އެސްޓީއޯއިން ވިއްކާ ޑީސަލްއާއި ޕެޓްރޯލުގެ އަގު އަނެއްކާވެސް ބޮޑުކޮށްފި

ފެބްރުއަރީ 24، 2021: ހުޅުމާލޭ ޕެޓްރޯލް ޝެޑުން ޕެޓްރޯލް އަޅަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެސްޓީއޯ އިން ވިއްކާ ޑީސެލް އާއި ޕެޓްރޯލްގެ އަގު މިއަދުން ފެށިގެން ބޮޑުކޮށްފި އެވެ.

އެސްޓީއޯ އިން ބުނީ އެކުންފުނިން ވިއްކާ ޑީސެލް އާއި ޕެޓްރޯލް އަގުބޮޑުކުރަން ޖެހުނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައިސްފައިވާ ބޮޑު ބަދަލާއެކު، އެ ކުންފުނިން ފޯރުކޮށްދޭ ތެލުގެ ހިދުމަތް ދެމެހެއްޓެނެވި ގޮތެއްގައި ގެންދިއުމަށްޓަކައި ކަމަށެވެ.

އެހެންކަމުން މިއަދުން ފެށިގެން އެ ކުންފުނީގެ ސަބްސިޑިއަރީ ކުންފުނި ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ޝެޑްތަކުން ވިއްކާ ތެލުގެ އަގަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށެވެ.

އެ ނިންމުމާ އެކު ޑީސެލް ލީޓަރެއްގެ އަގު ވަނީ 9.97 ރުފިޔާ އިން 10.72 ރުފިޔާއަށް ބޮޑުކޮށްފަ އެވެ.

ކުރިން 8.85 ރުފިޔާއަށް ވިއްކަމުން އައި ޕެޓްރޯލް ލީޓަރެއްގެ އަގު ވަނީ 9.74 ރުފިޔާއަށް ބޮޑުކޮށްފަ އެވެ.

އެސްޓީއޯ އިން އެންމެ ފަހުން ތެލުގެ އަގަށް ބަދަލު ގެނައީ މިދިޔަ މާޗު މަހުގެ 16 ވަނަ ދުވަހު އެވެ.

comment ކޮމެންޓް