އިޖުތިމާއީ ކޮމިޓިގެ މުގައްރިރަކަށް ޝިފާއު 

އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު -- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓިގެ މުގައްރިރަކަށް، އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު މިއަދު ހަމަޖައްސައިފި އެވެ.

ކޮމިޓީގެ މުގައްރިރު ކަމުގެ މަގާމު ހުސްވީ، އެ މަގާމުގައި ހުންނެވި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހްމަދު އީސާއަށް ކުރެވުނު ގެވެށި އަނިޔާގެ ތުހުމަތާއެކު، މުގައްރިރު ކަމުން އިސްތިއުފާ ދެއްވުމުންނެވެ.

އީސަ މުގަރިރުކަމުން އިސްތިއުފާ ދެއްވީ، އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ބޭއްވި ކޮމިޓީ ބައްދަލުވުމުގައި އެކަމަށް ވޯޓަށް އެހުމަށް ބޭނުންވާ ކޯރަމް ހަމަ ނުވެގެން އެ ކޮމިޓީގެ ބައްދަލުވުން ނިންމާލިތާ ކުޑަ ވަގުތުކޮޅެއް ތެރޭ އެވެ.

އެ ކޮމިޓީގެ މުގައްރިރު ކަމަށް ޝިފާއު ހަމަޖެއްސީ މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި، ކޮމިޓީ މެމްބަރުންގެ ވޯޓުންނެވެ. މިއަދުގެ ވޯޓުގައި އީސަ ބައިވެރިވެވަޑައިގަތެވެ.

ކޮމިޓީގެ މުަގައްރިރުކަމުން އިސްތިއުފާދެއްވައި އީސަ ނެރުއްވި ބަޔާނުގައި ވިދާޅުވެފައި ވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ގެވެށި އަނިޔާގެ މައްސަލައެއް މިވަގުތު ތަހުގީގުކުރެވެމުންދާތީ، ދައުލަތުގެ ކަމާ ބެހޭ އެންމެހާ މުއައްސަސާތަކަށް އެންމެ ފުރިހަމަގޮތުގައި އެއްބާރުލުން ދިނުމަށްޓަކައި އިޖުތިމާއީ ކޮމިޓީގެ މުގައްރިރުކަމުން އިސްތިއުފާ ދޭ ކަމަށެވެ.

އޭނާ ވިދާޅުވީ، "ރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތަކާ ހިލާފު އެއްވެސް އަމަލެއް ކޮށްފައިނުވާނެކަމުގެ ޔަގީންކަން" އަރުވާ ކަމަށެވެ.

ފުލުހުންނަށް އިތުބާރު އޮތް ކަމަށް ބުނެ، އީސަ ވިދާޅުވީ، ދައުލަތުގެ އެންމެހާ މުއައްސަސާތަކަށް އެއްބާރުލުން ދޭނެ ކަމަށެވެ.

އީސަ ގެވެށި އަނިޔާ ކުރި ކަމަށް ތުހުމަތު ކުރެވެނީ، އޭނާގެ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމް (އަސޫ)އަށެވެ. ނައިބު ރައީސް ފައިސަލް ނަސީމްގެ ކޮއްކޮ، އަސްރާ ވަނީ އެ މަައްސަލައިގަައި ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓް(އެފްސީޕީޑީ)އަށް އިއްޔެ ބަޔާންވެސް ދީފަ އެވެ.

އެކަމާ ގުޅިގެން އަސްރާ ކުރި ފޭސްބުކް ޕޯސްޓެއްގައި ބުނީ، އެފަދަ ކަމެއް ކުރިމަތިވެދާނެ ކަމަށް ދުވަކުވެސް ހީކޮށްފައިނުވާ ކަމަށެވެ.

އެމައްސަލައާ ގުޅިގެން ފުލުހުން އެދިގެން ޕީޖީ އޮފީހުން އީސަ ހައްޔަރު ކުރުމަށް ކޯޓު އަމުރަކަށްވެސް އެދުނެވެ. ނަމަވެސް ކޯޓުން އަމުރު ދީފައެއް ނުވެ އެވެ.

comment ކޮމެންޓް