ޔުއޭފާ ނޭޝަންސް ލީގުގައި ކްރޮއޭޝިއާގެ މައްޗަށް ކުރި ހޯދާ މި މުބާރާތުގެ ސެމީ ފައިނަލުން ފަރަންސޭސިވިލާތް ޖާގަހޯދައިފިއެވެ.
މި މުބާރާތުގެ ކުއާޓާ ފައިނަލްގައި ކްރޮއޭޝިއާ އާ ބައްދަލުކޮށް ފަރަންސޭސީން ކުރި ހޯދާފައިވަނީ ދެ ލަނޑު ދެ ލަނޑުގެ އެގްރިގޭޓް ނަތީޖާ އަކުން ދެ ޓީމު އެއްވަރު ވުމުން ޕެނަލްޓީ ޖަހައިގެން ފަސް ލަނޑު ހަތަރު ލަނޑުންނެވެ.
މި ދެ ޓީމުގެ މެދުގައި ކުޅުނު ފުރަތަމަ ލެގު އަމިއްލަ ފަސް ގަނޑުގައި ދެ ލަނޑު ސުން ލަނޑުން ކްރޮއޭޝިއާ ކާމިޔާބު ކުރިއިރު ދެވަނަ ލެގު ފަރަންސޭސީންގެ ދަނޑުގައި ރޭ ކުޅެ އެ ޓީމު ކާމިޔާބު ކޮށްފައިވަނީ ވެސް ދެ ލަނޑު ސުން ލަނޑުންނެވެ.
ފަރަންސޭސި ވެރިރަށް ޕެރިހުގައި ކުޅުނު ދެވަނަ ލެގު ފެށުމުގެ ކުރިން ފަރަންސޭސި ޤައުމީ ޓީމަށް އެންމެ ގިނަ ލަނޑު ކާމިޔާބު ކޮށްދީފައިވާ ކުރީގެ ކުޅުންތެރިޔާ އޮލިވާ ޖިރޫ ޤައުމީ ޓީމަށް ކޮށްދީފައިވާ ހިދުމަތުގެ އަގުވަޒަން ކުރުމުގެ ވަގުތު ކޮޅެއް ބޭއްވިއެވެ. ޖިރޫ ވަނީ ޤައުމީ ޓީމަށް ކުޅުނު 137 މެޗުގައި 57 ލަނޑު ކާމިޔާބު ކޮށްދީފައެވެ.
ފަރަންސޭސިވިލާތާއި ކްރޮއޭޝިއާގެ މެދުގައި ކުޅުނު ދެވަނަ ލެގުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ދެ ޓީމަށް ވެސް ލިބިގެންދިޔައެވެ. އަދި ވަކިން ހާއްސަކޮށް ފަރަންސޭސީންނަށް ލިބިގެންދިޔަ ފުރުސަތުތައް ފާހަގަ ވެގެންދިޔައެވެ. ހަމަ އެއާއެކު ކްރޮއޭޝިއާގެ ކީޕާ ޑޮމިނިކް ލިވާކޮވިޗްގެ ހުޝިޔާރުކަންވެސް މުޅި މެޗުގައި ފާހަގަ ވެގެންދިޔައެވެ.
މި މެޗުގައި ފަރަންސޭސީން ކާމިޔާބުކުރި ފުރަތަމަ ލަނޑު މެޗުގެ 52 ވަނަ މިނެޓުގައި ލިބިގެންދިޔަ ހިލޭ ޖެހުމަކުން ކާމިޔާބު ކޮށްދިނީ މައިކަލް އޮލީސޭއެވެ. އަދި އެ ޓީމުގެ ދެވަނަ ލަނޑު މެޗުގެ 80 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އުސްމާން ޑެންބެލޭއެވެ.
މި މެޗުގައި އިތުރު ލަނޑެއް ޖެހޭތޯ ފަރަންސޭސީން މަސައްކަތް ކުރި ނަމަވެސް ހިތްވަރާއެކު ކުޅެމުންދިޔަ ކްރޮއޭޝިއާގެ ޑިފެންސް އިތުރަށް ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ. ނަތީޖާ އަކަށް ވެގެންދިޔައީ 15 މިނެޓުގެ އިތުރު ދެ ހާފު ކުޅެ އަދި އެއާއެކުވެސް ނަތީޖާއަށް ބަދަލެއް ނައުމުން ނަތީޖާ ނެރުމަށްޓަކައި ޕެނަލްޓީ ޖަހާށެވެ.
މި މެޗުގެ ޕެނަލްޓީ ޝޫޓް އައުޓްވެސް ވެގެންދިޔައީ ދެ ޓީމުގެ ސަޕޯޓަރުން ވެސް ނޭވާ ހިފަހައްޓާލައިގެން ތިބެންޖެހުނު ޝޫޓް އައުޓަކަށެވެ. މިގޮތުން ކްރޮއޭޝިއާގެ މާޓިން ބަޓުރީނާ ޖެހި ފުރަތަމަ ޕެނަލްޓީ ފަރަންސޭސި ކީޕާ މައިކް މިންޔޮން ދިފާއު ކުރިއިރު ފްރެންޔޯ އިވާނޮވިޗް ޖެހި ޕެނަލްޓީ ދިޔައީ ހުރަސް ދަނޑި މަތިން ބޭރަށެވެ. އަދި ފަރަންސޭސީން ޖެހި ޕެނަލްޓީގެ ތެރެއިން ތިންވަނަ ޕެނަލްޓީ ޖޫލްސް ކޮއުންޑާ ބޭރަށް ޖެހިއިރު މެޗުން މޮޅުވުމަށް ލިބިގެންދިޔަ ފަސްވަނަ ޕެނަލްޓީ ތިއޯ ހެނާންޑޭޒް އަތުންވެސް ދިޔައީ ބޭރަށެވެ. ނަތީޖާ އަކަށް ވެގެންދިޔައީ ސަޑަން ދެތަށް ދިއުމެވެ. މިގޮތުން ކްރޮއޭޝިއާގެ ހަވަނަ ޕެނަލްޓީ ޔޮސިޕް ސްޓަނިސިޗް ޖެހުމުން މިންޔޮން ދިފާއު ކުރިއިރު ފަރަންސޭސިވިލާތުގެ ޑަޔޮޓް އުޕަމެކާނޯ ވަނީ އޭނާގެ ޕެނަލްޓީ ކާމިޔާބު ކޮށްދީ ސެމީ ފައިނަލްގެ ޖާގައެއް ކަށަވަރު ކޮށްދީފައެވެ.
މި ކާމިޔާބީއާއެކު މި އަހަރުގެ ޖޫން މަހު ކުޅޭ ސެމީ ފައިނަލްގައި ފަރަންސޭސީން ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން ސްޕެއިން އާއެވެ. އަދި ހަމައެއާއެކު މި ކާމިޔާބީ އާއެކު ވޯލްޑް ކަޕް ކޮލިފައިންގައި ފަރަންސޭސީން ހިމެނިގެން ދާނީ އަޒަރުބައިޖާން، އައިސްލަންޑް އަދި ޔޫކްރެއިން އާއެކު ގްރޫޕް ޑީގައެވެ. އަދި ކްރޮއޭޝިއާ ހިމެނިގެންދާނީ ޗެކް ރިޕަބްލިކް، ފެރޯ އައިލަންޑްސް، ޖިބްރޯލްޓާ އަދި މޮންޓެނެގްރޯ އާއެކު ގްރޫޕް އެލް ގައެވެ.