އެރިކްސަންގެ ހާލު ރަނގަޅު، މެޗު ހުއްޓާލި ހިސާބުން ކުރިއަށް

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ފިންލެންޑާއި ޑެންމާކް ބައްދަލުކުރި މެޗު މެދުކަނޑާލި ހިސާބުން ކުރިއަށް ގެންދަން ޔުއެފާ އިން ބުނެފި އެވެ.

މިރޭގެ ފުރަތަމަ ހާފްގެ 43 ވަނަ މިނެޓުގައި މެޗުގެ ކުޅުން މެދުކަނޑާލީ ޑެންމާކުގެ ކްރިސްޓިއަން އެރިކްސަން ހޭނެތިގެން ދަނޑު މައްޗަށް ވެއްޓުމާ ގުޅިގެންނެވެ.

އެރިކްސަން ދަނޑުމައްޗަށް ވެއްޓުނުތާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި މެޑިކަލް ޓީމުން ވަނީ އޭނާއަށް އެޓެންޑުވެ ފަރުވާ ފަށައިފަ އެވެ.

އެރިކްސަން އަށް މިހާރު ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ އިރު، ހާލު މިހާރު ސްޓޭބަލް ކަމަށް ޑެންމާކްގެ އޮފިޝަލުން ވަނީ ބުނެފަ އެވެ.

ޔުއެފާ އިން ބުނީ މެޗު މެދުކަނޑާލި ހިސާބުން އަލުން ކުޅުން ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. އެގޮތަށް ނިންމީ ދެޓީމުގެ ވެސް އެދުމުގެ މަތިންނެވެ. މެޗު ކުރިއަށް ގެންދާނީ ރާއްޖެ ގަޑިން މިރޭ 11:30 އިން ފެށިގެންނެވެ.

ފުރަތަމަ ހާފުގެ ފަހު ފަސް މިނެޓުގެ ކުޅުން ކުރިއަށް ގެންގޮސް، ފަސް މިނެޓުގެ ބްރޭކަކަށް ފަހު ދެވަނަ ހާފް ކުރިއަށް ގެންދާނެ އެވެ.

މެޗު މެދުކަނޑާލިއިރު ނަތީޖާ އަކީ 0-0 އެވެ.

ޔުއެފާ އިން ބުނީ މިރޭ 00:00 ގައި އޮންނަ ބެލްޖިއަމް އަދި ރަޝިއާ ވާދަކުރާ މެޗު ހަމަޖެހިފައިވާ ގޮތަށް ކުރިއަށްދާނެ ކަމަށެވެ.

comment ކޮމެންޓް