ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ އާއި ގުޅޭ ގެވެށި އަނިޔާގެ މައްސަލަ ބަލުމަށް ބޭއްވި މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ ބައްދަލުވުން ޖެންޑާ މިނިސްޓްރީއިން އެދިގެން ސިއްރު ކޮށްފި އެވެ.
އަހުމަދު އީސާގެ މައްޗަށް ތުހުމަތު ކުރެވެނީ އޭނާގެ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމްއަށް އަނިޔާ ކުރި މައްސަލަ އެވެ. އެމައްސަލައާ ގުޅިގެން އަސްރާ ވަނީ ފުލުހުންނަށް ބަޔާންވެސް ދީފަ އެވެ.
އެމައްސަލަ ކުރިއަސް ދާ ގޮތް ބެލުމަށް މިއަދު ބޭއްވި ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގައި އެޖެންޑާ ކުރެވިފައި އޮތީ އެމައްސަލައާ ގުޅިގެން ޖެންޑާ މިނިސްޓްރީ އާއި ޕީޖީ އަދި ފުލުހުންގެ އިތުރުން ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ އަދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ބޭފުޅުންނާ ބައްދަލު ކުރުމެވެ.
ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ފާތިމަތު ޔުމްނާ ވިދާޅުވީ އެމައްސަލަ އަކީ ވަކި އާއިލާއަކާ ގުޅޭ މައްސަލައަކަށް ވާތީ ޒާތީ މައުލޫމާތު ތަކެއް ހިމެނޭނެ ކަމަށެވެ. އެހެންވެ އެ ބައްދަލުވުން ސިއްރު ކުރުމަށް އޭނާ އެދިވަޑައިގަތެވެ.
ޖެންޑާ މިނިސްޓްރީއިން އެގޮތަށް އެދުމުން އެ ހުށަހެޅުމަށް ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ތާއީދު ކުރެއްވި އެވެ. އެހިސާބުން ކޮމިޓީ ސިއްރު ކުރުމަށް ހުރިހާ މެމްބަރުން ތާއީދު ކުރެއްވި އެވެ.
އީސައާ ގުޅޭ ގޮތުން ހުށަހެޅި ގެވެށި އަނިޔާގެ މައްސަލައާ ގުޅިގެން އޭނާ ހައްޔަރު ކުރުމުގެ އަމުރަކަށް ޕީޖީ އޮފީހުން ކޯޓުގައި އެދުނެވެ. ނަމަވެސް އެކަށީގެންވާ ބިނާއެއް ނެތުމުން ހައްޔަރު ކުރަން ކޯޓުން އަމުރެއް ނުދިނެވެ