިލިގެން ދިޔަ އިރުވެސް، މި މައިކުތަކުން އަޑު ކެނޑިގެން ދިޔަ އެވެ. ސަފާރީއެއްގައި ހިނގި އެ ހާދިސާގައި ތުހުމަތު ކުރެވޭ މީހުންގެ ސަބަބުން ބައެއް މެމްބަރުން އެކ މައްސަލައިގައި ވެސް ހިޔާރު ކުރެއްވީ ހަނު ތިބުމަށެވެ.

މިއަދުވެސް މި ފެންނަނީ ދާދި އެއްކަހަލަ މަންޒަރެކެވެ. މައިކު އޮވެމެ، ބައެއް މައްސަލަތަކުގައި އަޑު ބާރުވެފައި، ބައެއް މައްސަލަތަކުގައި މައިކުގެ ވާގަނޑު ކަނޑައިގެން ގޮސް އަޑު އެއްގޮތަކަށް ވެސް ނުނުކުންނަނީ އެވެ. އެހެންކަމުން މިއީ ވަކި ބައެއް ވީމާ ނިވޭ މައިކުތަކެއް ކަމަށް ބުނުމުގެ ޖާގަ އެބަ އޮތެވެ.

އަންހެން މެމްބަރުންނާ ހިލާފަށް، މަޖިލީހުގެ ފިރިހެން މެމްބަރުން އަންނަނީ މި މައްސަލައިގައި ވަރަށް ބޮޑަށް ވާހަކަ ދައްކަވަމުންނެވެ. ބައެއް މެމްބަރުން އީސަ ހައްޔަރުކުރަން ފާޅުގައި ގޮވާލައްވަމުން އަންނަ އިރު، ގިނަ މެމްބަރުން ގެންދަވަނީ އީސަގެ އަމަލު ކުށްވެރިކޮށް ފިޔަވަޅު އެޅުމަށް ގޮވާލަމުންނެވެ.

އީސަ ގެވެށި އަނިޔާ ކުރިކަމަށް ތުހުމަތު ކުރެވެނީ، އޭނާގެ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމް (އަސޫ)އަށެވެ. ނައިބު ރައީސް ފައިސަލް ނަސީމްގެ ކޮއްކޮ، އަސްރާ އިއްޔެ ވަނީ އެ މަައްސަލައިގަައި ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓް(އެފްސީޕީޑީ)އަށް އިއްޔެ ބަޔާންވެސް ދީފަ އެވެ.

އީސައާއި އަސޫގެ ދަރިފުޅަށްވެސް އީސަގެ ފަރާތުން އަނިޔާ ކުރިމަތިވި ކަމަށް އަސޫގެެ ގާތް މީހުން ބުނެފައި ވެއެވެ.

އަސޫ ދަންނަ ގާތް މީހަކު ބުނެފައިވާގޮތުން، އީސަ ވަނީ އަސޫ އާއި އީސަގެ ދަރިފުޅު، އެމީހުން ދިރިއުޅޭ އިމާރާތުގެ ބެލްކަނިން ނެރެ ބޭރަށް ވައްޓާލަންވެސް މަސައްކަތް ކޮށްފަ އެވެ. އީސަގެ ފަރާތުން އަސޫ އަށް ލިބުނު އަނިޔާތަކަށް އަސޫ ވަނީ އައިޖީއެމްއެޗުން ފަރުވާ ވެސް ހޯދައިފަ އެވެ.

އީސައަށް ކުރެވޭ ތުހުމަތުތަކުގެ ޖިނާއީ ތަހުގީގު ނިމެންދެން، އެމްޑީޕީގެ ގައުމީ މަޖިލީހުންނާއި، ޕާޓީގެ އެތެރޭގެ ކޮމިޓީތަކުގެ މުގައްރިރުކަމުން އޭނާ ވަނީ އެކަހެރިކޮށްފައެވެ.

ގެވެށި އަނިޔާގެ ތުހުމަތާއެކު އީސަ ވަނީ ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީގެ މުގައްރިރު ކަމުން އިސްތިއުފާ ދެއްވައިފަ އެވެ. އީސަ މުގަރިރުކަމުން އިސްތިއުފާ ދިނީ، އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި އެކަމަށް ވޯޓަށް އެހުމަށް ބޭނުންވާ ކޯރަމް ހަމަ ނުވެގެން އެ ކޮމިޓީގެ ބައްދަލުވުން ނިންމާލިތާ ކުޑަ ވަގުތުކޮޅެއް ތެރޭގަ އެވެ.

މަޖިލީހުގެ ލެޓާ ހެޑްގައި އީސަ މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ، ކޮމިޓީގެ މުގައްރިރު ކަމުން އޭނާ އިސްތިއުފާ ދީފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ، "ރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތަކާ ހިލާފު އެއްވެސް އަމަލެއް ކޮށްފައިނުވާނެކަމުގެ ޔަގީންކަން" އަރުވާ ކަމަށެވެ.

ފުލުހުންނަށް އިތުބާރު އޮތް ކަމަށް ބުނެ، އީސަ ވިދާޅުވީ، ދައުލަތުގެ އެންމެހާ މުއައްސަސާތަކަށް އެއްބާރުލުން ދޭނެ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން އެދިގެން ޕީޖީ އޮފީހުން މިހާރު ވަނީ އޭނާ ހައްޔަރު ކުރުމަށް ކޯޓު އަމުރަކަށްވެސް އެދިފައެވެ.

comment ކޮމެންޓް