ކޮވިޑު ފެތުރިފައިވާ ގއ. ދާންދޫގައި ދިރިއުޅެމުން އައި އެ ރަށު ވިޔަވަތި، މަރިޔަމް އިބްރާހިމް (މަރީ)، 27 އަހަރުގެ ކިބައިން ކޮވިޑުގެ އަލާމާތްތައް ފެންނަން ފެށީ މި މަހުގެ 13 ވަނަ ދުވަހު އެވެ. ރޯގާ ޖެހި އަޑަށް ބަދަލު އަންނަން ފެށުމުން ކޮވިޑުކަން ޔަގީން ކުރަން ޓެސްޓް ހަދައި ދިނުމަށް ހަމަ އެ ދުވަހު ރަށުގެ ސިއްހީ މަރުކަޒުގައި އޭނާގެ ފިރިމީހާ ނާފިއު ހަސަން އެދުމުން، މަރީގެ ސާމްޕަލް ނެގީ މި މަހުގެ 16 ވަނަ ދުވަހު އެވެ. އެކަމަކު އެ ސާމްޕަލްގެ ނަތީޖާ ނުލިބި އުޅެނިކޮށް އަލާމާތްތައް ބޮޑުވެ ހާލު ސީރިއަސްވާން ފެށުމުން މި މަހުގެ 19 ވަނަ ދުވަހު އަންހެނުން ސިއްހީ މަރުކަޒުގައި އެޑްމިޓްކުރި އެވެ. އޮކްސިޖަން ދީ އިންޖަކްޝަނެއް ޖަހާލުމުން އަންހެނުން ހާލު ކުޑަކޮށް ރަނގަޅުވެ ގެއަށް ބަދަލުކުރި އެވެ. އެހެން ނަމަވެސް ޖެހިގެން އައި ދުވަހު ހާލަތު އަނެއްކާ ވެސް ދަށްވާން ފެށި އެވެ.
"އަނެއްކާ އޭގެ އަނެއް ދުވަހުގެ ރޭ ސަކަރާތްވެގެން ސިއްހީ މަރުކަޒަށް ގުޅީމަ އޮންލައިންކޮށް ޑޮކްޓަރު ބެއްލެވި. ދެން ގެއަށް ބޭސް ފޮނުވީ. ބޭސްކެއީމަ އެވަގުތަށް ރަނގަޅު. އޭގެ އަނެއް ދުވަހުގެ މެންދުރު ސަކަރާތްވެގެން ބޭސް ކެއީމަ ހަމަ އެވަގުތަށް ރަނގަޅުވެއްޖެ. ދެން އަނެއްކާ އިރުއޮއްސުނު ވަގުތު ސަކަރާތްވެގެން ސިއްހީ މަރުކަޒަށް ގެންދިޔައީ،" އަންހެނުންގެ ހާލަތު ކުއްލިއަކަށް ގޯސްވަމުން ދިޔަގޮތް ނާފިއު "ސަން"އަށް ކިޔައިދިނެވެ.
މަރީގެ ހާލަތު ރަނގަޅު ނުވެ ދަށްވަމުން ދާން ފެށުމުން އެ ދުވަހުން އެ ދުވަހަށް ސިއްހީ މަރުކަޒުން ނިންމީ އިތުރު ފަރުވާއަށް އޭނާ ވަގުތުން ގއ. ވިލިނގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ފުރުވާލާށެވެ. އޭރުވެސް އަންހެނުންގެ ހާލު ދިޔައީ ދަށްވަމުން ކަމަށް ނާފިއު ބުންޏެވެ. ނާފިއު އަދި ބުނި ގޮތުގައި އަތޮޅު ހޮސްޕިޓަލާ ހަމައަށް އަންހެނުން ގެންދެވުނު އިރު ހާލު ވަރަށް ވެސް ދެރަ ވެއްޖެ އެވެ. މީގެ ކުރިން ސިއްހީ އެއްވެސް މައްސަލައެއް އަންހެނުންގެ ކިބައިން ފާހަގަވެފައި ނެތް އިރު، އޭރު ހިނގާ ބިގާވެ ނޫޅެވޭ ވަރަށް އަންހެނުންގެ ހާލު ގޯސްވެފައިވާ ކަމަށް ނާފިއު ބުންޏެވެ.
ވިލިނގިއްޔަށް ގެންދެވުނު އިރުވެސް ދާންދޫއިން ނެގި ސާމްޕަލްގެ ނަތީޖާއެއް ނުލިބެ އެވެ. އެކަމަކު އަންހެނުންނާ އެކު ދާންދޫއިން ނެގި ނާފިއުގެ ސާމްޕަލް ޕޮޒިޓިވްވެ އަންހެނުންނަށް ކޮވިޑު ޖެހިފައި ހުރިކަން އޭނާއަށް އޮތީ އޭރު ލަފާކުރެވިފައި ކަމަށް ނާފިއު ބުންޏެވެ. އެކަން ޔަގީންވީ އަތޮޅު ހޮސްޕިޓަލުން އަންހެނުންގެ ސާމްޕަލް ނަގައި އިތުރު ޓެސްޓެއް ހެދުމުންނެވެ. އޭރު އަންހެނުންނަށް ނޭވާ ނުލެވޭ ހިސާބަށް ހާލަތު ގޯސްވެއްޖެ އެވެ.
"ފާހާނައަށް ވެސް އެކަނި ނުދެވޭ. އޮކްސިޖަން ނުހިފަހައްޓާ. އެހެންވެ ޑޮކްޓަރު އެންގީ މާލެ ގެންދިޔުމަށް. ވެންޓިލޭޓަރު ގުޅާފައި މާލެ ފުރުވާލީވެސް،" މިދިޔަ ހުކުރު ދުވަހު އަންހެނުންނާ އެކު މާލެ އައިސް ހުރި ނާފިއު ބުންޏެވެ.
"ފްލައިޓް މާލެ ޖައްސަން އުޅެނިކޮށް ވެންޓިލޭޓަރުގެ ބެޓަރި ޑައުންވެއްޖެ. ދެން އެވަގުތު އޮތް އިމަޖެންސީގައި އޮކްސިޖަންދޭ ޕަންޕެއް. އެ ޕަމްޕުގައި މަލަން އަޅައިގެން އޭތި މޮޑިފައިކޮށްގެން އޮކްސިޖަން ދިނީ،"
މާލެ ގެނައި ގޮތަށް މަރީ އެޑްމިޓް ކުރީ ދަރުމަވަންތަ ހޮސްޕިޓަލްގެ ކޮވިޑަށް ހާއްސަ ވޯޑު، ޑީއެޗް 11ގަ އެވެ. ދަރުމަވަންތަ ހޮސްޕިޓަލާ ހަވާލާދީ ނާފިއު ބުނީ ހޮސްޕިޓަލަށް ގެނައި އިރު އަންހެނުންގެ އޮކްސިޖަން ލެވަލް 30 ޕަސެންޓަށް ދަށްވެފައި ހުރި ކަމަށެވެ. އެ ދުވަހުން ފެށިގެން މިއަދާ ހަމަޔަށް އަންހެނުން ވެންޓިލޭޓަރުގައި އޮތް އިރު، ނާފިއު ބުނީ ހާލަތު ވަރަށް ކުރިޓިކަލް ކަމަށެވެ. ލޭގެ އިންފެކްޝަން ހެދި ނޭފަތުންނާއި އަނގައިން ލޭވެސް އަޔެވެ. މިއީ ކޮވިޑުގައި ވަރަށް ކުރިޓިކަލްވާ މީހުންގެ ކިބައިން ފެންނަ އަލާމާތްތަކެވެ.
"މިހާރު އިރާދަކުރެއްވިއްޔާ އެކަން [ލޭއައުން] ރަނގަޅުވެއްޖެ. ޑޮކްޓަރުން ބުނަނީ ލޭގެ އިންފެކްޝަން ހުރި ކަމަށް. ވެންޓިލޭޓަރުގެ ޕަސެންޓް ވަރަށް ހައިކޮށްގެން އޮކްސިޖަން ނޯމަލްކޮށް ވެސް ބެހެއްޓެނީ. އެހެންވީމަ އަދިވެސް ވަރަށް ކްރިޓިކަލް ކަމަށް ޑޮކްޓަރުން ވިދާޅުވަނީ. މިހާރު ލޭ ހޯދަން ވެސް ވަނީ އަންގާފައި،" މާޔޫސްވެފައި ހުރި ނާފިއު ބުންޏެވެ.
"ޑޮކްޓަރުން ވިދާޅުވަނީ އަދިވެސް ކްރިޓިކަލް ކަމަށް. ސީދާ ރަނގަޅުވާނެއޭ ބުނަން ވެސް އަދި ދަތި ކަމަށް ވިދާޅުވަނީ. އެފަދަ ހާލަތެއްގަ އޮތީމަ ނޭނގޭނެތާ ދެއްތޯ ސީދާ އެއްޗެއް ބުނަން."
އޭނާ ބުނި ގޮތުގައި އަންހެނުން ހުރީ ކޮވިޑުގެ ވެކްސިން މުޅިން ފުރިހަމަ ނުކޮށެވެ. މަރީ ސިނޮފާމް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހީ މި މަހުގެ ދެވަނަ ދުވަހު އެވެ.
ކޮވިޑުގައި އާންމުކޮށް ހާލު ސީރިއަސް ވަނީ އުމުރުން ދުވަސްވީ މީހުންނާއި ދިފާއީ ނިޒާމު ބަލި ކަށި އެހެން ބައްޔަކަށް ބޭސް ކުރާ މީހުންނެވެ. އެހެން ނަމަވެސް ނާފިއު ވެސް އަދި ގއ. އަތޮޅު ހޮސްޕިޓަލުން ވެސް ޔަގީންކަން ދިނީ މަރީއަކީ އެއްވެސް ބައްޔެއް ނުހުންނަ ހެޔޮ ސިއްހަތެއްގައި ހުރި މީހެއް ކަމަށެވެ.
މަރީ އަކީ އެއްވެސް ބޮޑު ބައްޔެއް ނެތި ކޮވިޑުގައި މިހާ ބޮޑަށް ރާއްޖެއިން ހާލު ސީރިއަސްވި ކަމަށް ރިޕޯޓް ކުރެވުނު އެންމެ ހަގު ދިވެއްސެވެ. ކޮވިޑުގައި މިހާތަނަށް ހާލު ބޮޑުވެގެން ރާއްޖެއިން މަރުވި އެންމެ ހަގު ދިވެއްސަކީ މި މަހުގެ 16 ވަނަ ދުވަހު މަރުވި އުމުރުން 30 އަހަރުގެ މީހެކެވެ. އޭގެ ކުރިން 27 އަހަރުގެ ބަންގަލަދޭޝް މީހަކު ރާއްޖެއިން މަރުވެފައިވެ އެވެ.
"ދެވެން އޮތް ހުރިހާ ފަރުވާއެއް ދިނިން"
މަރީއަށް ފަރުވާދިން ގއ. އަތޮޅު ހޮސްޕިޓަލުގެ ހިންގުމާ ހަވާލުވެ ހުންނެވި މެނޭޖަރު، ޝަރީފް އަހުމަދު "ސަން"އަށް މިއަދު ވިދާޅުވީ ޕްރޮސީޖާތަކާ އެއްގޮތަށް ހުރިހާ ފަރުވާއެއް ޕޭޝަންޓަށް ދެމުން ދިޔަ ކަމަށެވެ. އިތުރު ފަރުވާއަށް މާލެ ފޮނުވާލީ ވެސް ފުރިހަމަ ކުރަން ޖެހޭ ހުރިހާ ކަމެއް ފުރިހަމަކޮށްފައި ކަމުގެ ޔަގީންކަން ވެސް އޭނާ ދެއްވި އެވެ. އެގޮތުން ޝަރީފް ވިދާޅުވި ގޮތުގައި ދަތުރަށް ފުރުމުގެ ކުރިން މެނުއަލްއާ އެއްގޮތަށް ވެންޓިލޭޓަރުގެ ބެޓެރި ޗާޖުކުރި އެވެ. އަދި އެ ހޮސްޕިޓަލުގައި ތިބި އެންމެ ތަޖުރިބާ ހުރި ނަރުހުންނާއި ޑޮކްޓަރުން ޕޭޝަންޓާ އެކު މާލެ ދިޔަ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.
"ވެންޓިލޭޓަރުގެ މެނުއަލްގައި އޮވޭ ތިން ގަޑިއިރަށް ބެޓެރި ހިފަހައްޓާނޭ. އަނެއްކާ އަޅުގަނޑުމެން ޔަގީންކުރިން ބަރާބަރަށް ޗާޖުކޮށްފައި ހުރިތޯ ވެންޓިލޭޓަރު. އެކަމަކު ހެލްތުން ފޮނުވާފައި ހުންނަ ބެޓެރި މެނުއަލްގައި ހުންނަ އިރަށް ވުރެ މާ އަވަހަށް ޗާޖުދޭ. އެހެންވެ، އަޅުގަނޑުމެން ބެކަޕަށް އޮކްސިޖަން ވެސް ގެންދިޔަ. މިކޮޅުން އަޅުގަނޑުމެންނަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރިން. އެ ޔަގީންކަން އަޅުގަނޑުމެންނަށް އެބަ އޮތް،" ޝަރީފް ވިދާޅުވި އެވެ.
ސާމްޕަލްތަކުގެ ނަތީޖާ ލިބުން ކޮންމެވެސް ވަރަކަށް ލަސްވާ މައްސަލަތައް އުޅޭކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ. އެހެން ނަމަވެސް ހޮސްޕިޓަލުން މަސައްކަތް ކުރަނީ ނަތީޖާތައް އަވަސް ކުރަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ބާރުގައި ހުރި ހުރިހާ ކަމެއް އެބަ ކުރަން. މި ކޭސްގައި ވެސް އަޅުގަނޑުމެން ސާމްޕަލް ނަގައިގެން ވެސް ރިޒަލްޓް އަވަސް ކުރިން،" ޝަރީފް ވިދާޅުވި އެވެ.
ދާންދޫއިން ހާލު ސީރިއަސް ވެގެން ފަސް މީހުން ވިލިނގިލީ ހޮސްޕިޓަލަށް ގެނަ އެވެ. އެހެން ނަމަވެސް މިހާރު ފަރުވާ ދެމުން ދަނީ އެންމެ މީހަކަށް ކަމަށް ޝަރީފް ވިދާޅުވި އެވެ.
ދާންދޫގެ ހާލަތު ގޯސް
އާބާދީގައި 2،000 އެއްހާ މީހުން އުޅޭ ދާންދޫއިން ކޮވިޑު ފެނުމާ އެކު މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން އެ ރަށް އޮތީ މޮނިޓަރިންއަށް ލައިފަ އެވެ.
އެ ރަށު ކައުންސިލްގެ ރައީސް މުހައްމަދު އާސިފް މިއަދު "ސަން"އަށް ވިދާޅުވީ މިވަގުތު ވެސް އެ ރަށުގައި ބަލި ޖެހިފައިވާ 163 މީހަކު ތިބި ކަމަށެވެ. އަދި ކޮންމެ ދުވަހަކު ވެސް އެ ރަށުން މީހުން ޕޮޒިޓިވްވާ ކަމަށާއި އަދަދު މައްޗަށް ދާ ކަމަށް ވެސް އާސިފް ވިދާޅުވި އެވެ.
އެ ރަށުގެ 197 ގެ ވަނީ މޮނިޓަރިންގަ އެވެ.
"ގެއަކަށް ބަލި ވަދެއްޖިއްޔާ މުޅި ގޭގެ އެންމެންނަށް އެބަ ބަލި ޖެހޭ. އެހެންވެ އަސްލު ނަމްބަރުތައް. މި ދަނީ މައްޗަށް. ކޮންމެ ދުވަހަކުވެސް ބަލީގެ މީހުން އެބަ ފެނޭ،" އެންމެ ފުރަތަމަ އެ ރަށުން ކޮވިޑް ޖެހި މިހާރު ބަލިން ރަނގަޅުވެފައިވާ އާސިފް ވިދާޅުވި އެވެ.
ބަލި ފެތުރޭ ރޭޓް ކޮންޓްރޯލް ނުކުރެވޭތީ ޒަރޫރީ ބޭނުމެއްގައި ނޫނީ އާންމުން ބޭރަށް ނުކުތުމާއި މިސްކިތުގައި ޖަމާއަތް ހަދައިގެން ނަމާދުކުރުމާއި މީހުން ތަންތަނަށް އެއްވުން ވެސް ދާންދޫގައި އޮތީ މިހާރު މަނާކޮށްފަ އެވެ. އާސިފް ވިދާޅުވީ ރަށުގައި މިހާރުވެސް ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅާފައި ހުރި ކަމަށެވެ. އަދި އާންމުންގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް ކައުންސިލުން އަންނަނީ އެހީވަމުންނެވެ. މި ހުރިހާ ކަމަކާ އެކުވެސް އެ ރަށް އަދި ކޮވިޑުން ސަލާމަތްވާނެ ދުވަހެއް ވެސް ނޭނގެ އެވެ. މިކަމުން އަވަހަށް ސަލާމަތް ވެވޭނެ ކަމުގެ ނިޝާނެއް އަދި ނެތެވެ.