އެމްއެންޑީއެފްގެ ވެރިން އަނެއްކާވެސް މަޖިލީހުގެ ކޮމެޓީއަށް ހާޒިރުކޮށްފި

ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް-- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދައަށް އަމާޒުކޮށް މިދިޔަ މަހުގެ ހަ ވަނަ ދުވަހުގެރޭ ދިން ޓެރަރިސްޓު ހަމަލާ އާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުން ހަދާ އިންކުއަރީގެ މަސައްކަތް ކުރާ 241 ކޮމެޓީ އަށް އެމްއެންޑީއެފްގެ އިސްވެރިން އަނެއްކާވެސް ހާޒިރުކޮށްފި އެވެ.

މަޖިލީހުގެ އިންކުއަރީ އަށް މީގެ ކުރިންވެސް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް އާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް ހާޒިރުކޮށް ވަނީ ސުވާލުކޮށްފަ އެވެ.

އެ ދެބޭފުޅުން މިއަދުވެސް ކޮމެޓީ އަށް ހާޒިރުކޮށް ސުވާލުކޮށްފައި ވެއެވެ.

އިންކުއަރީގައި ފަސް ކަމަކަށް ބަލާނެ ކަމަށް 241 ކޮމެޓީ އިން ވަނީ ބުނެފަ އެވެ.

1. ހަމަލާ ދިނުމުގެ ކުރިން، ހަމަލާއާ ގުޅޭ އެއްވެސް މައުލޫމާތެއް ސަލާމަތީ ހިދުމަތްތަކާއި ދައުލަތުގެ އެއްވެސް އިދާރާއަކަށް ލިބިފައިވޭތޯ ދެނަގަތުން.

2. ސަލާމަތީ ބާރުތަކުން ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދޭން ޖެހޭ ފަރާތްތަކަށް އެ ހިދުމަތް ފޯރުކޮށްދިނުމުގައި ކަނޑައެޅިފައިވާ މިންގަނޑުތަކަކީ ކޮބާތޯ ދެނެގަތުން

3. ނަޝީދަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގައި އަމަލު ކުރަމުންދިޔަ ގޮތް ދެނަގަތުން.

4. ފައިނޭންސް އިންޓެލިޖެންސް މައުލޫމާތު އެއްކުރާ ގޮތާއި މައުލޫމާތު ލިބުމުން އަމަލުކުރާ ގޮތް ދެނަގަތުން

5. ގާނޫނީ އޮނިޑަނޑާ އެއްގޮތަށް އަމަލު ކުރަމުންދާ މިންވަރު ދެނަގަތުން.

އެމްއެންޑީއެފް އިން މީގެ ކުރިން ބުނެފައިވަނީ އެ މުވައްސަސާގެ ފަރާތުން ވަކިވަކި ސިފައިން ކޮމެޓީ އަށް ޖަވާބު ދާރީ ވުމުގެ ބަދަލުގައި، ޖަވާބުދާރީ ވާނީ މުޅި މުވައްސަސާ އިން ކަމަށެވެ.

ނަމަވެސް ފަހުން ވަކިވަކި ސިފައިިންވެސް ކޮމެޓީ އަށް ހާޒިރުވެފައިވެ އެވެ.

ހަމަލާގެއިންކުއަރީ އަށް ކަމާ ގުޅުންހުރި އިދާރާތަކުގެ ވެރިން އަންނަނީ ހާޒިރުކުރަމުންނެވެ. އެގޮތުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި އެމްއެމްއޭގެ ގަވަރުނަރާއި އިސް ވެރިންގެ އިތުރުން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދުވެސް ވަނީ ކޮމެޓީ އަށް ހާޒިރުކޮށްފަ އެވެ.

ރައީސް ނަޝީދަށް ދިން ހަމަލާ އައި ގުޅުންހުރި ހަތަރު މީހަކު މިހާތަނަށް ވަނީ ހައްޔަރުކޮށްފަ އެވެ. އެ ހަމަލާ ގައި ލިބިވަޑައިގެންނެވި ޒަހަމްތަކަށް ފަރުވާ ހޯއްދެވުމަށް އެ މަނިކުފާނު ހުންނެވީ ޖަރުމަނުގަ އެވެ.

comment ކޮމެންޓް