ރަސްމާލެ ޕްރޮޖެކްޓަކީ 70 ބިލިއަން ރުފިޔާގެ ބޮޑު ކޮރަޕްޝަނެއް: އީސަ

އެމްޑީޕީގެ މަޖިލިސް ކެމްޕޭންގެ ތަރުޖަމާން، އަދި ރައްޔިތުންގެ މަޖިލީހުގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙުމަދު އީސަ --

ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް މި ސަރުކާރުން ފެށި އެންމެ ބޮޑު އެއް މަޝްރޫއު، ރަސްމާލެ މަޝްރޫއަކީ 70 ބިލިއަން ރުފިޔާގެ ބޮޑު ކޮރަޕްޝަނެއް ކަމަށް ކެނދިކުޅުދޫ ދާއިރާގެ މަޖިލިސް މެމްބަރު އަދި އެމްޑީޕީގެ މިސްރާބު ހަމަމަގަށް ކެމްޕެއިންގެ ސްޕޯކްސްޕާސަން އަހުމަދު އީސަ ވިދާޅުވެއްޖެއެވެ.

އޭނާ މިފަދައިން ވިދާޅުވީ މިރޭ ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުންނެވެ. އީސަ ވިދާޅުވީ، ރަސްމާލެ ތަރައްގީ ކުރުމަށް ފުށިދިއްގަރު ފަޅު ހިއްކަނީ، ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ)އަށް 70 ހެކްޓަރުގެ ބިން ގްރޭޓާ މާލެ ސަރަހައްދުން ދީގެން ކަމަށެވެ.

"މިއީ ސިއްސައިގެން ދާވަރުގެ ބޮޑު ކޮރަޕްޝަނެއް އެކުލެވޭ މަޝްރޫއެއް ކަމަށް އަޅުގަނޑުމެން ތަކުރާކުކޮށް ބުނަމުން މިދަނީ،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ސަރުކާރުން ގްރޭޓާ މާލެ ސަރަހައްދުން އެންމެ ކުޑަ ރޭޓުން ވެސް ބިން ވިއްކާފައި ވަނީ އަކަފޫޓަކަށް 6500 ރުފިޔާގެ ރޭޓުން ކަމަށެވެ.

އަދި އެމްޑީޕީގެ ވެރިކަމުގެ އެންމެ ފަހު ދުވަސްތަކުގައި ހުޅުމާލޭ ބީޗު ސަރަހައްދުން ވިއްކި ބިންތަކުގެ އަގު އަކަފޫޓަކަށް 10،200 ރުފިޔާއަށް އަރާފައި ހުރި ކަމަށް އޭނާ ވިދާޅުވިއެވެ.

"އެންމެ ކުޑަ ރޭޓުން ބެލީމައި ވެސް ވިއްކާ ބިންތަކުގެ އަގު 70 ބިލިއަން ރުފިޔާއާ 100 ބިލިއަން ރުފިޔާއާ ދޭތެރޭގެ އަދަދަކަށް އަރާނެ،" އީސަ ވިދާޅުވިއެވެ.

މިއީ އެމްޑީޕީން ހަދަހަދައިގެން ދައްކާ ވާހަކައެއް ނޫން ކަމަށާއި، ބިން ވިއްކާފައި ހުރި ރޭޓުތަކާ ވިއްކާ ބިމުގެ ސައިޒާ ހިސާބު ޖެހުމުން ކޮންމެ މީހަކަށް ވެސް މިކަން ސާފުވާނެ ކަމަށް އީސަ ވިދާޅުވިއެވެ.

އެހެންކަމުން ރައްޔިތުން ޝަކުވާ ހުށަނޭޅި ނަމަވެސް، އެންޓި ކޮރަޕްޝަން ކޮމިޝަން ފަދަ މިނިވަން މުއައްސަސާތަކުން މިފަދަ މައްސަލަތައް ބެލުމަށް އޭނާ ވަނީ ގޮވާލާފައެވެ.

ފުށިދިއްގަރު ފަޅު ހިއްކަނީ، ބިން ހިއްކާ ކުންފުންޏަށް 70 ހެކްޓަރުގެ ބިން ދީގެން ކަމަށް އާބަންކޯއިން ވަނީ މީގެ ކުރިން ވެސް ބުނެފައެވެ. އެއީ 49 އަހަރާއި 50 އަހަރަށް ހުޅުމާލެއިން 10 ހެކްޓަރުގެ އަދި ފުށިދިއްގަރު ފަޅުން 60 ހެކްޓަރުގެ ބިން ދީގެންނެވެ.

ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތަށް ކުންފުންޏެއް ހޯދި ގޮތެއް ވެސް ނޭނގޭ ކަމަށާއި، މި މަޝްރޫއަށް ހޭދަވާނެ ޖުމުލަ ޚަރަދު ވެސް ހާމަނުކޮށް، ކުއްލި ގޮތަކަށް މަޝްރޫއު ފެށުމުގެ ސަބަބުން އެތައް ސުވާލެއް އުފެދިފައިވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީގުގެ ނައިބު ރައީސް އަހުމަދު ސަލީމް ވަނީ މީގެ ކުރިން ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވާފައެވެ.

މި މަޝްރޫއަށް 2025 ވަނަ އަހަރު 600 މިލިއަން ރުފިޔާ ހިމަނަން ސަރުކާރުގެ ޕްލޭންގައި އޮތްއިރު 2026 ވަނަ އަހަރު 350 މިލިއަން ރުފިޔާ ހިމަނާނެއެވެ.

މި މަޝްރޫއަކީ ސަރުކާރުގެ މުހިންމު މަޝްރޫއެއް ނަމަވެސް އިދިކޮޅު އެމްޑީޕީން ދެކޮޅު މަޝްރޫއެކެވެ.

އެމްޑީޕީ މެންބަރުން ބުނާ ގޮތުގައި، އެ ފަޅަށް ޚަރަދުކުރުމުގެ ބަދަލުގައި އެ ފައިސާއިން، މިހާރު ހިއްކައި ނިމެމުން އަންނަ ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކޮށް އެ ތަނުގައި ގޯތި ލިބުނު ރައްޔިތުންނަށް ދިރިއުޅެވޭ ގޮތް ހެދުމަކީ މި ވަގުތަށް އެންމެ މުހިންމު ކަންތަކެވެ.

comment ކޮމެންޓް