ގެއްލިގެން ހޯދާ މިސްބާހު ހުރީ ބޭރުގެ ޑްރަގު ނެޓްވޯކްކަކުން ރަހުނުކޮށްފައި: ފުލުހުން

ގެއްލިގެން ހޯދާ މިސްބާހު: އޭނާ ހުރީ ބެރުގެ ޑްރަގު ނެޓްވޯކަކަށް ރަހުނުކޮށްފައި --

މިދިޔަ އޭޕްރީލް މަހުން ފެށިގެން ހަބަރެއް ނުވެގެން އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓުކުރި މިސްބާހު މުހައްމަދު (25އ) ހުރީ ބޭރުގެ ޑްރަގު ނެޓްވޯކެއްގައި ރަހުނުކޮށްފައި ކަމަށް ފުލުހުން ބުނެފި އެވެ.

ހދ. ނޮޅިވަރަންފަރު، މޯނިންގް ސަން، މިސްބާހު މުހައްމަދު ގެއްލިގެން ފުލުހުން ހޯދަން އިއުލާން ކުރީ މިދިޔަ މަހު 14ގައި އެވެ. އޭގެ ފަހުން ފުލުހުން ބުނެފައިވަނީ، އޭނާ ފުރާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހު ދުބާއިއަށް ކަމަށެވެ. އަދި އޭގެ ފަހުން ރާއްޖެ އައިސްފައި ނުވާ ކަމަށް އިމިގްރޭޝަނާ ހަވާލާދީ ފުލުހުން ބުނެފައިވެއެވެ.

އެކަމާ ގުޅިގެން ތަފްސީލެއް ހޯދުމަށް "ސަން"އިން ސުވާލު ކުރުމުން ފުލުހުންގެ މިޑީއާ އޮފިޝަލް މިރޭ ވިދާޅުވީ، އޭނާ ރާއްޖެއިން ފުރި އަސްލު ތާރީހަކީ، މިދިޔަ އަހަރު ނޮވެމްބަރު 11 ވަނަ ދުވަހުގެ ރޭ 22:13ގައި ކަމަށެވެ. އަދި އޭނާ ފުރަތަމަ ފުރީ ދުބާއިއަށް ކަމަށާއި އޭގެ ފަހުން ޕާކިސްތާނަށް ފުރި ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

"އޭނާ ދުބާއީއަށް ގޮސްފައިވަނީ ފުޅާ ދާއިރާއެއްގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރި ކުރާ ނެޓްވޯކްތައް ރާއްޖޭގައި ހިންގި، ސ. ހުޅުދޫ، ދޭލިޔާގެ، އިރުފާން ތަގިއްޔުއާއެކު،" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އިރުފާން ތަގިއްޔު ވަނީ 2020 ޑިސެމްބަރު 08 ވަނަ ދުވަހު "މަސްޖަރީ-2" ނަމަކަށް ކިޔާ ދޯނީގައި ކަންޑުމަގުން ރާއްޖެއަށް 72 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވާ މީހެކެވެ. އެ މައްސަލައިގައި 10 މީހަކަށް ދައުވާކޮށްފައިވެއެވެ.

އިރުފާން ތަގިއްޔު އާއި މިސްބާހް މުހައްމަދު ދުބާއީއަށް ފުރުމަށްޓަކައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ގޮސްފައިވަނީ، 72 ކިލޯގެ މަސްތުވާތަކެތި ފެނުނު، އިރުފާން ތަގިއްޔު ދުއްވާ ކާރެއް ކަމަށްވާ "AB1B P1939" ގައި ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ދުބާއީއަށް ފުރިތާ 11 ދުވަސްފަހުން ނޮވެމްބަރު 22ގައި އެމިރޭޓްސްގެ ފްލައިޓަކުން އިރުފާން ރާއްޖެ އަނބުރާ އައި ކަމަށެވެ. ނަމަވެސް އިރުފާންއާއެކު މިސްބާހު ރާއްޖެ އައިސްފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިސްބާހް މުހައްމަދު 2020 ނޮވެމްބަރު 23 ވަނަ ދުވަހު ފްލައި ދުބާއީގެ FZ0343 ނަންބަރު ފްލައިޓުން ދުބާއީ އިން ޕާކިސްތާނަށް ފުރާފައިވާކަން ތަހުގީގުގައި ހޯދިފައިވާ މައުލޫމާތު ތަކުން އެނގޭ." މިޑިއާ އޮފިޝަލް ވިދާޅުވި އެވެ.

"އެހެންކަމުން، މިސްބާހް މުހައްމަދު ޕާކިސްތާނަށް ގޮސްފައިވަނީ، ރާއްޖެ އެތެރެކޮށްފައިވާ މަސްތުވާތަކެތީގެ ފައިސާގެ ކަންކަން ނިމެންދެން، އިރުފާން ތަގިއްޔުއަށް މަސްތުވާތަކެތި ފޮނުވާފައިވާ ރާއްޖެއިން ބޭރުގެ މަސްތުވާތަކެތީގެ ނެޓްވޯކްގެ ބެލުމުގެ ދަށުގައި "ގެރެންޓަރ" އެއްގެ ގޮތުގައި ހުރުމަށް ކަމަށް ބެލެވޭ"

މީޑިއާ އޮފިޝަލް ވިދާޅުވީ، މިސްބާހް މުހައްމަދު ފުރާފައިވާ ތާރީހަކީ 19 ނޮވެމްބަރު 2020 ކަމަށް މީގެ ކުރިން ދެންވިފައިވަނީ އޭރު ލިބުނު މައުލޫމާތުގެ ކުށަކުން ކަމަށެވެ.

މިފަދަ ބޮޑެތި މަސްތުވާތަކެތި ޑީލްތަކުގައި ބޭރު ނެޓްވޯކްތަކުން މީހުން ރަހުނު ކުރާ ކަމަކީ ކުރާ ކަމެެކެވެ. މީގެ ކުރިން "ސަން"އިން އެކަމާ ގުޅޭ ގޮތުން ރިޕޯޓުވެސް ގެނެސްދީފައިވާނެ އެވެ. އަދި އެކަން އެގޮތަށް ހިނގާކަން މީގެ ކުރިން ފުލުހުންގެ ކޮމިޝަނަރު މުހައްމަދު ހަމީދުވެސް ވަނީ ވިދާޅުވެފައެވެ.

އެކަން ކުރާ ގޮތަކީ، ޑްރަގު ޝިޕްމަންޓަށް މުޅިން ފައިސާ ދެއްކުމުގެ ބަދަލުގައި، އެޑްވާންސަށް ކުޑަ ފައިސާގެ އަދަދެއް ދިނުމަށްފަހު، މަސްތުވާތަކެތި ފޮނުވާ ގައުމުގައި ދިވެއްސަކު ރަހުނު ކުރެމެވެ. އެމިހާ އަނބުރާ ރާއްޖެއަށް އާދެވޭނީ، ޝިޕްމަންޓުގެ ފައިސާ ދައްކައިގެންނެވެ. ފައިސާ ނުލިބޭ ނަމަ، އެމިހާ މަރާލައެވެ. އަދި އެއަށްފަހު، އޭނާގެ ހަށިގަނޑުގެ ބައިތައް ނަގައިގެން ވިއްކައެވެ. ގިނަ ފަހަރު މިހެން ފޮނުވާ ބައެއް މީހުންނަށް އެގައުމަށް ފުރާ އިރު، އެކަން އެގޮތަށް ހިނގާކަމެއް ނޭނގެ އެވެ.

comment ކޮމެންޓް