އޮޑިޓަރ ޖެނެރަލްކަމަށް ނިޔާޒީ އައްޔަނުކުރަން ރުހުން ދީފި

އޮޑިޓަރ ޖެނެރަލްގެ މަގާމަށް އައްޔަނުކުރުމަށް މަޖިލީހުން މިއަދު ފާސްކުރި ހުސައިން ނިޔާޒީ -- ފޮޓޯ/ އޮޑިޓު އޮފީސް

ހުސްވެފައިވާ އޮޑިޓަރ ޖެނެރަލްގެ މަގާމަށް އެސިސްޓަންޓް އޮޑިޓަރ ޖެނެރަލްގެ މަގާމުގައި ހުންނެވި ގ. އައިފާ, ހުސައިން ނިޔާޒީ އައްޔަނުކުރުމަށް ރުހުން ދިނުމަށް މަޖިލީހުން ފާސްކޮށްފިއެވެ.

އޮޑިޓަރ ޖެނެރަލްކަމަށް ހުސައިން ނިޔާޒީ އައްޔަނުކުރުމަށް ރުހުން ދިނުމަށް މިއަދު މަޖިލީހުން ފާސްކުރީ 63 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. އޭނާ އެ މަގާމަށް އައްޔަނުކުރުމަށް ނުފެންނަކަމަށް އެއްވެސް މެމްބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ.

ނިޔާޒީ ގެންދަވަނީ 2011 ޑިސެމްބަރު 20 އިން ފެށިގެން އެސިސްޓަންޓް އޮޑިޓަރ ޖެނެރަލްގެ މަގާމު ފުރުއްވަމުންނެވެ. އޭނާ ހުންނެވީ ޕަބްލިކް ސެކްޓަރާއި ސްޓޭޓް އޯންޑް އެންޓަޕްރައިޒްތަކުގެ ފައިނޭންޝަލް އޮޑިޓުތައް ބަލަހައްޓާ ފައިނޭންޝަލް އޮޑިޓު ޑިވިޝަންގެ އިސްވެރިއެއްގެ ގޮތުގައެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުގައި ނިޔާޒީ މަސައްކަތްކުރައްވާތާ 15 އަހަރަށްވުރެ ގިނަ ދުވަސް ވެފައި ވެއެވެ.

އޮޑިޓަރ ޖެނެރަލްގެ މަގާމަށް ނިޔާޒީ އައްޔަނުކުރީ, އޮޑިޓަރ ޖެނެރަލްގެ މަގާމުގައި ކުރިން ހުންނެވި ހަސަން ޒިޔަތު އެ މަގާމުން އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.

އޭނާ އިސްތިއުފާދެއްވީ އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓުގައި އޭނާގެ ނަން ހިމެނިފައި އޮތްކަން ހާމަވުމުންނެވެ.

ޒިޔަތު ވަނީ ޕީޕީއެމްގެ ޓިކެޓުގައި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހުޅު ހެންވޭރު ދާއިރާއަށް ވާދަކޮށްފަ އެވެ. ދެހާސް ސާދަވަނަ އަހަރު އޮތް އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓުގައި މަޖިލީހަށް ވާދަކުރި ގިނަ ކެންޑިޑޭޓުންނަށް ޕާޓީގެ ފަރާތުން ވަނީ ކެމްޕޭނަށް ފައިސާ ދީފައެވެ. ޒިޔަތުގެ އިތުރުން ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރި އެހެން ބައެއް ބޭފުޅުންގެ ނަންތައްވެސް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބިފައިވާ ލިސްޓުގައި ހިމެނިފައި ހުއްޓެވެ.

comment ކޮމެންޓް