މިފަހަރުގެ ޔޫރޯގެ އެންމެ ފުރަތަމަ ބުރުގައި ޑެންމާކާއި ފިންލޭންޑް ބައްދަލު ކުރި މެޗުގައި ހިތްހުއްޓިގެން ދަނޑުމަައްޗަށް ވެއްޓުނު ކްރިސްޓިއަން އެރިކްސެންއަށާއި، އޭނާ ސަލާމަތްކޮށްދިން މެޑިކަލް ޓީމު އަންނަ އާދީއްތަ ދުވަހު ކުޅޭ ޔޫރޯ ފައިނަލު ބެލުމަށް ވެމްބްލީއަށް ދިއުމުގެ ދައުވަތު ޔޫއެފާއިން ދީފި އެވެ.
މެޗުގެ ފުރަތަމަ ހާފު ނިމެން ދަނިކޮށް އެރިކްސަން ހަބަރު ހުސްވެގެން ދަނޑުމައްޗަށް ވެއްޓުމާ އެކު އޭނާއަށް ވަގުތުން ވަނީ ފަރުވާ ދީފަ އެވެ. މެޑިކަލް ޓީމު އައުމުގެ ކުރިން އޭނާއަށް އެންމެ އަވަސް ފަރުވާ ދިނީ ޓީމުގެ ކެޕްޓަން ސިމޮން ކިޔާ އެވެ. އެރިކްސަންގެ ހާދިސާއިން ހިތްވަރު ލިބި ޑެންމާކުން މުބާރާތުގެ ސެމީއަށް ދަތުރު ކުރި ނަމަވެސް ރޭ ކުޅުނު ސެމީ ފައިނަލުގެ އިތުރުވަގުތުގައި އިންގްލަންޑުން ވަނީ ލަނޑު ޖަހައި ޑެންމާކު ކަޓުވާލައިފަ އެވެ.
އެކަމަކު އަންނަ އާދީއްތަ ދުވަހުގެ ރޭ އިނގިރޭސިވިލާތުގެ ވެމްބްލީ ސްޓޭޑިއަމުގައި ކުޅޭ މެޗުގައި އިންގްލޭންޑާއި އިޓަލީ ބައްދަލު ކުރާ އިރު، އެ މެޗުގެ ހާއްސަ މެހެމާނުންގެ ގޮތުގައި އެރިކްސެން އަދި މެޑިކަލް ޓީމަށް ވަނީ މުބާރާތް ބާއްވާ ޔޫއެފާއިން ދައުވަތު ދީފަ އެވެ.
އޭއެފްޕީ އަށް ޔުއެފާގެ ތަރުޖަމާނަކު ބުނީ އެރިކްސަންއާއި މެޑިކަލް ޓީމުން ބޭނުންވެއްޖެނަމަ ފައިނަލް މެޗަށް އަންނަން ހުރިހާ އިންތިޒާމެއް ހަމަޖެހިގެންދާނެ ކަމަށެވެ.
އެރިކްސެން މިވަގުތު އަމިއްލަ ގައުމުގައި އާއިލާއާ އެކު ރިކަވަރީގައި ހުރުމުން އޭނާ އައުމާ މެދު ގޮތެއް ނުނިންމާ ނަމަވެސް މެޑިކަލް ޓީމުގެ ހަ މެމްބަރަކު ދައުވަތު ގަބޫލުކޮށްފައިވާކަމަށް ޔޫއެފާގެ ތަރުޖަމާނު ވަނީ ބުނެފަ އެވެ.
އެރިކްސަންގެ ޑެންމާކުން ވަނީ 29 އަހަރަށް ފަހު މި ފަހަރުގެ ޔޫރޯ ފައިނަލުން ފުރުސަތު ހޯދައިފަ އެވެ. މިއީ 1992 ވަނަ އަހަރުގައި ޑެންމާކުން ޔޫރޯގެ ފައިނަލުގައި ކުޅުނު ފަހުން މި މުބާރާތުގެ ސެމީ ފައިނަލެއްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ.
ރޭގެ މެޗުގެ ފުރަތަމަ ގޯލު ޑެންމާކުން ޖެހި ނަމަވެސް އިންގްލޭންޑުން މެޗު ކާމިޔާބު ކުރީ ފަހަތުން އަރައި ޖެހި ދެ ގޯލުންނެވެ. ޑެންމާކަކީ މިފަހަރުގެ ޔޫރޯގެ އެންމެ ސަޕްރައިޒިންގް ނަތީޖާތައް ނެރުނު ޓީމެވެ. އެ ޓީމު ސެމީއަށް ދަތުރު ކުރީ ޗެކް ރިޕަބްލިކް ބަލިކޮށްގެންނެވެ.