ޔޫއެފާ ޔޫރޯ މުބާރާތުގެ ކުއާޓާ ފައިނަލުގައި ޗެކް ރިޕަބްލިކް ބަލިކޮށް ޑެންމާކުން ސެމީ ފައިނަލުގެ ޖާގައެއް ހޯދައިފި އެވެ.
އަޒަރުބައިޖާނުގެ ބަކޫ އޮލިމްޕިއާ ސްޓޭޑިއަމުގައި މިރޭ ކުޅުނު މެޗުން ޗެކް ރިޕަބްލިކުގެ މައްޗަށް ޑެންމާކު ކުރި ހޯދީ 1-2 ގެ ނަތީޖާއަކުންނެވެ. މި މޮޅާ އެކު 1992 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބު ކުރި ޑެންމާކު ސެމީއަށް ދަތުރު ކުރި އިރު، އެ ޓީމާ އެކު މިހާރު ސެމީގެ ޖާގަތައް ޔަގީންކޮށްފައި ވަނީ އިޓަލީ އަދި ސްޕެއިނެވެ. ސެމީގެ ފަހު ޖާގަ ޔަގީންވާނީ މިރޭ އިންގްލޭންޑާއި ޔޫކްރޭން ބައްދަލުކުރާ މެޗުން މޮޅުވާ ޓީމެކެވެ.
ޑެންމާކް އެންމެ ފަހުން ޔޫރޯއެއްގެ ސެމީ ފައިނަލްގައި ކުޅުނީ 1992 ވަނަ އަހަރު އެވެ. އެ ފަހަރު އެ ޓީމުން ވަނީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. އޭގެ ފަހުން ޑެންމާކް ވަނީ 1996 އާއި 2000 ވަނަ އަހަރުގެ ޔޫރޯގެ ގްރޫޕް ސްޓޭޖުން ކަޓައިފަ އެވެ. އެކަމަކު 2004 ވަނަ އަހަރުގެ މުބާރާތުގެ ކުއާޓާ ފައިނަލުގައި ކުޅުނެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ޑެންމާކުގެ ސްޓާ ޕްލޭޔަރު ކްރިސްޓިއަން އެރިކްސަންއަށް ދިމާވި ސިއްހީ މައްސަލައަށްފަހު އޭނާ ޓީމުން ވަކިވާން ޖެހުމާ އެކު ޑެންމާކަށް އޮތީ މުބާރާތުގައި ކުރިއަށް ދިއުމަށް އުނދަގޫ މަގެކެވެ. އެހެން ނަމަވެސް އެ ހާދިސާއިން ހިތްވަރު ހޯދައި ޑެންމާކުން މިހޯދި ކާމިޔާބީ އަކީ 29 އަހަރަށްފަހު މި މުބާރާތުގައި އެ ޓީމު ހޯދި އެންމެ ބޮޑު ކާމިޔާބީ އެވެ.
މިރޭގެ މެޗު ފަށައިގެން ފަސްވަނަ މިނަޓުގައި ޑެންމާކުން ވަނީ ލީޑު ނަގައިފަ އެވެ. އެ ޓީމަށް ލިބުނު ކޯނަރަކުން ޑެންމާކަށް ލީޑު ނަގައިދިނީ ތޯމަސް ޑެލޭނީ އެވެ. އޭގެ އިރަކޮޅެއް ފަހުން ޑެލޭނީ ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.
ފުރަތަމަ ހާފު ނިމެންދަނިކޮށް ޑެންމާކަށް ގޯލެއް އިތުރު ކޮށްދިނީ ކެޝްޕާ ޑޯލްބާގް އެވެ. މިއީ އޭނާ މި މުބާރާތުގައި ޖެހި ތިންވަނަ ގޯލެވެ.
ޗެކް ރިޕަބްލިކުން ދެވަނަ ހާފުގައި ކުޅުން ރަނގަޅުކޮށް ފަރަގު ކުޑަކުރީ ޕެޓްރިކް ޝިކްގެ ގޯލުންނެވެ. މިފަހަރުގެ މުބާރާތުގައި އޭނާ ޖުމުލަ ފަސް ގޯލު ޖެހި އިރު، އެއަދަދަށް ގޯލު މުބާރާތުގައި ޖެހިފައިވަނީ ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯއަށެވެ.