އިރާގު، އުރުދުން އަދި މިސްރުގެ އިސްވެރިންގެ ސަމިޓް ބައްދަލުވުމެއް ބަޣްދާދުގައި ބާއްވައިފި

ތެހެރާން (މޭ 28): އިރާގު، އުރުދުން އަދި މިސްރުގެ އިސްވެރިންގެ ސަމިޓް ބައްދަލުވުމެއް އިރާގުގެ ވެރިރަށް ބަޣްދާދުގައި ބާއްވައިފިއެވެ.

މިއީ މި ތިން ގައުމުގެ އިސްވެރިންގެ މެދުގައި ބޭއްވި މިފަދަ ތިންވަނަ ބައްދަލުވުމެވެ. ބަޣްދާދުގައި އިއްޔެ ބޭއްވި ސަމިޓް ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އިސްކަން ދީފައިވަނީ އެތިން ގައުމުގެ މެދުގައި އަމަނާއި އިގްތިސާދާ އަދި ވިޔަފާރީގެ ގުޅުންތައް ވަރުގަދަކުރުމަށެވެ.

މީގެއިތުރުން ޓެރަރިޒަމްގެ ހަރަކާތްތައް ހުއްޓުވުމާއި ނީލަކޯރުގެ ފެން ބޭނުންކޮށްގެން ކަރަންޓް އުފެއްދުމަށް ޓަކައި އިތިއޮޕިޔާއިން ބިނާކޮށްފައިވާ ޑޭމްގެ މައްސަލައާއި އިސްރާއީލުން ފަލަސްތީނާ ދެކޮޅަށް ހިންގާ އުދުވާނާބެހޭގޮތުންވެސް މަޝްވަރާ ކުރައްވާފައިވެއެވެ.

އިރާގު، އުރުދުން އަދި މިސްރުގެ އިސްވެރިންގެ ސަމިޓުން ނެރުނު ގުޅިފައިވާ ބަޔާނުގައި އިސްރާއީލުން ފަލަސްތީނާ ދެކޮޅަށް ހިންގާ އުދުވާނު ކުށްވެރިކޮށް ފަލަސްތީނުގެ ބިންތަކުން އިސްރާއީލު ފޭބުމަށް ގޮވާލާފައިވެއެވެ.

އަދި ހުޅަނގު އައްސޭރިއާއި ޣައްޒާއިން އިސްރާއީލު ފާބައި އެބިންތަކުގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފައްދައިގެން މެނުވީ ފަލަސްތީނުގެ މައްސަލަ ހައްލު ނުކުރެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.

މީގެއިތުރުން މާތްވެގެންވާ މަސްޖިދުލްއަގްސާއަށް އިސްރާއީލުން ކުރާ ގޯނާތަކައި ޖެއްސުން ކުރުންތަށް ވަރަށް ބޮޑަށް ކުށްވެރިކޮށް އެކަމާދެކޮޅަށް ފަލަސްތީނުގެ ރައްޔިތުން ކުރާ ޖިހާދަށް ތާއީދުކުރާކަން ސަމިޓްގެ ބަޔާނުގައި ހާމަކޮށްފައިވެއެވެ.

ފާއިތުވި އަހަރުތަކުގެ ތެރޭގައި އިރާގުންވަނީ ތައުލީމާއި ސިއްހަތާއި ހަކަތައިގެ ދާއިރާއިން މިސްރާ އަދި އުރުދުންނާއެކު ގުޅުން ބަދަހިކޮށްފައެވެ. މި ގުޅުންތައް ބަދަހިކުރުމަށް ޓަކައި ފާއިތުވި ތިން އަހަރު ތެރޭގައި އެ ތިން ގައުމުން 15 އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ.

އިއްޔެ ގެ ސަމިޓްގައި އިރާގުގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވީ އެގައުމުގެ ބޮޑުވަޒީރު މުސްތަފާ އަލްކާޟިމީ އެވެ. މިސްރުން ރައީސް ޢަބްދުލް ފައްތާޙް އައްސީސީއެވެ. އުރުދުންގެ ފަރާތުން އަބްދުﷲ ރަސްގެފާނެވެ.

އިރާގު، އުރުދުން އަދި މިސްރުގެ އަމާޒަކީ އަރަބި ސަރަަހައްދީ ޖަމްއިއްޔާ އެއް އުފެއްދުންކަމަށް ވަނީ ބެލެވިފައެވެ. މި ޖަމްއިއްޔާގައި ފަހުން ފަަލަސްތީނާއި ލުބްނާންވެސް ބައިވެރިވުން އެކަށީގެންވެއެވެ. އަދި ސޫރިޔާގެ ދާޚިލީ މައްސަލަ ހައްލުވުމަށްފަހު ސޫރިޔާވެސް ބައިވެރިވުން އެކަށީގެންވާކަމަށް މުހައްލިލުން ވިދާޅުވެއެވެ.

comment ކޮމެންޓް