13 އަހަރުގެ ކުއްޖާގެ މަރު: ޕޯސްޓްމޯޓަމް ހަދައިފި ރިޕޯޓު އަދި ނުލިބޭ

ގެއްލިގެން ހޯދަމުން ދަނިކޮށް މަރަލާފައި އޮއްވާ ފެނުނު ކުޑަކުއްޖާ ފެނުމުން ހުޅުމާލޭ ދެވަނަ ފޭސް ކޯޑަންކޮށްފައި --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން

ރަހީނުކޮށް މަރާލާފައި އޮއްވާ ފެނުނު 13 އަހަރުގެ ކުޑަކުއްޖާގެ ޕޯސްޓްމޯޓަމް ހަދައިފިއެވެ.

އެކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާގެ ޓްވެންޑްރަމް އަށް ގެންދިޔައީ މި މަހުގެ ފަސް ވަނަ ދުވަހުއެވެ.

ފުލުހުން ބުނީ އެ ކުއްޖާގެ ޕޯސްޓްމޯޓަމް ހަދައި މިހާރު ނިންމާލާފައިވާ ކަަމަށާއި އެހެން ނަމަވެސް އަދި ޕޯސްޓްމޯޓަމް ރިޕޯޓު ނުލިބޭ ކަމަށެވެ. ރިޕޯޓު ލިބޭނެ ސީދާ ދުވަހެއް ދަންނަވަން ނޭނގޭ ކަމަށް ފުލުހުން ބުނެއެވެ.

ރަހީނުކޮށް މަރާލުމަށްފަހު ފޮށްޓަކަށްލައި އެއްލާލާފައި އޮއްވައި ހުޅުމާލެ ފޭސްގެ މޫދުން 13 އަހަރުގެ ކުއްޖާގެ ހަށިގަނޑު ފެނުނީ މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

އެ ކުއްޖާ މަރާލާފައި އޮއްވައި ފެނުނީ އެ ކުއްޖާ ރަހީނުކޮށްގެން އުޅޭ ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބި އެ ކުއްޖާ ހޯދުމަށް މަސައްކަތް ކުރަމުން ދަނިކޮށެވެ. އެކުއްޖާގެ ހަށިގަނޑު ފެނުނު އިރުވެސް ގިނަ ޒަހަމްތަކެއް ވަނީ ވެފައެވެ.

ޕޯސްޓްމޯޓަމް ހެދުމަށް ހަށިގަނޑު ފޮނުވުނީވެސް އެ ކުއްޖާ ފެނުނުތާ ދެ ހަފްތާ ފަހުންނެވެ.

އެ ކުއްޖާ މަރާލި މައްސަލައާ ގުޅިގެން ފުލުހުން ވަނީ 27 އަހަރުގެ ފިރިހެނަކާއި 17 އަހަރުގެ ކުއްޖަކު މިހާތަނަށް ހައްޔަރުކޮށްފަ އެވެ. އުމުރުން 27 އަހަރުގެ މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފައިވާއިރު 17 އަހަރުގެ ކުއްޖާ ހުރީ 15 ދުވަހަށް ބަންދުގައެވެ.

comment ކޮމެންޓް