އިރާގުގައި ޓެރަރިޒަމް ކުށް ސާބިތުވި އަށް މީހަކަށް މަރުގެ އަދަބު ދީފި

އިރާގުގެ ޖަލެއް: އިރާގުގައި މަރުގެ ހުކުމް ކުރާއިރު ޝަރީއަތްތައް އަވަސް އަރުވާލައިގެން ނިންމާ ކަމަށާއި އަނިޔާކޮށްގެން އިއުތިރާފުކުރުވާ ކަމަށް، އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާތަކަކުން ވަނީ ތުހުމަތުކޮށްފައި -- ފޮޓޯ/ ރޮއިޓާސް

އިރާގުގައި ޓެރަރިޒަމްގެ ކުށް ސާބިތުވެފައިވާ އަށް މީހަކަށް މަރުގެ އަދަދު ދީފިއެވެ.

ކުށް ސާބިތުވި އަށް މީހުން ދަންޖައްސައިފައި ވަނީ އިރާގުގެ ނާސިރިއްޔާ ސިޓީގައި ހުންނަ އަލް ހޫތު ޖަލުގައި ޖަސްޓިސް މިނިސްޓްރީގެ ޓީމެއްގެ ބެލުމުގެ ދަށުން ކަމަށް ސަލާމަތާބެހޭ އޮފިޝަލަކާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. އެމީހުން ދަންޖައްސާފައިވަނީ އެންޓި ޓެރަރިޒަމް ގާނޫނުގެ ހަތަރު ވަނަ މާއްދާގެ ދަށުންނެވެ.

ޓެރަރިޒަމްގެ ކުށް ސާބިތުވެފައިވާ އިރާގުގެ އެތައް ސަތޭކަ މީހުންނަށް ފާއިތުވި އަހަރުތަކުގައި މަރުގެ ހުކުމް އިއްވައިފައިވެއެވެ.

ސަލާމަތީ އަދި ސިއްހީ މަސްދަރުތަކުން އޭއެފްޕީއަށް މައުލޫމާތު ދެމުން ބުނީ މި މަހުގެ ހަ ވަނަ ދުވަހުވެސް އިރާގުން ޓެރަރިޒަމްގެ ކުށް ސާބިތުވެފައިވާ 11 މީހަކު ދަންޖައްސައިފައިވާ ކަމަށެވެ.

އިރާގުގެ ގާނޫނުގެ ދަށުން ޓެރަރިޒަމް އާއި މަރުގެ ކުށްތަކަށް މަރުގެ އަދަބު ލިބޭއިރު، މަރުގެ އަމުރުތަކަށް ގައުމުގެ ރައީސްގެ ސޮއި ހޯދަންޖެހެއެވެ.

މަރުގެ އަދަބު ދޭތީ، އިރާގަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވެފައެވެ.

އދ.ގެ ތަޖުރިބާކާރުން ވަނީ އިރާގުގައި ގިނަ އަދަދަކަށް މަރުގެ އަދަބު ދޭން ފަށައިފައިވާތީ، އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ބައެއް ޖަމިއްޔާތަކުން ވަނީ ބައެއް މައްސަލަތައް މާ އަވަސް އަރުވާލައިގެން ނިންމާ ކަމަށާއި އަނިޔާކޮށްގެން ކުށަށް އިއުތިރާފުކުރުވާ ކަމުގެ ތުހުމަތު ވެސް ކުރެވޭ ކަމަށް ބުނެފައެވެ.

comment ކޮމެންޓް