ޑެންމާކު ކީޕަރު މޫނަށް ލޭޒާ އެޅުވުމުން އިންގްލޭންޑަށް އަދަބު ދެނީ

ޑެންމާކުގެ ކީޕަރި ކެސްޕާ ޝްމައިކެލް އިންގްލޭންޑުގެ ޕެނަލްޓީ ޖެހި ވަގުތު--- ފޮޓޯ//ސްކައި ސްޕޯޓްސް

ޔޫއެފާ ޔޫރޯ 2020 ގެ ސެމީ ފައިނަލުގައި އިންގްލަންޑަށް ލިބުނު ޕެނަލްޓީ ފޮނުވާލި އިރު، އިދިކޮޅު ކީޕަރަކަށް ހުރި ކެސްޕާ ޝްމައިކަލުގެ މޫނަށް ލޭޒާ އަޅުވައި، ގައުމީ ސަލާމް ދިން ގަޑީ އަޑުގަދަކޮށް ހެދުމުން އެގައުމަށް ފިޔަވަޅު އަޅަން ޔޫއެފާއިން ނިންމައިފި އެވެ.

ބައި ގަރުނަށްފަހު އިނގިރޭސިން ބޮޑު މުބާރާތެއްގެ ފައިނަލަށް ދަތުރު ކޮށްފައިވާ އިރު، ސެމީގައި ދިމާވި ކަންތައްތަކަށްފަހު ޔުއެފާއިން ބަލަން ފެށި މައްސަލަތަކަކީ ގައުމީ ސަލާމް ކިޔަމުން ދިޔަ ވަގުތުގައި އިނގިރޭސި ސަޕޯޓަރުންގެ ބަޔަކު އަޑުގަދަކޮށް ހަވާ އެރުވުމާއި، އަލިފާން ބޯޅަ ދަނޑުތެރޭގައި ރޯކުރި މައްސަލައިގެ އިތުރުން އިންގްލެންޑުން ހެރީ ކޭން ޕެނަލްޓީ ޖެހި ވަގުތު ޑެންމާކްގެ ގޯލްކީޕަރު ކެސްޕާ ޝްމައިކަލްގެ މޫނަށް ލޭޒާ އެޅުވި މައްސަލަ އެވެ.

ޔޫރޯގެ މެޗުތައް އިނގިރޭސިވިލާތަށް ބްރޮޑްކާސްޓްކުރާ އައިޓީވީން ވަނީ އެ ފުޓޭޖުތައް ދައްކައިފަ އެވެ.

ޔޫއެފާއިން ބުނި ގޮތުގައި އެ އިދާރައިގެ އެތިކްސްއާއި ޑިސިޕިލިނަރީ ބޯޑުން ވަނީ އެ މައްސަލައިގެ ތަހުގީގު ފަށައި، އިންގްލޭންޑަށް އެކަމުގެ އަދަބު ދޭން ނިންމާފައިވާ ކަމަށް ބުނެފަ އެވެ. އަދި އެހެންމެ ވެމްބްލީގައި ކުޅުނު މެޗުގައި އިނގިރޭސި އެފްއޭއާއި ޔޫއެފާގެ ސައިޓް ޓީމުން ވަނީ ލޭޒާއެއް އޮތީ ކާކުގެ އަތުގައިތޯ ބަލަން މަސައްކަތްކޮށްފަ އެވެ.

ޑެންމާކްގެ ސަޕޯޓަރުން އަންނަނީ އިންގްލެންޑް ރޭ މޮޅުވީ ޕެނަލްޓީ ދޭން ނުޖެހޭ ކަމަށް ބުނެ، އަލުން މެޗު ކުޅެން ޑިމާންޑްކޮށް އޮންލައިން ޕެޓިޝަނެއް ތައްޔާރު ކުރަމުންނެވެ. އިންގްލޭންޑްގެ ފޯވާޑް ރަހީމް ސްޓާލިންގަށް އޭރިއާ ތެރެއިން ފައުލު ކުރިކަމަށް ބަަލައި އެ ޕެނަލްޓީ ދިން ނަމަވެސް ވީޑިއޯ ބެލުމުން އެއީ ފައުލެއް ނޫންކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

އިންގްލޭންޑް އަންނަ އާދީއްތަ ދުވަހުގެ ރޭ ޔޫރޯ ފައިނަލުގައި ވާދަކުރާނީ އިޓަލީއާ އެވެ. އެ ފައިނަލު މެޗު ކުުޅުމަށްވެސް ހަމަޖެހިފައިވަނީ އިންގްލޭންޑުން ސެމީފައިނަލު ކުޅުނު ވެމްބްލީ ސްޓޭޑިއަމުގަ އެވެ.

comment ކޮމެންޓް