ޕެރިސް (ޖޫން 16): ސްވިޑެންގެ ފަރުނީޗަރު ކުންފުނި އައިކިއާގެ ފްރާންސް ސަބްސިޑަރީން އެ ކުންފުނީގެ މުވައްޒަފުންނަށް ޖާސޫސު ކުރިކަން ސާބިތުވުމުން، އެ ކުންފުނި އެއް މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި އެވެ.
ފްރާންސުގައި ހުންނަ އައިކިއާގެ ސަބްސިޑަރީ ޖޫރިމަނާ ކުރީ، 2009 އާއި 2012އާ ދޭތެރޭ މުވައްޒަފުންގެ ޒާތީ މައުލޫމާތު ގަވާއިދާ ހިލާފަށް ހޯދި މައްސަލައެއްގަ އެވެ. އެގޮތުން އެ ކުންފުނީގެ ވަޒީފާތަކަށް މީހުން އައްޔަން ކުރުމުގެ ކުރިން އެމީހުންނާ ބެހޭ މައުލޫމާތު ހޯދުމާއި މުވައްޒަފުން އުޅޭ ނޫޅޭ ގޮތް ބެލުމަށް ޕްރައިވެޓް އިންވެސްޓިގޭޓަރުންނާއި ފުލުސް އޮފިސަރުންތަކެއްގެ އެހީ ހޯދިކަން ޝަރީއަތުގައި ހާމަވި އެވެ. އެ ކުންފުނިން ހޯދި މައުލޫމާތުތަކުގެ ތެރޭގައި މުވައްޒަފުންގެ ބޭންކް އެކައުންޓު ރެކޯޑުތަކާއި ކުށުގެ ރެކޯޑުތައް ހިމެނެ އެވެ.
އޭއެފްޕީން ރިޕޯޓު ކުރި ގޮތުގައި އޭރު އައިކިއާއިން ޕްރައިވެޓް އިންވެސްޓިގޭޓަރުންނަށް ހޭދަ ކުރި މިންވަރު އަހަރަކު 727,890 ޑޮލަރަށް އެރި އެވެ. އަދި އެ ކުންފުނިން ޖާސޫސު ކުރި މީހުންގެ އަދަދު 400އަށް އަރާނެ ކަމަށް ޕްރޮސެކިއުޓަރުން ވިދާޅުވި އެވެ.
އެ މައްސަލަގައި ފްރާންސުގެ ކޯޓުން ދައުވާ ކުރި 15 މީހުންގެ ތެރޭގައި އައިކިއާ ފްރާންސުގެ އެކްޒެކެޓިވް މަގާމުތަކުގައި ތިބި މީހުންނާއި ވަކި ފިހާރަތަކުގެ މެނޭޖަރުން ހިމެނެ އެވެ. އަދި ސިއްރު މައުލޫމާތު އެ ކުންފުންޏާ ހިއްސާ ކުރި ކަމުގެ ދައުވާ ހަތަރު ފުލުސް އޮފިސަރަކަށް ކުރި އެވެ.
އެ މައްސަލައިގައި އައިކިއާ ފްރާންސް ޖޫރިމަނާ ކުރުމުގެ އިތުރުން އެ ކުންފުނީގެ ކުރީގެ ސީއީއޯ 60،500 ޑޮލަރުން ޖޫރިމަނާ ކޮށް، ދެ އަހަރަށް ޖަލަށް ލާން ހުކުމް ކުރި އެވެ. ނަމަވެސް އެ ޖަލު ހުކުމް ސަސްޕެންޑުކޮށްފައި ވުމުން އޭނާ އެ ހުކުމް ތަންފީޒު ކުރަން ނުޖެހޭނެ އެވެ.
އައިކިއާގެ ޕޭރެންޓް ކުންފުނި ކަމަށްވާ އިންކާ ގުރޫޕުން ވަނީ އައިކިއާ ފްރާންސުގެ އަމަލުތައް ކުށްވެރިކޮށް، މާފަށް އެދިފަ އެވެ. އަދި އެފަދަ ކަމެއް އަލުން ނުހިނގާނެކަން ޔަގީން ކުރުމަށް އެކްޝަން ޕްލޭނެއް އެކުލަވާލާފައިވާ ކަމަށް ބުނެފަ އެވެ.