އައިއެސްއައިއެސްއާ ދެކޮޅަށް އެމެރިކާ އިސްވެ އޮވެ އިރާގުގައި ހިންގާ އަސްކަރީ އޮޕަރޭޝަން 2025 ވަނަ އަހަރުގެ ނިޔަލަށް ނިންމާލާނެ ކަމަށް އެމެރިކާއާއި އިރާގުން ބުނެފިއެވެ.
އެގޮތަށް އިއުލާނުކުރީ ދެ ގައުމުގެ ގުޅިގެން ނެރުނު ބަޔާނެއްގައެވެ. އޮޕަރޭޝަން ނިންމާލި ނަމަވެސް އެމެރިކާ ސިފައިން އިރާގުގައި ތިބޭނެކަން ނުވަތަ ނޫންކަން ބަޔާންކޮށްފައެއްނުވެއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވި އެމެރިކާގެ އިސް އޮފިޝަލަކު ވިދާޅުވީ އޮޕަރޭޝަން ނިންމާލުމުގައި ދެ މަރުހަލާއެއް ހިމެނޭނެ ކަމަށެވެ.
އެގޮތުން ފުރަތަމަ މަރުހަލާ ސެޕްޓެމްބަރު 2025 ގައި ނިމޭނެ ކަމަށާއި އިރާގުގެ ވަކި ސަރަހައްދުތަކެއްގައިތިބި ސިފައިން އެ ސަރަހައްދުތަކުން ފޭބުން ހިމެނެއެވެ.
ދެވަނަ މަރުހަލާގައި އެމެރިކާއިން އައިއެސްއާ ދެކޮޅަށް ސީރިއާގައި ހިނގަމުންދާ މަސައްކަތްތަކާ ގުޅިގެން 2026 ނިޔަލަށް ބައެއް ސިފައިން އިރާގުގައި ހަރަކާތްތެރިވާނެއެވެ.
އެއަށްފަހު އެމެރިކާ އާއި އިރާގުގެ ދިފާއީ ގުޅުން އިތުރަށް ފުޅާވެގެންދާނެ ކަމަށް ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
އިރާގުގެ އެކި ކަންކޮޅުތަކުގައި ތިބޭ އެމެރިކާ ސިފައިންގެ އަދަދު 2,500 އަށްވުރެ ގިނައެވެ. އަދި، އަވައްޓެރި ސޫރިޔާގައި ވެސް 900 އެއްހާ އެމެރިކާ ސިފައިން ހަރަކާތްތެރިވެއެވެ. އެ މީހުންގެ މައިގަނޑު މަގުސަދަކީ ޓެރެރިސްޓުންގެ އައިއެސްއާ ދެކޮޅަށް އެ ދެ ގައުމުގެ ފައުޖުތަކުން ކުރަމުންދާ ހަނގުރާމައިގައި އަސްކަރީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމެވެ.
އެމެރިކާއިން ފުރަތަމަ އިރާގަށް ސިފައިން ފޮނުވީ 2003 ވަނަ އަހަރުއެވެ.
އެމެރިކާ ސިފައިން ދިރިއުޅެމުންދާ އަސްކަރީ މަރުކަޒުތަކަށް އަހަރުތަކެއް ވަންދެން އީރާނާ ގުޅިފައިވާ ހަނގުރާމަވެރިން އަންނަނީ ހަމަލާތައް ދެމުންނެވެ. އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހަނގުރާމަ ފެށިފަހުން ހަމަލާތައް ދޭ މިންވަރު އިތުރެވެ.