ޔޫރޮޕުގެ ގަދަބާރުތަކުން އެކުވެގެން ފަށަން އުޅުނު ޔޫރޮޕިއަން ސުޕަ ލީގުގައި ވާދަކުރަން ނިންމާފައި އޮތް ކުލަބުތަކުގެ ތެރެއިން މިހާތަނަށް ވަކިނުވެ އޮތް ތިން ކުލަބު ކަމަށްވާ ބާސެލޯނާ، ރެއާލް މެޑްރިޑް އަދި ޔުވެންޓަސްއަށް ޔޫއެފާއިން ދޭން އޮތް އަދަބުތައް ނުދީ މަޑު ޖައްސާލައިފި އެވެ.
ފުޓުބޯޅައިގެ މައި އިދާރާތަކުގެ އިންޒާރުތަކަށް ބެލުމެއް ނެތި ޔޫރޮޕުގެ 12 ކުލަބަކުން ސުޕަ ލީގުގެ މަޝްރޫއު އިއުލާން ކުރީ މިދިޔަ އޭޕްރީލް މަހު އެވެ. އެ 12 ޓީމުގެ ތެރޭގައި އިނގިރޭސިވިލާތަށް ނިސްބަތްވާ ހަ ކުލަބު ކަމަށްވާ، މެންޗެސްޓާ ޔުނައިޓެޑާއި މެންޗެސްޓާ ސިޓީ، ލިވަޕޫލް، ޗެލްސީ، ޓޮޓެންހަމް އަދި އާސެނަލް ހިމެނުނެވެ. ދެން އިތުރަށް އޮތީ ސްޕެއިނުގެ ރެއާލް މެޑްރިޑާއި، ބާސެލޯނާ، އެތުލެޓިކޯ މެޑްރިޑް އަދި އިޓަލީގެ ޔުވެންޓަސް، އޭސީ މިލާންގެ އިތުރުން އިންޓަ މިލާނެވެ.
މި ލީގު ވުޖޫދުވިތާ މާގިނައިރުތަކެއް ނުވަނީސް ކުލަބުތަކުގެ ސަޕޯޓަރުންގެ ފާޑުކިޔުންތަކާއި، އެހެނިހެން ޕްރެޝަރުތަކާ ހެދި ބައެއް ކުލަބުތަކުން ވަނީ ލީގުން ވަކިވެފަ އެވެ. އެގޮތުން ސުޕަ ލީގު ދޫކޮށްލިކަން އެންމެ ފުރަތަމަ ރަސްމީކޮށް އިއުލާނުކުރި ކްލަބަކީ ސިޓީ އެވެ. އޭގެ ފަހުން ދެން އޮތް އިނގިރޭސި ފަސް ކްލަބުން ވެސް ކުރީ އެވެ.
އެހެން ނަމަވެސް މިހާތަނަށް ވަކި ނުވެ އޮތް ތިންކުލަބުގެ މައްސަލަ ޔޫއެފާއިން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ އިރު، އެ ކުލަބުތަކަށް އަދަބު ދޭނެކަން މީގެ ކުރިން ވަނީ ހާމަކޮށްފަ އެވެ.
ޔޫއެފާގެ އެތިކްސް އެންޑް ޑިސިޕްލިނަރީ ކޮމިޓީން މައްސަލަ ބަލައި ނިމިފައިވާ އިރު، ޔޫއެފާއިން ރޭ ނެރުނު ބަޔާނެއްގައި ބުނީ، ތިން ކުލަބަށް އަދަބު ލިބޭނެ ކަމީ ޝައްކެތް އޮތް ކަމެއް ވެސް ނޫން ކަމަށާއި، އެހެން ނަމަވެސް މިވަގުތަށް އެ އަދަބު ދިނުން ވަގުތީ ގޮތުން މަޑު ޖައްސާލައިފައި ވާކަމަށެވެ.
ބެލެވޭ ގޮތުގައި ޔޫއެފާއިން އެކަން މަޑު ޖައްސާލަން ނިންމީ ކުރިއަށް އޮތް ޔޫރޯ މުބާރާތް ނިމެންދެެނެވެ. ޔޫރޯގެ ކުރިން މިފަދަ ނިންމުމެއް ނިންމައިފި ނަމަ ކުލަބުތަކަށް ޔޫރޯގައި ބައިވެރިވާ ކުޅުންތެރިން ހިފެހެއްޓުމުގެ ބާރު އޮވެ އެވެ.
މީގެ އިތުރުން އިނގިރޭސި އެފްއޭއިން ވެސް ރޭ ވަނީ އެކަމާ ގުޅިގެން ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައި ބުނެފައި ވަނީ ސުޕަ ލީގުގައި ބައިވެރިވި ހަ ކުލަބު ޖޫރިމަނާކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތުން އެ ހަ ކުލަބު އެކުވެގެން 21 މިލިޔަން ޕައުންޑް ދެއްކުމަށް ވަނީ އަންގާފައެވެ. އެއީ ކޮންމެ ކުލަބަކުން 3.5 މިލިޔަން ޕައުންޑެވެ. އަދި ޕްރިމިއާ ލީގުގެ ގަވާއިދު ހުއްދަ ނުދޭ މަޝްރޫއެއްގައި ދެން ބައިވެރިވެއްޖެނަމަ، އެ ކުލަބެއް ޖޫރިމަނާކުރުމުގެ އިތުރުން ޕޮއިންޓް އުނިކުރާނެ ކަމަށްވެސް ވަނީ އަންގާފަ އެވެ.