ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްގޮތަށް, ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގަޑިއިރަކަށް ދިއްލުންތައް ނިއްވާލައިގެން، ރޭ އާތުއަވާ ފާހަގަކުރި ނަމަވެސް މާލޭގައި ކަރަންޓު ބޭނުންކުރި މިންވަރު ދަށް ނުވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ރޭ އާތު އަވާ ފާހަގަކޮށްފައި ވަނީ 09:45 އިން 10:45 ގެ ނިޔަލަށެވެ.
ސްޓެލްކޯއިން "ސަން" އަށް މައުލޫމާތު ދެމުން ބުނީ މިދިޔަ ހުކުރު ދުވަހުގެ ރޭ 09:45 އިން 10:45 ގެ ނިޔަލަށް މާލޭގައި ކަރަންޓު ބޭނުންކޮށްފައި ވަނީ 94 މެގަވޮޓަށް ކަމަށެވެ. ނަމަވެސް ރޭ އެވަގުތު ތެރޭގައި އާތު އަވާ ފާހަގަކުރިއިރު ކަރަންޓު ބޭނުންކުރި މިންވަރު ވަނީ އިތުރުވެފައި ކަމަށް ސްޓެލްކޯއިން ބުންޏެވެ. އެގޮތުން ރޭ 09:45 އިން 10:45 ގެ ނިޔަލަށް މާލޭގައި ކަރަންޓު ބޭނުންކުރިވަރު ވަނީ 96 މެގަވޮޓަށް އިތުރުވެފައެވެ.
ސްޓެލްކޯގެ ތަފާސް ހިސާބަށް ބަލާއިރު ފާއިތުވި ހަފުތާގެ ކޮންމެ ދުވަހެއްގެ ރޭ 09:45 އިން 10:45 ގެ ނިޔަލަށް ކަރަންޓު ބޭނުންކޮށްފައިވާ މިންވަރަކީ:
- ހޮނިހިރު ދުވަސް: 96 މެގަވޮޓް
- ހުކުރު ދުވަސް: 94 މެގަވޮޓް
- ބުރާސްފަތި ދުވަސް: 100 މެގަވޮޓް
- ބުދަ ދުވަސް: 100 މެގަވޮޓް
- އަންގާރަ ދުވަސް: 98 މެގަވޮޓް
- ހޯމަ ދުވަސް: 98 މެގަވޮޓް
- އާދިއްތަ ދުވަސް: 98 މެގަވޮޓް
މި ރޯދަ މަހު އެންމެ ޕީކް ގަޑިތަކުގައި މާލޭގައި ކަރަންޓު ބޭނުންކުރާ މިންވަރު 100 މެގަވޮޓަށް ވުރެ މައްޗަށް ގޮސްފައިވާކަން ތަފާސްހިސާބުތަކުން ދައްކައެވެ. އެގޮތުން ފާއިތުވެ ދިޔަ ހަފުތާގައި، އެންމެ ބޮޑަށް ކަރަންޓު ބޭނުންކުރި މިންވަރު މައްޗަށް ގޮސްފައި ވަނީ ބުރާސްފަތި ދުވަހުއެވެ. އެއީ ހަވީރު 17:00 ހާއިރު 106 މެގަވޮޓަށް ކަރަންޓު ބޭނުންކުރި މިންވަރު ވަނީ އިތުރުވެފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މީގެ ކުރީ އަހަރުތަކުގައި އާތު އަވާ ފާހަގަކުރިއިރު ކަރަންޓު ބޭނުންކުރި މިންވަރު ވަރަށް ބޮޑަށް ދަށްވެފައި ވެސް އެބަހުއްޓެވެ.
މިފަހަރު އެހެން ނުވިއިރު މިއީ ރޯދަ މަހުގެ ފަހު ދިހައެއްގެ ދުވަސްތަކެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ އާތު އަވާ ފާހަގަކޮށްފައި ވަނީ 2009 ވަނަ އަހަރުއެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ މި ހަރަކާތަކީ ދުނިޔެ ހޫނުވުމާއި ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާމެދު އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށާއި ތިމާވެށި ރައްކާތެރިކުރުމަށް ދުނިޔޭގެ ފެންވަރުގައި ބާއްވާ ހަރަކާތެއް ކަމަށެވެ.
މި ހަރަކާތުގައި މަގުސަދަކީ މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތް ކުރުމާއި ގުދުރަތީ ތަރިކަ ހިމާޔަތްކުރުމަށް އެއްބައިވަންތަ ކަމުގެ އަޒުމު ދައްކުވައިދިނުމަށް ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.