ރައްޔިތުންގެ މަޖިލިސް މެންބަރުން ބައިވެރިކޮށްގެން ސަރުކާރު ހިންގާކަށް ނުޖެހޭ ކަމަށް ކެންދޫ ދާއިރާ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.
އަލީ ހުސައިން އެގޮތަށް ވިދާޅުވެފައި މިވަނީ, ސަރުކާރު ހިންގުމުގައި މަޖިލިސް ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީ ބައިވެރި ކުރަން ޖެހޭ ކަމަށް ދޭހަވާ ގޮތަށް އެ ޕާޓީގެ ޗެއާޕާސަން އަދި ހުޅުހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް މިިދިޔަ ހުކުރު ވާހަކަ ދައްކާފައި ވަނިކޮށެވެ.
ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ އަލީ ހުސައިން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ, މަޖިލީހަކީ ސަރުކާރު ޒިންމާދާރު ކުރުވައި, ޖަވާބުދާރީ ކުރަން އޮތް މުއައްސަސާއެއް ކަމަށެވެ. އެހެންވީއިރު, މަޖިލިސް މެންބަރުން ސަރުކާރުން ހިންގުމުގައި ބައިވެރިކުރުމަކީ އޭނާ ގަބޫލުކުރާ ކަމެއް ނޫން ކަމަށް އަލީ ހުސައިން ވިދާޅުވި އެވެ.
"ސަރުކާރު ހިންގުމުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންން ބައިވެރިކޮށް ބައްސާ ހަދާކަށްނުޖެހޭ. ސަރުކާރު ޒިިންމާދާރު ކުރުވައި ޖަވާބުދާރީ ކުރުވަންތިބޭ ބަޔަކު ސަރުކާރު ހިންގުމުގައި ބައިވެރި ނުކޮށްގެން ޝަކުވާކުރުމަކީ ދެރަވަރު ކަމެއް," މެންބަރު އަލީ ވިދާޅުވި އެވެ.
ރައީސް ނަޝީދަށް ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން މަޖިލީހުން ހިންގާ އިންކުއަރީއަށް ވަކި ވަކި ސިފައިން ހާޒިރުކުރުމަށް އެމްއެންޑީއެފްއިން ދެކޮޅު ހަދައި, މަޖިލީހަށް ސިޓީ ފޮނުވި ޑިފެންސް މިނިސްޓްރީގެ ނައިބު ހަސަން ޒަމީލަށް ފިޔަވަޅު އަޅަން މަޖިލީހުގެ އިމްތިޔާޒު ކޮމިޓީން ބޭނުން ނުވުމުން އެމްޑީޕީ ތެރޭގައި އޮތް ކޯޅުން ބޮޑުވި އެވެ.
ކޮމިޓީން ޒަމީލްގެ މައްސަލަ ބޭރުކޮށްލީ އެމްޑީޕީ މެންބަރުންގެ ވޯޓާވެސް އެކު އެވެ. އެއާއެކު ރައީސް ނަޝީދާއި އެމަނިކުފާނަށް ވާފާތެރި މެންބަރުން ތުހުމަތު ކުރީ, އެއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ސަރުކާރުން އަޑީގައި ތިބެގެން ކުރި ކަމެއް ކަމަށެވެ.
އޭގެ އިތުރުން އެކަމުގައި ކޮމިޓީގެ މުގައްރިރު, އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ)އަށްވެސް އެޕާޓީގެ މެމްބަރުން ތުހުމަތު ކުރި އެވެ. އެ ތުހުމަތުތައް ދޮގު ކުރައްވައި, ބިގޭ ވިދާޅުވީ, މަޖިލީހުގެ މަސައްކަތްތަކާއި އެމްޑިޕީގެ މަސައްކަތްތައް ވަރަށް ބޮޑަށް ދެބައިވެފައިވާ ކަމަށެވެ.
ބިގޭއަށް ރައްދުދެއްވައި, ހަސަން ލަތީފު ވިދާޅުވީ, މަސައްކަތް ދެބައިވީ އެމްޑީޕީ އިން ވައުދުވި ކަންކަން ކުރަން ސަރުކާރުން ބޭނުން ނުވުމުން ކަމަށެވެ. އަދި އެ ޕާޓީ ދެބައިވީ ވައުދުވި ކަންކަން ނުކޮށް، އޭގެ ބަދަލުގައި ސަރުކާރުން ކޮރަޕްޝަންގެ މައްސަލަތައް ބެލުމުގައި ފޫކެހުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
"އެމްއެމްޕީއާރުސީ އާއި ކޮރަޕްޝަންގެ މައްސަލަތައް ބަލަން ސަރުކާރުން ފޫކަހަން ފެށީމަ. ސަރުކާރާ ޕާޓީގެ ގުޅުން ހީނަރުކޮށްލީމަ. ޖުމުލަކޮށް ރައީސް މުހައްމަދު ނަޝީދުއާ ޕާޓީ އެއްކައިރިކޮށް ސަރުކާރު ހިންގަން އުޅުނީމަ." ހަސަން ލަތީފް ވިދާޅުވެފައިވެ އެވެ.