ހޯރަފުށީ އެއާޕޯޓު ހެދުމުގައި ބޮޑެތި ގޯސްތަކެއް، ޒިންމާ ނަގާނީ ކާކު؟

ހޯރަފުށީ ފަޅުގެ ހުޅަނގު ދެކުނުން ބައެއް ހިއްކައިގެން ތަރައްގީ ކުރި އެއާޕޯޓު: އެތަން ހުޅުވީ މިދިޔަ ނޮވެމްބަރު މަހު --

މިހާރު އުތުރަށް ކުރަމުންދާ ގަދަ ވިއްސާރައިގައި، އިއްޔެ ހޯރަފުށީ އެއާޕޯޓަށް އުދަ އަރައި އެއާޕޯޓުގެ ރަންވޭ އަށާއި ހައިވޭއަށް ވަނީ ގަލާއި ވެލި އަރައިފަ އެވެ. އެކަމާ ހެދި އެއާޕޯޓުގެ ދަތުރުތައްވެސް މެދުކަނޑާލަން ޖެހުނެވެ.

މިއީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ހޯރަފުށީ އެއާޕޯޓަށް ފްލައިޓުތައް ފެށުމަށް ފަހު އެ އެއާޕޯޓަށް ކުރިމަތިލާން ޖެހުނު ފުރަތަމަ ހުޅަނގު މޫސުމެވެ. ސަރުކާރުން 211 މިލިއަން ރުފިޔާ ހަރަދުކޮށްގެން ތަރައްގީ ކުރި އެ އެއާޕޯޓު ހުއްޓުމަކަށް އައި އިރު، އާންމުންގެ ސުވާލަކަށްވީ، މިހެން މިކަން ވެދާނެ ކަމާ މެދު އެއާޕޯޓު ތަރައްގީ ކުރި އިރު ވިސްނާފައި ނެތީ ހެއްޔެވެ؟

ހުޅަނގު މޫސުމުގައި އެއާޕޯޓަށް ނުރައްކާ

ހޯރަފުށީ ފަޅުން 345،000 އަކަ މީޓަރުގެ ސަރަހައްދެއް ހިއްކައިގެން ތަރައްގީ ކުރި އެ އެއާޕޯޓުގައި 1.2 ކިލޯމީޓަރުގެ ރަންވޭއަކާއި 86،35 އަކަ މީޓަރުގެ އޭޕްރަންއެއް ހުރެ އެވެ.

އެ އެއާޕޯޓުގައި ޝޯ ޕްރޮޓެކްޝަން (ތޮށި) ހަމައެކަނި ޖަހާފައި ވަނީ ރަންވޭގެ ދެކޮޅާ ދިމާލުގަ އެވެ. އެއީ ރަންވޭ ސޭފްޓީ ޒޯނުގެ ދެކޮޅުން ރަށް ގިރުން ހުއްޓުވުމަށެވެ. އެ ސަރަހައްދަކީ ފްލައިޓު އޮަޕަރޭޝަނަށް އިންތިހާއަށް މުހިންމު ސަރަހައްދެކެވެ.

ހޯރަފުށި އެއާޕޯޓު -- ފޮޓޯ: އަލީ ފަސީ

ހޯރަފުށީ އެއާޕޯޓު ހެދުމުން ތިމާވެށީގެ ގޮތުން އަންނާނެ ބަދަލުތައް ބަޔާން ކުރާ އެ މަޝްރޫއުގެ އެންވަޔަރަމެންޓަލް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ރިޕޯޓު ތައްޔާރު ކުރީ މޯލްޑިވްސް އެނާޖީ އެންޑް އެންވަޔަރަމެންޓަލް ކޮމްޕެނީ (މީކޯ) އިންނެވެ. އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމެވެ. އަދި ހިއްސާދާރުންގެ ތެރޭގައި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ސައްލޭގެ ވިޔަފާރި ބައިވެރިޔާ އަކުރަމް ކަމާލުއްދީންވެސް ހިމެނެ އެވެ.

ހުޅަނގު މޫސުމާއި އިރުވައި މޫސުމުގެ އަސަރު އެއާޕޯޓަށް ކުރާނެ ގޮތާ ބެހޭގޮތުން އެ ރިޕޯޓުގައި ވަނީ ދެ މޫސުމުގައިވެސް ހިއްކާފައިވާ ސަރަހައްދަށް ރާޅު އަރައި އަސަރު ކުރާނެ ކަމަށެވެ. އިރުވައި މޫސުމުގައި ރާޅު އަރާނީ އިރު ދެކުނުންނެވެ. އަދި ހުޅަނގު މޫސުމުގައި ރާޅު އަރާނީ ހުޅަނގުންނާއި ހުޅަނގު ދެކުނުންނެވެ. އޭގެ އިތުރުން، މުޅި އަހަރު ތެރޭގައިވެސް "ސްވެލް ވޭވެސް"ގެ އަސަރު ކުރާނެ ކަމަށްވެ އެވެ. އެ ރާޅުތައް އަންނަނީ ހުޅަނގު ދެކުނުންނާއި އިރު ދެކުނުންނެވެ.

ހުޅަނގު މޫސުމާއި އިރުވައި މޫސުމުގައި ރާޅުތައް އެއާޕޯޓާ ދިމާލަށް ދަތުރުކުރާ ގޮތް އީއައިއޭ ރިޕޯޓުން ---

ރިޕޯޓުގައިވާ ގޮތުން އިރުވައި މޫސުމުގެ ރާޅުތަކުން އެއާޕޯޓަށް ކޮންމެވެސް ވަރެއްގެ ހިމާޔަތެއް ލިބޭނެ އެވެ. އެއީ އެ ރާޅުތައް އަންނަ ދިމާލުގައި ހޯރަފުއްޓާއި އުނގުލުފިނޮޅާއި، ހުވަހަންދޫ އޮންނާތީ އެވެ. ނަމަވެސް، ހުޅަނގު ފަރާތުގައި އެފަދަ ރައްކާތެރިކަމެއް ނެތެވެ. އޮތީ މާ ކަނޑެވެ.

އެހެންވެ، ހުޅަނގު މޫސުމުގައި ރާޅުތައް ހުޅަނގު ފަރާތުން އަންނަ އިރު، އެއާޕޯޓުގެ އެ ފަރާތަށް ހާއްސަކޮށް ނުރައްކާ ކުރިމަތިވާނެ ކަމަށް އީއައިއޭގައި ލަފާކޮށްފައިވެ އެވެ. އެއީ އެ ފަރާތުގައި ތޮށިވެސް ލާފައި ނެތުމުންނެވެ.

އިރުވައި މޫސުމުގައި ހުވަހަންދޫއާއި އުނގުލިފިނޮޅު، އެއާޕޯޓުގެ އައްޑަނައަކަށް ވިޔަސް، ހުޅަނގު މޫސުމުގައި އެއާޕޯޓު ވާނީ އެ ދެ ރަށުގެ އައްޑަނައަށެވެ.

ވަށައިގެން ތޮށިލާން ލަފާދިން

ޝޯ ޕްރޮޓެކްޝަން ނުވަތަ ތޮށި ނުޖަހާ ނަަމަ ގުދުރަތީ ގޮތުން ވެލި ދައުރުވާނެތީ އެއާޕޯޓުގެ ބައްޓަމަށްވެސް ކޮންމެވެސް ވަރަކަށް ބަދަލު އަންނާނެ ކަމަށް އީއައިއޭ ރިޕޯޓުގައި ފާހަގަކޮށްފައި ވެ އެވެ. އަދި ރަށް ގިރުމުގެ ސަބަބުން މުސްތަގުބަލުގައި ކުރަން ޖެހޭ ހަރަދުތައްވެސް މަދު ކުރެވޭނެކަން ފާހަގަކޮށްފައިވެ އެވެ.

"ކޯސްޓަލް ޕްރޮޓެކްޝަން އިތުރު ކުރުމަކީ ރަށް ގިރުން މަދުކޮށް، ފެންބޮޑުވުމާއި، މުސްތަގުބަލުގައި، ރަށް ގިރުމުގެ ސަބަބުން ހިނގާ ހަރަދުތައް ކުޑަކުރެވިދާނެ ކަމެއް،" އީއައިއޭ ރިޕޯޓުގައިވެ އެވެ.

"އެއާޕޯޓަކީ އެ ސަރަހައްދުގެ މުހިންމު އިންފްރާސްޓްރަކްޗާއެއް ކަމުން، ސަރުކާރުގެ އިންވެސްޓްމެންޓް ގެއްލުނަނުދީ، ރައްޔިތުންނާއި ވިޔަފާރިތަކަށް ދަތުރުފަތުރުގެ ހުއްޓުމުން ލިބޭނެ ގެއްލުންތަކުން ސަލާމަތް ކުރަން، ގުދުރަތީ ނުރައްކާތަކަށް ބަލައި، އެކަމުން ރައްކާތެރިވާނެ ގޮތްތައް ހޯދުމަކީ މުހިންމު ކަމެއް،"

އެއާޕޯޓުގައި ތޮށި ލުން އެންމެ ރަނގަޅު ގޮތް ކަމަށް ލަފާ ދިން ގޮތް އީއައިއޭ ރިޕޯޓުން --

އެހެންކަމުން، އީއައިއޭގައި ލަފާ ދީފައި ވަނީ އެއާޕޯޓުގެ ވަށައިގެން ކޯސްޓަލް ޕްރޮޓެކްޝަން ޖެހުމަށެވެ. އެއީ 3.1 ކިލޯމީޓަރުގެ ކޯސްޓަލް ޕްރޮޓެކްޝަނެވެ. ނަމަވެސް، އެގޮތަށް އިތުރުކޮށްފައެއް ނުވެ އެވެ.

އެނގިފައިވާ ގޮތުގައި އެގޮތަށް އެކަން ނުކުރީ މަޝްރޫއުގެ ހަރަދު ބޮޑުވާނެތީ އެވެ. މިކަމާ ގުޅިގެން ރަސްމީ ފަރާތެއްގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.

ރަަށަށް ކުރާނެ އަސަރު ބަލާފައި ނެތް

އިއްޔެ އެއާޕޯޓުގެ އިތުރުން ސީދާ ހޯރަފުއްޓަށްވެސް ވަރަށް ބޮޑަށް އުދަ އެރި އެވެ. އުދައިން ރައްކާތެރިވާން އެ ރަށުގައި ވެލި ބަސްތާވެސް އެކި ސަރަހައްދުތަކުގައި ޖެހި އެވެ.

އީއައިއޭ ރިޕޯޓުގައި ތަފްސީލީ ގޮތެއްގައި ބަލާފައި ނެތް ކަމަކީ އެއާޕޯޓު އެޅުމުން ހޯރަފުއްޓަށް މޫސުމުގެ އަސަރު ކުރާނެ ގޮތެވެ. ނަމަވެސް، ސަރަހައްދުގެ ހައިޑްރޯޑައިނެމިކްސްއަށް ބަދަލު އައިސް، ހޯރަފުއްޓާއި، ހުވަހަންދުއާއި އުނގުލިފިނޮޅުގެ ޝޯ ލައިން ނުވަތަ ގޮނޑޮދޮށްތަކަށް އެކަމުގެ އަސަރު ކުރާނެ ކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެ އެވެ.

ތިމާވެށީގެ ބައެއް މީހުން ލަފާ ކުރާ ގޮތުގައި މިފަހަރު ހޯރަފުއްޓަށް އެހާ ބޮޑަށް އުދަ އަރައި ގެއްލުންވީ އެއާޕޯޓަށް ބިން ހިއްކާފައިވާ ގޮތުން އެ ސަރަހައްދުގެ ގުދުރަތީ ނިޒާމަށް ބަދަލުތަކެއް އައިސްފައިވުމުންްނެވެ.

"މިފަަހަރު ހޯރަފުއްޓަށް މިހާ ބޮޑަށް އުދައިގެ އަސަރު މި ކުރީވެސް އެއާޕޯޓުގެ ސަަބަބުން ކަމަށްވުން ގާތް. އެކަން ޖެހޭނީ އިތުރަށް ބަލަން،" ތިމާވެށީގެ ކަންކަމުގެ ކޮންސަލްޓެންޓަކު ބުންޏެވެ.

ހޯރަފުށީ އެއާޕޯޓު އަޅަން އެންމެ ފުރަތަމަ ރޭވީ ހޯރަފުށި އޮންނަ ފަޅު ތެރޭގައި އެ ރަށުގެ އުތުރަށް އޮންނަ މާފިނޮޅުގަ އެވެ. ނަމަވެސް، އެ ހިސާބު ހިއްކަން ޕައިލްލައިން އަޅަން ދަތިވީ އެވެ. އޭގެ ބަދަލުގައި ހޯރަފުށީގެ ހުޅަނގު ދެކުނު ފަޅުން ބައެއް ހިއްކައިގެން އެޅުމުން އެއާޕޯޓު އެޅުމުން، މާފިނޮޅާއި، ވެލިފިނޮޅާއި، ކުޑަފިނޮޅު މުސްތަގުބަލުގައި ރިޒޯޓު ތަރައްގީ ކުރުން ފަދަ ކަންކަމަށް ސަލާމަތްވެ އެވެ. އަދި ހޯރަފުއްޓާ ގުޅުވާލުމުން ބަނދަރެއް އެޅުމުގެ ބޭނުން ކެނޑުމުުގެ އިތުރުން އިހަވަންދޫއާއި އެއާޕޯޓު ގާތްވެެސްވެ ވެ އެވެ.

ނަމަވެސް އޭރުވެރިކަމުގައި އޮތް މިހާރުގެ އިދިކޮޅު ޕީޕީއެމްގެ ބޭފުޅުން ތުހުމަތު ކުރާ ގޮތުގައި ހޯރަފުށީ އެއާޕޯޓު ނާޅަން ނިންމާފައި އޮތީވެސް އެއާޕޯޓު އަޅައިފި ނަމަ ދިގު މުއްދަތުގައި އެތަނަށް ގެއްލުންތަކެއް ވެދާނެތީ އެއީ ފީސިބިލްކަމެއް ކަމަށް ނުފެނިގެން ކަމަށެވެ. މިއަދު އެ ފެންނަނީ އޭރުގެ ނިންމުން ބަދަލު ކުރުމުގެ ހިތި ނަތީޖާކަމަށް ބުނެ މި މައްސަލައިގައި އެބޭފުޅުން ވެސް ގެންދަނީ ކުރިޑިޓް ނަގަމުންނެވެ.

ޒިންމާ ނަގާނީ ކާކު؟

ހޯރަފުށީ އެއާޕޯޓު އިއްޔެ މޫދު އަޑީގައި އޮތް އިރު އެންމެ ގިނަ ބަޔަކު އުފެއްދި ސުވާލަކީ މި ގޮތަށް ވާނެކަން އީއައިއޭ ރިޕޯޓުން ސާފުކޮށް ފެންނަން އޮތް އިރު އަވަސް އަވަސް އަރުވާލައިގެން އެއާޕޯޓް ހަދައި ހުޅުވުމުގެ ޒިންމާ ނަގާނީ ކާކު ހެއްޔެވެ؟ ހޯރަފުށީ އެއާޕޯޓުގެ މަސައްކަތް ކުރިއަށް ގެންދިޔައީ ވަރަށް ބާރު ސްޕީޑުގަ އެވެ. ބޭނުމަކަށް ވެފައި އޮތީ އެންމެ އަވަހަށް ނިންމި އެއާޕޯޓުގެ ލަގަބު ހޯދައި ރައީސުލްޖުމްހޫރިއްޔާ ގެނެސް ރަސްމިއްޔާތެއްގައި އެ އެއާޕޯޓު ހުޅުވުމެވެ. ސަބަބަކަށްވީ ހޯރަފުށީަގއި އެއާޕޯޓް އެޅުމަކީ ދާއިރާގެ މެންބަރު ސަލީމްގެ ވައުދެކެވެ. އެހެންވެ ސަލީމް ވެސް ބެއްލެވީ އެ ވައުދު ރަނުން ރަނަށް ފުއްދިގެން އާންމުންނަށް ބުނެދޭށެވެ. ވަށައިގެންވާ އެހެން ކަންކަމަށް ވިސްނިހެނެއް އަދި ދުރަށް ވިސްނިހެނެއް ހިއެއް ނުވެ އެވެ.

އެއާޕޯޓުގެ މަސައްކަތްތައް އަވަސް އަވަސް އަރުވާލައިގެން ނިންމި އިރު އީއައިއޭގައި ބުނާ ގޮތަށް ވަށައިގެން ކަނޑުތޮށި އޮތީ ނުލައި އެއާޕޯޓް ނުރައްކަލަށް ހުޅުވިފަ އެވެ. އެކަމަކު އެއާޕޯޓް އަލުން ހުޅުވަން އޮތް "ސިޔާސީ ވިލް"އާ އެކު ކޮންމެ ކަމަކުން ސަރުކާރުގެ އިދާރާތަކުން އޮތީ ހުއްދަ ދީފަ އެވެ. ސަބަބަކީ އެއާޕޯޓުގެ ކަންކަމާ ގުޅޭ ގޮތުން ހުއްދަ ދެެއްވާ މިނިސްޓަރު ނަހުލާއަކީ އެ ރަށު ބޭފުޅެކެވެ. އެ އެއާޕޯޓު ނިންމުމުގައި އެބޭފުޅާގެ ވެސް ވިސްނުމުގައި ވެސް އޮތީ ސިޔާސީ އަމާޒެކެވެ. ދެން އޮތީ އެއާޕޯޓު އިމާރާތް ކުރުމުގެ ކަންކަމަށް ހުއްދަ ދޭ ޕްލޭނިން މިނިސްޓްރީ އެވެ. އެ މިނިސްޓްރީގެ ނުފޫޒު ގަދަ މަގާމެއްގައި ހުންނެވީ ދާއިރާގެ މެންބަރު ސަލީމްގެ ވިޔަފާރީގެ ބައިވެރިޔާ އަދި އެކުވެރިޔާ އެވެ.

މި ހުރިހާ ސަބަބުތަކެއް އެކުވުމުން ހޯރަފުށީ އެއާޕޯޓު ހުޅުވުމުގެ ހުރިހާ ވެސް މަގުސަަދަކަށް ވެފައި އޮތީ ސިޔާސީ ވިސްނުމެވެ. ކޮންމެ ގޮތެއް ހަދާފައި ވެސް އެއާޕޯޓު ހުޅުވައި ވައުދު ފުއްދުނުކަން މެންބަރު ބޭނުންވީ ރައްޔިތުންނަށް ދައްކާށެވެ. އެ މަންޒަރު ނިކަން ރަނގަޅަކަށްދެއްކި އެވެ. ރައީސް ސޯލިހު ގެންގޮސް ބޮޑު ހަފްލާއެއް ވެސް އެ ރަށުގައި ބޭއްވި އެވެ. އެ ދެއްކި މަންޒަރުގެ ހަގީގީ ނަތީޖާއަކަށް މި ވީ އެ އެއާޕޯޓު މިއަދު އޮތީ އިތުރު ބޮޑެތި މަރާމާތުތައް ނުކޮށް ބޭނުން ނުކުރެވޭ ހާލަތުގަ އެވެ. މި ވިއްސާރަ އަލިވުމުން ނޫނީ ދެން އެ އެއާޕޯޓަށް އޮޕަރޭޝަންތައް ނުފެށޭނެ އެވެ. އީއައިއޭ ރިޕޯޓުން ސާފުކޮށް އެނގެން އޮތީ ވަށައިގެން ތޮށި ނުލާހާ ހިނދަކު ކުރިއަށް އޮތް ގަދަ މޫސުން ތަކުގައިވެސް އެ އެއާޕޯޓުން ބޭނުން ނުކުރެވޭނެ ކަމެވެ. އެހެން ވީއިރު މި އިހުމާލުގެ ޒިންމާ ނަގާނީ ކޮން ބައެއް ހެއްޔެވެ؟ އާންމު ޝުއޫރަކީ މިއީވެސް އިހުމާލެކެވެ. ޒިންމާ ކުރުވަން ޖެހޭ ކަމެކެވެ.

comment ކޮމެންޓް