ނަޝީދަށް ދިން ހަމަލާގެ ތަހުގީގުގައި ޝިފާ އާއި އަސްލަމްއާ ކޮމިޓީއިން ސުވާލުކޮށްފި

އަސްލަމް އާއި ޝިފާ މިއަދު މަޖިލީހުގެ ކޮމިޓީއަށް މައުލޫމާތު ދެއްވަނީ --

ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދައަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ރައްޔިތުން މަޖިލީހުގެ 241އިން ކުރިއަށް ގެންދާ އިންކުއަރީއަށް މާލެ ސިޓީގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދާއި، ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ހާޒިރުކޮށްފި އެވެ.

މިދިޔަ މަހުގެ ހަ ވަނަ ދުވަހުގެރޭ ނީލޯފަރު ހިނގުމާއި މަޖީދީމަގު ގުޅޭ ސަރަހައްދުގައި ހުރި ސައިކަލެއްގައި ހަރުކޮށްގެން ބޮމެއް ގޮއްވާލައި ރައީސް ނަޝީދަށް ވަނީ ބޮޑެތި ޒަހަމްތައް ލިބިވަޑައިގެންފަ އެވެ. އެ ޒަހަމްތަކަށް ފަރުވާ ހޯއްދެވުމަށް އެ މަނިކުފާނު ހުންނެވީ މިހާރު ޖަރުމަނުގަ އެވެ.

އިންކުއަރީއަށް ޝިފާ އާއި އަސްލަމް ހާޒިރުކުރި އިރު، ގ. ކެނެރީގެ ހުންނަ ނީލޯފަރު ހިނގުމަކީ ހަނިގޯޅިއަކަށް ވެފައި އެ މަގުގެ އެއްފަރާތުގައި ސައިކަލު ޕާކުކޮށްފައި ހުންނާތީ ރައީސް ނަޝީދަށް ސެކިއުރިޓީ ފޯރުކޮށްދޭން އުނދަގޫ ކަމަށް ޑިފެންސް މިނިސްޓްރީން ވެސް އޮތީ ކައުންސިލަށް އަންގައިފަ އެވެ.

ރައީސް ނަޝީދަށް އެ ގޯޅީގައި ހަމަލާ ދިން އިރު، ޑިފެންސުން އެދުނު ގޮތަށް އެ ބަދަލު ގެނެސްފައެއް ނުވެ އެވެ.

އެ މައްސަލައިގައި ޝިފާ ކުރިން ވިދާޅުވެފައި ވަނީ ޑިފެންސްގެ އެދުމާ އެގޮތަށް ނީލޯފަރު ހިނގުމުގެ ޕާކިން ޒޯނު ނެގުމުގެ މަސައްކަތް ފަށައި އެ ސަރަހައްދުން ޕާކިން ޒޯނު ހެދުމަށް އެންމެ އެކަށީގެންވަނީ ބިއްލޫރިޖެހިގެ ކަމަށް ފެނި، އެ އިމާރާތުގައި ޕާކިން ޒޯނު ހެދުމުގެ އިންތިޒާމު ހަމަޖައްސައި ދިނުމަށް 23 މާޗު 2021 ގައި ސިޓީ އަކުން ޕްލޭނިން މިނިސްޓްރީގައި އެދުނު ކަމަށެވެ.

ނިލޯފަރު ހިނގުން ވެހިކަލް ޕާކު ނުކުރެވޭ މަގަކަށް ހެދިފައި ނުވަނީ، ޕާކިން ޖާގަ ހެދުމަށް ބިއްލޫރިޖެހިގެ ނުވަތަ އެ ސަރަހައްދުން ވެށި ފަހި މާލެ ޕްރޮގްރާމުގެ ދަށުން ސަރުކާރަށް ލިބުނު ބްލޮކް 139 ޕްލޭނިން، މިނިސްޓްރީން މާލެ ސިޓީ ކައުންސިލާ ހަވާލުކޮށްފައި ނުވާތީ އާއި އެކަމުގައި އެ މިނިސްޓްރީ އިން އެކަށީގެންވާ ގޮތެއްގައި އެއްބާރުލުން ދީފައި ނުވާތީ ކަމަށް ވެސް މާލޭ ސިޓީ ކައުންސިލުން މީގެ ކުރިން ވަނީ ބުނެފަ އެވެ.

ހަމަލާގެ އިންކުއަރީއަށް އިއްޔެ ވަނީ ސީޕީ މުހައްމަދު ހަމީދު ވެސް ހާޒިރުކޮށްފަ އެވެ. އިންކުއަރީގައި ފަސް ކަމަކަށް ބަލާނެ ކަމަށް 241 ކޮމެޓީ އިން ވަނީ ބުނެފަ އެވެ. އެއީ:

1. ހަމަލާ ދިނުމުގެ ކުރިން، ހަމަލާއާ ގުޅޭ އެއްވެސް މައުލޫމާތެއް ސަލާމަތީ ހިދުމަތްތަކާއި ދައުލަތުގެ އެއްވެސް އިދާރާއަކަށް ލިބިފައިވޭތޯ ދެނަގަތުން.

2. ސަލާމަތީ ބާރުތަކުން ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދޭން ޖެހޭ ފަރާތްތަކަށް އެ ހިދުމަތް ފޯރުކޮށްދިނުމުގައި ކަނޑައެޅިފައިވާ މިންގަނޑުތަކަކީ ކޮބާތޯ ދެނެގަތުން

3. ނަޝީދަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގައި އަމަލު ކުރަމުންދިޔަ ގޮތް ދެނަގަތުން.

4. ފައިނޭންސް އިންޓެލިޖެންސް މައުލުމާތު އެއްކުރާ ގޮތާއި މައުލޫމާތު ލިބުމުން އަމަލުކުރާ ގޮތް ދެނަގަތުން

5. ގާނޫނީ އޮނިޑަނޑާ އެއްގޮތަށް އަމަލު ކުރަމުންދާ މިންވަރު ދެނަގަތުން.

comment ކޮމެންޓް