ޔޫރޯ 2012 ގެ ފައިނަލުގައި ބަލިވި އިޓަލީން އެ މެޗުން މޮޅުވި ސްޕެއިންގެ އަތުން ބަދަލު ހިފައި މިފަހަރުގެ ޔޫރޯގެ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފި އެވެ.
އިންގްލެންޑުގެ ވެމްބްލީ ސްޓޭޑިއަމުގައި ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، ދެ ޓީމުވެސް ވަނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ. އެއާ އެކު ޖެހި ޕެނަލްޓީން އިޓަލީ ކުރި ހޯދީ 4-3 ޕެނަލްޓީން ކުރި ހޯދައިގެންނެވެ. މިއީ އިޓަލީން ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޖެހިޖެހިގެން ސްޕެއިން ކަޓުވާލި ދެ ވަަނަ ފަހަރެވެ. އެންމެ ފަހުން 2016 ވަނަ އަހަރުގެ މުބާރާތުގައި އިޓަލީން ސްޕެއިން ކަޓުވާލީ ދެ ވަނަ ބުރުގަ އެވެ.
ރޭގެ މެޗު ފަށައިގެން 120 މިނަޓު ވަންދެން ޑޮމިނޭޓްކޮށްގެން ކުޅުނީ ސްޕެއިނެވެ. މުޅި މެޗުގައި 900 އަށް ވުރެން ގިނަ ޕާސް ޖަހައި، ބޯލް ޕޮޒެޝަން ވެސް 70 އިންސައްތައިން މަތީގައި ގެންގުޅުނު ސްޕެއިނަށް މެޗު ގެއްލުނީ ހީވެސް ނުކުރާ ފަދަ ގޮތަކަށެވެ.
މެޗުގެ ފުރަތަމަ ހާފުގައި، ލަނޑު ޖަހާނެ އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ސްޕެއިންގެ ޑެނީ އޮލްމޯ އަށެވެ. ފެރާން ޓޯރޭޒް ދިން ބޯޅަ ޖަހަން ހުސްކޮށް އޮލްމޯ އަށް ފުރުސަތު ލިބުނު ނަމަވެސް އޭނާ އަށް ބޯޅަ ކޮންޓްރޯލް ނުކުރެވުނެވެ. ދެ ވަނަ ފަހަރަށް ބޯޅަ ހޯދަން އުޅުނު އިރު އިޓަލީގެ ޑިފެންސުން އެ ބޯޅަ ހޯދި އެވެ.
ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ހަ މިނިޓް ތެރޭ ދެ ޓީމުން ވެސް ރަނގަޅު ދެ ޝޮޓެއް ފޮނުވާލި އެެވެ. ސްޕެއިނުގެ ކެޕްޓަން ސާޖިއޯ ބުސްކެޓްސް ޖެހި ބޯޅަ ހުރަސްދަނޑިމަތިން ދިޔައިރު، އިޓަލީގެ ފެޑެރީކޯ ކިއޭސާ ޖެހި ބޯޅަ ސްޕެއިންގެ ކީޕަރު އުނާއި ސިމޯން ވަނީ މަތަކޮށްފަ އެވެ.
ޗުގެ 60 ވަނަ މިނެޓުގައި ފެޑެރީކޯ ކިއޭސާ ވަނީ ހިތްގައިމު ލަނޑެއް ޖަހައި އިޓަލީއަށް ލީޑު ނަގައިދީފައެވެ. އެކަމަކު މެޗު ނިމެން 10 މިނެޓަށް ވެފައި ވަނިކޮށް ސްޕެއިނުން ވަނީ ލަނޑު ޖަހާ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އަލްވާރޯ މޮރާޓާއެވެ.
އިތުރު ވަގުތުގައި ދެ ޓީމުގެ ފަރާތުން ވެސް ވަރުބަލިކަން ފެނިގެން ދިޔައިރު މިއީ ސްޕެއިނުން ވިދިވިދިގެން އިތުރު ވަގުތު ކުޅުނު ތިންވަނަ މެޗެވެ. ގަދަ 16 އާއި ކުއާރޓާގައި ވެސް އިތުރު ވަގުތު ކުޅުނު ސްޕެއިނުން ޕެނަލްޓީގައި ނާކާމިޔާބުވީ ޖެހި ހަތަރު ޕެނަލްޓީގެ ތެރެއިން ދެ ޕެނަލްޓީ ނާކާމިޔާބު ވުމުންނެވެ. އެ ދެ ޕެނަލްޓީ އަކީ އޯމޯއާއި މޮރާޓާ ފޮނުވާލި ދެ ޕެނަލްޓީ އެވެ.
އިޓަލީ ފައިނަލުގައި ވާދަކުރާނީ މިރޭ އިނގިރޭސިވިލާތާއި ޑެންމާކު ބައްދަލު ކުރާ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. އެ މެޗު ފަށާނީ ރާއްޖެ ގަޑިން 12:00 ޖަހާއިރު އެވެ.