ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މުޅި މަޝްރޫއު އަންނަ އަހަރު މާޗު މަހުގައި ނިމޭނެކަމަށް އިމާރާތްކުރުމާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
އެ މަޝްރޫއު ކުރިއަށްގެންދަނީ އިންޑިއާގެ ކަލްޕަތުރު ޕްރޮޖެކްޓްސް އިންޓަނޭޝަނަލް ލިމިޓެޑްއިންނެވެ.
އިމާތާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ އެއާޕޯޓުގެ 2400 މީޓަރުގެ ރަންވޭ އަދި އޭޕްރަންގެ 97 އިންސައްތަގެ މަސައްކަތް މިހާތަނަށް ނިމިފައިވާކަމަށެވެ. އަދި މި މިސައްކަތް އެއްކޮށް ނިމޭނެ ކަމަށް ލަފާކުރަނީ އަންނަ ނޮވެމްބަރު މަހުގެ ނިޔަލަށް ކަމަށެވެ.
އެ ވުޒާރާއިން ބުނީ 10،500 އަކަ މީޓަރުގެ ޕަސެންޖާ ޓާމިނަލްގެ 51.4 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަމަށާއި މިވަގުތު އިމާރާތުގެ ސްޓަރަކްޗަރަލް އަދި ފިނިޝިން މަސައްކަތް އެކުއެކީ ކުރަމުންދާ ކަމަށެވެ.

ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް އަންނަ މާޗު މަހުގައި ނިމޭނެ: މިއަދު ވަޒީރު މުއްތަލިބު އެއާޕޯޓަށް ވަޑައިގެން، މަސައްކަތްތައް ބައްލަވައިލެއްވި -- ފޮޓޯ/ އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާ
މީގެއިތުރުން 3،800 އަކަމީޓަރުގެ އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރުގެ މަސައްކަތުގެ 75 އިންސައްތަ ނިމިފައިވާ ކަމަށާއި ފިއުލް އާމް އަދި ފިއުލް ޖެޓީގެ މަސައްކަތުގެ 44 އިންސައްތަ މިހާރު ނިމިފައިވާކަމަށް އެ ވުޒާރާއިން ބުންޏެވެ.
އެވުޒާރާއިން ބުނީ ޓޭންކްތަކުގެ ފައުންޑޭޝަން މަސައްކަތް ނިމި، ޓޭންކް ރޭވުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.
އެ ވުޒާރާއިން ބުނީ މަޝްރޫޢުގެ ޖުމުލަ 67 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި މުޅި މަޝްރޫއު އަންނަ އަހަރުގެ މާރިޗު މަހުގައި ނިމޭނެ ކަމަށެވެ.
އިންޑިއަން އެގްޒިމް ބޭންކްގެ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ދަށުން ކުރިއަށްގެންދާ މި އެއާޕޯޓްގެ މަޝްރޫޢުގެ މަސައްކަތް ބައްލަވައިލެއްވުމަށް ވަޒީރު ޑރ. އަބްދުﷲ މުއްޠަލިބާއި އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައާޅަފައި ހުންނަވާ ސަފީރު މޫނު މަހާވަރް ވަނީ މިއަދު ޒިޔާރަތްކުރައްވާފައެވެ.

ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް މިނިސްޓްރީން ބެލުން: އެ މަޝްރޫޢުގެ ޖުމުލަ 67 އިންސައްތަ ވަނީ ނިމިފައި -- ފޮޓޯ/ އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާ
މި ދަތުރުގައި ވަޒީރު ވަނީ މަޝްރޫޢުގެ މަސައްކަތް ބައްލަވާލައްވައި، ނަތީޖާ ހާސިލްވަމުންދާ މިންވަރާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ސާފުކުރައްވާފައެވެ.
ހަމަމިއާއެކު މި މަޝްރޫޢުގެ މަސައްކަތް ހަލުވިކަމާއެކު ނިންމުމަށް ސަރުކާރުގެ ފަރާތުން ކޮށްދެވޭނެ ކަންކަމާމެދު ކޮންޓްރެކްޓަރު، ކޮންސަލްޓެންޓް އަދި މަޝަރޫޢުގެ ވެރިފަރާތް ކަމަށްވާ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްއާ ވަޒީރު މަޝްވަރާކުރެއްވި ކަމަށް އެ ވުޒާރާއިން ބުންޏެވެ.
މިއަދުގެ ދަތުރުގައި ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީންގެ އިތުރުން އިންޑިއާގެ ހައިކޮމިޝަންގެ އިސް ބޭފުޅުންވެސް ބައިވެރިވެވަޑައިގަތެވެ.