ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ސެކިއުރިޓީ ދިނުމުގައި ކަން ހިނގައި ދިޔަ ގޮތާއި އެމަނިކުފާނާއެކު އެމްއެންޑީއެފުން ބޭއްވި ބްރީފިންގް ތަކުގެ މައުލޫމާތު "މިހާރު" ނޫހަށް ދިން މައްސަލާގައި އެމްއެންޑީއެފް ހިމޭނުން އޮތުން މެމްބަރުން ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.
މިހާރު ނޫހުގައި ލިޔެފައިވާ ލިޔުމެއްގައި ބުނެފައިވަނީ ރައީސް ނަޝީދު ދިރިއުޅުއްވި ކެނެރީގޭގައި ނޫޅެން އެމްއެންޑީއެފުން އެމަނިކުފާނަށް އެންގެވި ކަމަށެވެ. އަދި އެގޭގައި އުޅޭ ނަމަ ސެކިއުރިޓީ ބަލަހައްޓަން އުނދަގޫވާނެ ކަމަށްވެސް އެންގެވި ކަމަށް ލިޔެފައިވެ އެވެ. އެ ލިޔުން ލިޔެފައިވަނީ ނަން ހާމަ ނުކުރުމަށް އެދި މައުލޫމާތު ދިން މީހަކާ ހަވާލާދީ އެވެ.
އެ މައުލޫމާތު އެގޮތަށް އާންމު ކުރުމަކީ ރައީސް ނަޝީދާއި ކެނެރީގޭގައި ދިރިއުޅުއްވާ އެމަނިކުފާނުގެ އާއިލާއަށް ކުރިމަތިވާނެ ނުރައްކަލެއް ކަން ހާމަކޮށް މިއަދު ރިޔާސަތުން ވަނީ މައްސަލައެއް ހުށަހަޅާފަ އެވެ. އެމައްސަލައަށް ބަހުސް ކުރައްވަމުން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވިދާޅުވީ ރައީސް ނަޝީދަށް ހުރި ތްރެޓްތަކުގެ މައުލޫމާތާއި އެމަނިކުފާނަށް ދޭ ބްރީފްތަކުގެ މައުލޫމާތު އެ އާޓިކަލް ގައި ހިމަނާފައި ވާ ކަމަށެވެ. ހަސަން ވިދާޅުވީ އެއީ ވަރަށް މަދު ބަޔަކަށް ނޫނީ އެނގޭނެ މައުލޫމާތެއް ނޫން ކަމަށެވެ.
"އަޅުގަނޑަށް އެނގޭ އެ އާޓިކަލްގައި އެ މައުލޫމާތު ދީފައިވާނީ ހަމަ ގައިމުވެސް އާންމުންގެ މީހެއް ކަމަކަށް އަޅުގަނޑެއް ގަބޫލެއް ނުކުރަން އަދި އާންމުންގެ މީހެއް ކަމުގައި ވީ ނަމަވެސް އެއީ މައްސަލައެއް ކަމުގައި އަޅުގަނޑު ދެކެނީ. އެއީ މިދެންނެވި މައުލޫމާތަކީ ހަމަގައިމުވެސް އެ ނޫން ފަރާތަކަށް ލިބޭނެ މައުލޫމާތެއް ނޫން." ހަސަން ލަތީފު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުން ކެނެރީގޭގައި ދިރިއުޅޭނަމަ ކުރިމަތިވެދާނެ ސެކިއުރިޓީ ތްރެޓްތަކުގެ މައުލޫމާތު އެގޮތަށް އާންމު ކުރުމުން އެގޭގައި ދިރިއުޅޭ ރައީސް ނަޝީދުގެ އާއިލާގެ ދިރިއުޅުންވެސް ނުރައްކަލުގެ ތެރެއަށް ވެއްޓިގެން ދާނެ އެވެ.
"މިމައްސަލައަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެމްއެންޑީއެފުން ބަލަން ޖެހޭ މައްސަލައެއް. ރައީސް ނަޝީދަށް ހަމަލާދެވުނު ގޮތުގެ މައްސަލައެއްކަންޏެއް ނޫން. މި ދެންނެވި މައުލޫމާތު އެތަނުން ބޭރުވި ގޮތުގެ މައްސަލައަކީ އެމްއެންޑީއެފުން މިހާރު ތަހުގީގު ކުރެވެން ޖެހޭނެ މައްސަލައެއް." ހަސަން ވިދާޅުވި އެވެ.
މިހާރު ނޫހުގައި އެ މައުލޫމާތު ޝާއިއު ކުރުމާއި ގުޅިގެން އެމްއެންޑީއެފްގެ އެއްވެސް ބަހެއް މިއަދާއި ހަމައަށްވެސް ފާޅުކޮށްފައި ނުވާކަމީ ކަންބޮޑުވާ ކަމެއް ކަމަށް ހަސަން ވިދާޅުވި އެވެ. އެ މައްސަލައަކީ މިހާރު "ތަހުގީގު ކުރެވެމުން ދާންޖެހޭނެ މައްސަލައެއް" ކަމަށް ހަސަން ތަކުރާރުކޮށް ވިދާޅުވި އެވެ.
މާފަންނު އިތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ ރައީސް ނަޝީދަކީ އެންމެ ހައިރިސްކު ބޭފުޅާ ކަމަށް ވިދާޅުވި ނަމަވެސް އެމްއެންޑީއެފުން އެމަނިކުފާނަށް ސެކިއުރިޓީ ދެއްވުމުގެ ބަދަލުގައި ފާރަލެއްވި ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. އެ ވާހަކަތައް އެގޮތަށް ނޫހުގައި ޖެހުމުގެ މަގުސަދަކީ ކޮބައިތޯ އިންތި ވަނީ ސުވާލު އުފައްދާފަ އެވެ.
"މިއީކީއެއް އަޅުގަނޑުމެންނަށް ހެވިފައި މޫނު ދައްކައިގެން ތިބެވޭނެ ހާލަތެއް ނޫން. އެއްގޮތަކަށްވެސް އަޅުގަނޑުމެންނަށް ހެވިފައި މޫނު ދައްކައިގެން ތިބެވޭނެ ހާލަތެއްގައެއް ނޫން އަޅުގަނޑުމެން މިތިބީކީ." އިންތި ވިދާޅުވި އެވެ.
ސެކިއުރިޓީ ދޭ ދާފަރާތުން އެވާހަކަތައް ނޫހަކަށް ދިނުމަކީ ނުހަނު ކަންބޮޑުވާ ކަމެއްގެ ގޮތުގައި އިންތި ފާހަގަ ކުރެއްވި އެވެ. އަދި އެ މައުލޫމާތު ނޫހުގައި ޖެހުމުންވެސް ސަލާމަތީ ހިދުމަތްތަކުން އެކަމާ މެދު އެއްވެސް ރިއެކްޓެއް ނުކުރުމަކީ ނުރަނގަޅު މެސެޖެއް ދޭ ކަމެއް ކަމަށް އިންތި ފާހަގަކުރި އެވެ.
"އޭގެ ބުނެދޭ އެއް ވާހަކައަކީ އިއުތިރާފު އެވަނީ. ތިމަންނަމެން ދިން މައުލޫމާތެއް ކަމަށް އިއުތިރާފު އެވަނީ" އިންތި ވިދާޅުވި އެވެ.
އެވާހަކަތައް މީޑިއާއަށް ދިނުމަކީ "އެތެރެއިން ގުޅިގެން ހިނގު ބޮޑު ޕްރޮޕެގެންޑާއެއް" ކަމަށް އިންތި ވިދާޅުވި އެވެ.
އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވީ އައިއީޑީއެއް ގޮއްވާލައި ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާ އާދައިގެ ކަމަކަށް ހަދައި އެކަން ޓްވިސްޓް ކޮށްލުމަށް އެމައުލޫމާތު އާންމު ކުރީ ކަމަށް އޭނާއަށް ބެލެވޭ ކަމަށެވެ.
"އަޅުގަނޑު ހަމަ ކަންބޮޑުވަން މި މައުލޫމާތު ނޫހަކަށް ދީގެން ދެ ދުވަސް ތިން ދުވަސް ވެގެން ދިޔައިރު އަދިވެސް ކަމާބެހޭ ފަރާތަކުން ބޭފުޅަކު އެކަން ދޮގުވެސް ކޮށްލާފައި ނެތޭ. ދޮގުވެސް ކޮށްލާފައި ނެތޭ. އެއީ ތެދެއްކަންވެސް ބުނެލާފައި ނެތޭ. މިއީ ކަންބޮޑުވާ ކަމެއް." ވައްޑޭ ވިދާޅުވި އެވެ.