މަތިކިޅީގެ ދެބައިކުޅަ އެއްބައި އެނދި، މިއީ 15 އަހަރު ތެރޭ ލިބުނު އެންމެ ބޮޑު ގެއްލުން

މަތިކިޅީގައި ރޯވުން: ދެބައިކުޅަ އެއްބައި އަނދައި, 15 އަހަރު ތެރޭ ލިބުނު އެންމެ ބޮޑު ގެއްލުން --- ފޮޓޯ/ މަތިކިޅި އެކޯ ގާޑެން ސޮސައިޓީ

އައްޑޫ ސިޓީ މީދޫ، މަތިކިޅި އިކޯ ގާޑެން ސަރަހައްދުގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި އެ ތަނުގެ ދެބައިކުޅަ އެއްބައި އަނދާފައިވާ ކަމަށާއި އެއީ މަތިކިޅީގެ ގުދުރަތީ މާހައުލަށް މި ވޭތުވެދިޔަ 15 އަހަރު ތެރޭގައި ލިބުނު އެންމެ ބޮޑު ގެއްލުން ކަމަށް އިކޯ ގާޑަން ސޮސައިޓީން މިއަދު ބުނެފިއެވެ.

އައްޑޫ ސިޓީ, މީދޫ މަތިކިޅި އިކޯ ގާޑެންގައި އަލިފާން ރޯވެ އަނދަން ފަށާފައިވަނީ އިއްޔެ ހެނދުނު 11:40 އެހާކަންހާއިރެވެ.

މަތިކިޅީ އެކޯ ގާޑެން ސޮސައިޓީން ވަނީ މަތިކިޅީގައި ހިނގި އަލިފާނުގެ އެ ހާދިސާގައި މަތިކިޅީގެ ގްރާސް ފީލްޑުގެ ގާތްގަނޑަކަށް 60 އިންސައްތަ އަނދައި އަޅިއަށްވެފައިވާ ކަމަށް ލަފާކޮށްފައެވެ.

މަތިކިޅީގައި ރޯވުން: ދެބައިކުޅަ އެއްބައި އަނދައި, 15 އަހަރު ތެރޭ ލިބުނު އެންމެ ބޮޑު ގެއްލުން --- ފޮޓޯ/ އީމާން އަބްދުﷲ

ނަމަވެސް، ގާތްގަނޑަކަށް ހަ މަސް ދުވަހުގެ ތެރޭގައި ގްރާސް ފީލްޑު ރިކަވާވާނެ ކަމަށް އެ ސޮސައިޓީން ލަފާކުރެއެވެ. އެހެންނަމަވެސް، ކަނޑޮފިށި ހައި ވެޖިޓޭޝަން ލައިން ރިކަވާވުމަށް އަހަރުތަކެއް ނަގާނެ ކަމަށް އެ ސޮސައިޓީން ވަނީ ބުނެފައެވެ.

އެ ތަނުގައި ބޯކޮށް ހެދިފައިވާ މާކަށިކެޔޮ ގަވާއި ދިއްގާ ގަހަކީ އެތައް އަހަރެއްވެފައިވާ ގަސްތަކެއް ކަމަށާއި އެއީ މާކަނާ ފަދަ ދޫނިތަކުގެ ހާލި ކަމަށް އެ ސޮސައިޓީން ބުންޏެވެ. މޫސުމީ ގޮތުން ހިޖުރަކުރާ ދޫނިތަކުގެ ވެސް ވަގުތީ މަރުކަޒަކީ އެއީ ކަމަށް އެ ސޮސައިޓީން ބުންޏެވެ.

މަތިކިޅީގައި ރޯވުން: ދެބައިކުޅަ އެއްބައި އަނދައި, 15 އަހަރު ތެރޭ ލިބުނު އެންމެ ބޮޑު ގެއްލުން --- ފޮޓޯ/ އީމާން އަބްދުﷲ

އަލިފާނުގެ ހާދިސާއާ އެކު ދޫނިތަކުގެ މާހައުލު ވެސް އަހަރުތަކަކަށް ގެއްލިގެންދާނެ ކަމަށް އެ ސޮސައިޓީން ބުންޏެވެ.

އެ މީހުން ބުނާ ގޮތުގައި މިއީ ފާއިތުވި 15 ވަރަކަށް އަހަރު މަތިކިޅީގެ ގުދުރަތީ މާހައުލަށް ލިބުނު އެންމެ ބޮޑު ގެއްލުމެވެ.

މަތިކިޅީގައި ރޯވުން: ދެބައިކުޅަ އެއްބައި އަނދައި, 15 އަހަރު ތެރޭ ލިބުނު އެންމެ ބޮޑު ގެއްލުން --- ފޮޓޯ/ އީމާން އަބްދުﷲ

"ސަން"އަށް މައުލޫމާތު ދެއްވަމުން އައްޑޫ ސިޓީ ކައުންސިލްގެ މީދޫ ދާއިރާގެ ކައުންސިލަރު އާމިނަތު ޞާލިހާ ވަނީ މި ހާދިސާގައި އެއްވެސް މީހަކަށް އެއްވެސް އަނިޔާއެއްނުވާ ކަމަށް ވިދާޅުވެފައެވެ.

އެންމެ ފަހުން މަތިކިޅީގައި މިފަދަ ބޮޑު ހާދިސާއެއް ހިނގީ މީގެ ދެ މަހެއްހައި ދުވަސް ކުރިންނެވެ.

comment ކޮމެންޓް