އެސްޓީއޯ ކޮންސްޓްރަކްޝަން އެޖެންޓުން އައްޔަންކޮށް، މުޅި ރާއްޖެއަށް އެ ފުރުސަތު ހުޅުވާލައިފި

އެސްޓީއޯ ކޮންސްޓްރަކްޝަން އެޖެންޓުން އައްޔަން ކުރުން

އެސްޓީއޯއިން ރާއްޖެ އެތެރެކޮށް ވިއްކަމުންދާ ކޮންސްޓްރަކްޝަން ސާމާނު ވިއްކާ އެޖެންޓަކަށް ވުމުގެ ފުރުސަތު 22 ފަރާތަކަށް ދީފި އެވެ.

އެސްޓީއޯ ކޮންސްޓްރަކްޝަންގެ އެޖެންޓުންނަށް ވުމުގެ ފުރުސަތު ހުޅުވާލީ މާޗް މަހުގަ އެވެ. އަދި އެ ފުރުސަތުގައި އެކަަމަށް ޝައުގުވެރިކަން ފާޅުކުރި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވި ފަރާތްތަކާ އެޖެންޓްކަން ހަވާލުކުރީ މިއަދު އެވެ.

މިކަމާ ގުޅޭގޮތުން އެސްޓީއޯ އެނާޖީ އެންޑް ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ޖެނެރަލް މެނޭޖަރު މުހައްމަދު އީމާން ވިދާޅުވީ އެޖެންޓުން އައްޔަންކުރާ ވިޔަފާރީގެ މި މޮޑެލްއަކީ އެކުންފުނިން ތަޖުރިބާކުރާ އެންމެ ކާމިޔާބު މޮޑެލްއަށް ވާނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ.

"ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ރަނގަޅު ނަފާއެއް މީގެ ސަބަބުން ލިބުމަށް މަގުފަހިވާނެ. މީގެ އިތުރުން ރާއްޖޭގެ ހުރިހާ ރަށެއްގައި އިމާރާތްކުރުމަށް ބޭނުންވާ ސާމާނު އަތްފޯރާ އަގުތަކެއްގައި ހުސްނުވެ ލިބޭނެކަން ޔަގީންކުރެވޭނެ." އީމާން ވިދާޅުވި އެވެ.

އެސްޓީއޯއިން މާޗް މަހު ފުރުސަތު ހުޅުވާލީ ވަކިވަކި އަތޮޅުތަކަކަށް ކަމުގައި ވީ ނަމަވެސް، އެ ކުންފުނިން ވަނީ އެޖެންޓަކަށް ވާން ބޭނުންވާ ފަރާތްތަކަށް ހުޅުވާލި އުސޫލުތަކަށް ބަދަލު ގެނެސް، އިމާރާތްކުރުމުގެ ސާމާނު ވިއްކަން ޝައުގުވެރިކަން ހުންނަ ރާއްޖޭގެ ހުރިހާ ރަށެއްގެ ފަރާތްތަކަށްވެސް އެ ފުރުސަތު ހުޅުވާލަން ނިންމާފަ އެވެ.

އެޖެންޓުން ހޮވުމުގައި ރަށްރަށުގައި ތިބި ވިޔަފާރިތަކަށް އިސްކަންދޭއިރު، ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނީ ޖުލައި މަހުގެ އެއްވަނަ ދުވަހު އެވެ. އަދި މިކަމަށް އެދި ހުށަހަޅާ ފޯމް އެސްޓީއޯގެ ވެބްސައިޓުން ލިބޭނެ އެވެ.

މީގެ ކުރިން އެޖެންޓު މޮޑެލްގެ ދަށުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް މެދުވެރިކޮށް ކާޑުގެ ބާވަތްތައް ވެސް އެސްޓީއޯއިން ވިއްކާފައިވެ އެވެ. އަދި އެއީ ކާމިޔާބު މޮޑެލްއެއް ކަމަށް އެސްޓީއޯއިން ބުނެ އެވެ.

comment ކޮމެންޓް