އެއް މިލިއަން ރުފިޔާއާ ހަމައަށް ދޫކުރާ އެސްޑީއެފްސީގެ ސްޓިމިއުލަސް ލޯނަށް އެދެން ހުޅުވާލައިފި

އެސްއެމްއީ ބޭންކު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު -- ފޮޓޯ: ރައީސް އޮފީސް

ކޮވިޑް19 ރިކަވަރީ އިކޮނޮމިކް ސްޓިމިއުލަސް ސްކީމްގެ ދަށުން އެސްއެމްއީ ފައިނޭންސް ކޯޕަރޭޝަނުން ދޫކުރާ ސްޓިމިއުލަސް ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

"ވިޔަފާރި ދިރުން"ގެ ނަމުގައި ދޫކުރާ މި ލޯނަކީ ކޮވިޑް19ގެ ސަބަބުން މާލީ ގޮތުން ކުރިމަތިވެފައިވާ ދަތިތަކަށް ލުޔެއް ހޯދައިދިނުމަށާއި ދެމެހެއްޓެނެވި ގޮތެއްގައި ވިޔަފާރިތައް ކުރިއެރުވުމަށް ދޫކުރާ ލޯނެކެވެ.

އެ ލޯނަށް އެދި ހުށަހަޅަން ހުޅުވާލާފައިވަނީ އެކި ބައިބަޔަށް، ކޮންމެ ބާވަތެއްގެ ވިޔަފާރިއަކަށްވެސް ކަނޑައަޅާފައިވާ މުއްދަތެއްގެ ތެރޭގައި ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ދޭ އުސޫލުންނެވެ.

އެގޮތުން ފުރަތަމަ ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިހާރު ހިންގަމުންދާ ކެފޭ، ރެސްޓޯރެންޓް، ޖިމް، ސެލޫން އަދި ގެސްޓްހައުސް ވިޔަފާރި ހިންގާ ފަރާތްތަކަށެވެ.

އެ ލޯނު ބަހާލާފައިވަނީ ތިން ޕެކޭޖަކަށެވެ.

ފުރަތަމަ ޕެކޭޖުގެ ދަށުން ދެނީ ވިޔަފާރި ހިންގުމަށް ބޭނުންވާ ފައިސާގެ އެހީތެރިކަމެވެ. އަދި ދެވަނަ ޕެކޭޖު، ހިންގަމުންދާ މަޝްރޫއުތައް ނިންމުމަށް ދޭން ނިންމާފައިވާއިރު، ތިންވަނަ ޕެކޭޖު ހާއްސަކޮށްފައިވަނީ ދެމެހެއްޓެނިވި ގޮތެއްގައި ވިޔަފާރި ޑައިވާސިފައި ކުރުމާއި ލޯނު ނިހިމެނޭ ގޮތަށް ވިޔަފާރިއާ ގުޅޭ ފަންނީ ލަފާ ދިނުމަށެވެ.

ވިޔަފާރި ދިރުން ލޯނުގެ މުހިންމު ބައިތައް

  • ލޯނުގެ ގޮތުގައި ގިނަވެގެން ދޫކުރާނީ އެއް މިލިއަން ރުފިޔާ
  • އިންޓްރެސްޓްގެ ގޮތުގައި އަހަރަކު ހަ ޕަސެންޓް
  • ލޯނު އަނބުރާ ދައްކަން 5-8 އަހަރު
  • ގްރޭސް ޕީރިއަޑަކީ 1-2 އަހަރާ ދެމެދު
  • ރަހުނެއް ބޭނުމެއް ނުވޭ
  • އިކުއިޓީ ބޭނުންވާނީ ވިޔަފާރި ޑައިވާސިފައި ކުރަން ނަގާ ލޯނަށް އެކަނި

މި ލޯނާ ގުޅޭ އިތުރު މައުލޫމާތު އެސްޑީއެފްސީގެ ވެބްސައިޓް އާއި ވެބްސައިޓުގެ ލައިވް ޗެޓު ނުވަތަ އެސްޑީއެފްސީގެ ހޮޓްލައިން ނަންބަރު 1613އަށް ގުޅާލުމުން ލިބޭނެ އެވެ.

comment ކޮމެންޓް