ރަސްމާލެ މަޝްރޫއާ ގުޅޭ މައްސަލައެއް އޭސީސީން ބަލަން ފަށައިފި

ފުށިދިއްގަރު ފަޅު ހިއްކަން ފެށުން -- ފޮޓޯ/ ރައީސް އޮފީސް

ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދަން މި ސަރުކާރުން ފެށި އެންމެ ބޮޑު އެއް މަޝްރޫއު، "ރަސްމާލެ" މަޝްރޫއާ ގުޅޭ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބަލަން ފަށައިފިއެވެ.

މިކަން އޭސީސީގެ މީޑިއާ އޮފިޝަލް ވަނީ "ސަން"އަށް ކަށަވަރު ކޮށްދެއްވާފައެވެ. އޭނާ ވިދާޅުވީ، މިއީ ހިނގަމުންދާ ތަހުގީގަކަށް ވާތީ މިކަމާ ގުޅޭ އިތުރު ތަފުސީލު ހާމަކުރެވެން ނެތް ކަމަށެވެ.

ރަސްމާލެ ޕްރޮޖެކްޓަކީ 70 ބިލިއަން ރުފިޔާގެ ބޮޑު ކޮރަޕްޝަނެއް ކަމަށް އިދިކޮޅު އެމްޑީޕީން ވަނީ ތުހުމަތުކޮށްފައެވެ.

އެމްޑީޕީ ކެމްޕެއިންގެ ސްޕޯކްސްޕާސަންގެ ހައިސިއްޔަތުން މިދިޔަ އަންގާރަ ދުވަހު ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އިސާ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ވިދާޅުވީ، ރަސްމާލެ ހިއްކަނީ ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ)އަށް 70 ހެކްޓަރުގެ ބިން ގްރޭޓާ މާލެ ސަރަހައްދުން ދީގެން ކަމަށެވެ.

"މިއީ ސިއްސައިގެން ދާވަރުގެ ބޮޑު ކޮރަޕްޝަނެއް އެކުލެވޭ މަޝްރޫއެއް ކަމަށް އަޅުގަނޑުމެން ތަކުރާކުކޮށް ބުނަމުން މިދަނީ،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ސަރުކާރުން ގްރޭޓާ މާލެ ސަރަހައްދުން އެންމެ ކުޑަ ރޭޓުން ވެސް ބިން ވިއްކާފައިވަނީ އަކަފޫޓަކަށް 6500 ރުފިޔާގެ ރޭޓުން ކަމަށެވެ. އަދި، އެމްޑީޕީގެ ވެރިކަމުގެ އެންމެ ފަހު ދުވަސްތަކުގައި ހުޅުމާލޭ ބީޗު ސަރަހައްދުން ވިއްކި ބިންތަކުގެ އަގު އަކަފޫޓަކަށް 10،200 ރުފިޔާއަށް އަރާފައި ހުރި ކަމަށް އޭނާ ވިދާޅުވިއެވެ.

މިކަން އޭސީސީން ތަހުގީގުކުރުމަށް އޭނާ އެ ދުވަހު ގޮވާލިއެވެ.

https://sun.mv/190245

ފުށިދިއްގަރު ފަޅު ހިއްކަނީ، ބިން ހިއްކާ ކުންފުންޏަށް 70 ހެކްޓަރުގެ ބިން ދީގެން ކަމަށް އާބަންކޯއިން ވަނީ މީގެ ކުރިން ވެސް ބުނެފައެވެ. އެއީ، 49 އަހަރާއި 50 އަހަރަށް ހުޅުމާލެއިން 10 ހެކްޓަރުގެ އަދި ފުށިދިއްގަރު ފަޅުން 60 ހެކްޓަރުގެ ބިން ދީގެންނެވެ.

ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތަށް ކުންފުންޏެއް ހޯދި ގޮތެއް ވެސް ނޭނގޭ ކަމަށާއި، މި މަޝްރޫއަށް ހޭދަވާނެ ޖުމުލަ ޚަރަދު ވެސް ހާމަނުކޮށް، ކުއްލި ގޮތަކަށް މަޝްރޫއު ފެށުމުގެ ސަބަބުން އެތައް ސުވާލެއް އުފެދިފައިވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީގުގެ ނައިބު ރައީސް އަހުމަދު ސަލީމް ވަނީ މީގެ ކުރިން ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވާފައެވެ.

އެކަމަކު، އެ މަޝްރޫއާ ގުޅިގެން ކުރާ ތުހުމަތުތައް ސަރުކާރުން ދޮގުކުރެއެވެ.

މި މަޝްރޫއަށް 2025 ވަނަ އަހަރު 600 މިލިއަން ރުފިޔާ ހިމަނަން ސަރުކާރުގެ ޕްލޭންގައި އޮތްއިރު 2026 ވަނަ އަހަރު 350 މިލިއަން ރުފިޔާ ހިމަނާނެއެވެ.

މި މަޝްރޫއަކީ ސަރުކާރުގެ މުހިންމު މަޝްރޫއެއް ނަމަވެސް އިދިކޮޅު އެމްޑީޕީން ދެކޮޅު މަޝްރޫއެކެވެ.

އެމްޑީޕީ މެންބަރުން ބުނާ ގޮތުގައި، އެ ފަޅަށް ޚަރަދުކުރުމުގެ ބަދަލުގައި އެ ފައިސާއިން، މިހާރު ހިއްކައި ނިމެމުން އަންނަ ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކޮށް އެ ތަނުގައި ގޯތި ލިބުނު ރައްޔިތުންނަށް ދިރިއުޅެވޭ ގޮތް ހެދުމަކީ މި ވަގުތަށް އެންމެ މުހިންމު ކަންތަކެވެ.

comment ކޮމެންޓް