ހޯރަފުށީ އެއާޕޯޓު އެޅީ އީއައިއޭއާ އެއްގޮތަށްތޯ އީޕީއޭއިން ބަލަނީ

ހއ. ހޯރަފުށީ އެއާޕޯޓު: އެ އެއާޕޯޓު ހުޅުވީ މިދިޔަ ނޮވެމްބަރު މަހު ----

ހޯރަފުށީ އެއާޕޯޓު ތަރައްގީކޮށްފައި ވަނީ އެ މަޝްރޫއިން ތިމާވެއްޓަށް ކުރާނެ އަސަރު ބަލަން ހެދި އެންވަޔަރަމެންޓަލް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ރިޕޯޓާ އެއްގޮތަށްތޯ ބަލާނެ ކަމަށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ބުނެފި އެވެ.

މިހާރު އުތުރަށް ކުރަމުންދާ ގަދަ ވިއްސާރައިގައި، އިއްޔެ ހޯރަފުށީ އެއާޕޯޓަށް އުދަ އަރައި އެއާޕޯޓުގެ ރަންވޭ އަށާއި ހައިވޭއަށް ވަނީ ގަލާއި ވެލި އަރައިފަ އެވެ. އޭގެ އިތުރުން ގަދަ ވަޔާއެކު އެއާޕޯޓުގެ ޓާމިނަލް އިމާރާތަށްވެސް އެކި ވަރުގެ ގެއްލުންވި އެވެ. އެކަންކަމާ ހެދި މިދިޔަ ނޮވެމްބަރު މަހު ހުޅުވި އެ އެއާޕޯޓުގެ ދަތުރުތައްވެސް ވަނީ މެދުކަނޑާލަން ޖެހިފަ އެވެ.

އެކަމާ ގުޅިގެން އެއާޕޯޓު ތަރައްގީކޮށްފައި ވަނީ މޫސުމުގެ ސަބަބުން ކުރާނެ އަސަރަށް އެހާ ވަރަށް ބެލުމެއް ނެތި ކަމަށް ބުނެ ސަރުކާރަށް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ.

އީޕީއޭގެ ޑިރެކްޓާ ޖެނެރަލް އިބްރާހިމް ނައީމް މިރޭ "ސަން"އަށް ވިދާޅުވީ، ހޯރަފުށީ އެއާޕޯޓު ތަރައްގީކޮށްފައި ވަނީ އީއައިއޭ ރިޕޯޓުގައިވާ ގޮތަށްތޯ އީޕީއޭއިން ބަލަމުންދާ ކަމަށެވެ.

"އެކަން ބަލަމުން މިދަނީ. [އީއައިއޭ] ރިޕޯޓުގައި އެބަ އޮވޭ ވަކި ގޮތަކަށް ކަމަށް ހަދަން ޖެހޭނީ. ދެން އެ ބަލަން ޖެހޭނެތާ،" ނައީމް ވިދާޅުވި އެވެ.

ނައީމް ވިދާޅުވީ، އެއާ ހިލާފަށް އެކަން ކޮށްފައިވާނަމަ ގާނޫނާއި ގަވައިދުގެ ދަށުން އެޅޭނެ ފިޔަވަޅުތައް އެބަ ހުރި ކަމަށެވެ. އެގޮތުން ޖޫރިމަނާވެސް ކުރެވޭނެކަން ފާހަގަކުރެއްވި އެވެ.

ހޯރަފުށީ ފަޅުގެ ހުޅަނގު ދެކުނުން ބައެއް ހިއްކައިގެން ތަރައްގީ ކުރި އެއާޕޯޓު: އެތަން ހުޅުވީ މިދިޔަ ނޮވެމްބަރު މަހު --

އެއާޕޯޓު މަޝްރޫއުގެ އީއައިއޭ ރިޕޯޓުގައި ވަނީ ފުއްޓަރާ ގާތުގައި އޮންނަ އެއާޕޯޓުގެ ހުޅަނގު ފަރާތަށް ހުޅަނގު މޫސުމުގައި އެ ފަރާތުން އަންނަ ރާޅުތަކުގެ ނުރައްކާ ކުރިމަތިވާނެ ކަމަށެވެ.

އެހެންކަމުން، ލަފާ ދީފައި ވަނީ ރަށް ގިރުމުންނާއި އުދަ އެރުން ފަދަ ކަންކަމުން އެތަން ހިމާޔަތް ކުރަން އެއާޕޯޓުގެ ހުޅަނގު ފަރާތް އެއްކޮށް ހިމެނޭހެން އިތުރު 3.1 ކިލޯމީޓަރުގެ ކޯސްޓަލް ޕްރޮޓެކްޝަން ޖެހުމަށެވެ.

ސަރުކާރުން 211 މިލިއަން ރުފިޔާ ހަރަދުކޮށްގެން ތަރައްގީ ކުރި އެ އެއާޕޯޓަށް އުދައިގެ އަސަރު ވަރަށް ގަދައަށް ކޮށްފައިވާއިރު، އެއާޕޯޓުގެ ވަށައިގެން ކޯސްޓަލް ޕްރޮޓެކްޝަން ޖަހާފައި ނުވެ އެވެ. ކޯސްޓަލް ޕްރޮޓެކްޝަން ހަމައެކަނި ޖަހާފައި ވަނީ ރަންވޭގެ ދެކޮޅާވީ ދިމާލުންނެވެ. އެއީ އީއައިއޭ ހެދުމުގެ ކުރިންވެސް މަޝްރޫއު ރާވާފައި އޮތް ގޮތެވެ.

އެއާޕޯޓު މަޝްރޫއުގެ އީއައިއޭ ރިޕޯޓު ތައްޔާރު ކުރީ މޯލްޑިވްސް އެނާޖީ އެންޑް އެންވަޔަރަމެންޓަލް ކޮމްޕެނީ (މީކޯ) އިންނެވެ. އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ ހޯރަފުށީ ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ކްލައިމެޓް ޗޭންޖް ކޮމިޓީގެ މުގައްރިރު އަހުމަދު ސަލީމް (ސައްލޭ) އެވެ. އަދި އެ ކުންފުނީގެ ހިއްސާދާރުންގެ ތެރޭގައި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ސައްލޭގެ ވިޔަފާރި ބައިވެރިޔާ އަކުރަމް ކަމާލުއްދީންވެސް ހިމެނެ އެވެ.

ހޯރަފުށީ އެއާޕޯޓު ހެދުމުގައި ބޮޑެތި ގޯސްތަކެއް، ޒިންމާ ނަގާނީ ކާކު؟

comment ކޮމެންޓް