އެއްވެސް ދަރިވަރަކަށް ދިވެހި ޕޭޕަރު ނުފެނޭ، ތާވަލާ އެއްގޮތަށް އިމްތިހާނު އޮންނާނެ: އެޑިއުކޭޝަން

މި މަހުގެ ތިންވަނަ ދުވަހު އޮތް އެސްއެސްއީ އިމްތިހާނުގެ އިސްލާމު މާއްދާގެ ޕޭޕަރުގެ ބަދަލުގައި ދިވެހި މާއްދާގެ ޕޭޕަރު ހުޅުމާލޭ ގާޒީ ސްކޫލުގެ ބައެއް ދަރިވަރުންނަށް ބެހުނު ނަމަވެސް އެ ދަރިވަރުންނަށް އެ ޕޭޕަރުގެ އެތެރެ ފެނިފައި ނުވާ ކަމަށާއި ކުރިން ތާވަލު ކުރެވިފައިވާ ގޮތަށް މާދަމާ ދިވެހި މާއްދާގެ އިމްތިހާނު އޮންނާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ބުނެފި އެވެ.

އެ މިނިސްޓްރީ އިން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ ސްކޫލުތަކުގައި ކުރިއަށްދާ ބައިނަލްއަގުވާމީ އަދި ގައުމީ އިމްތިހާނުތައްވެސް އިންތިޒާމު ކުރެވިފައިވާގޮތުން ސުވާލު ކަރުދާސް ދަރިވަރުންގެ މޭޒުމަތީ ބޭއްވުމަށްފަހު، ދަރިވަރުން ސުވާލު ކަރުދާސް ކިޔާނީއެއީ ރަނގަޅު ކަރުދާސްތޯ ބޭރުގަނޑު ބަލައި ޗެކު ކުރުމަށްފަހު ކަމަށެވެ. އަދި ދަރިވަރުން ޕޭޕަރު ކިޔާނީ އެކަމަށް އިންވިޖިލެޓަރު އިރުޝާދު ދިނުމުން ކަމަށްވެސް މިނިސްޓްރީ އން ބުންޏެވެ.

އެޑިއުކޭޝަނުން ބުނީ މެއި ތިންވަނަ ދުވަހު އޮތް އިސްލާމް ކަރުދާސް 1 ގެ ބަދަލުގައި ދިވެހި ކަރުދާސް 1، އިންވިޖިލޭޓަރަށް އޮޅިގެން ދެ ކުއްޖެއްގެ މޭޒުމަތީ ބޭއްވުނު ކަމަށެވެ. ނަމަވެސް ދަރިވަރުން ސުވާލު ކަރުދާސް ކިޔުމުގެ ކުރިން އެކަން ފާހަގަވި ކަމަށާއި އެކަރުދާސް ތައް އަތުލައި ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަންސް (ޑީޕީއީ)ގެ އިރުޝާދުގެ ދަށުން އެ ކަރުދާސްތައް އަލުން ބަންދުކޮށް، ރައްކާތެރި ކޮޓަރީގައި ރައްކާ ކުރެވިފައިވާ ކަމަށެވެ.

އެކަން ޑީޕީއީ އިން ބެލިކަމަށާއި، އަދި އެއްވެސް ދަރިވަރަކަށް ދިވެހި ކަރުދާސް1 ގެ ސުވާލުތައް ފެނިފައި ނުވާކަން ކަށަވަރު ކުރެވިފައިވާ ކަމަށްވެސް އެޑިއުކޭޝަނުން ބުންޏެވެ. މިއާއެކު ކުރިންވެސް ތާވަލު ކުރެވިފައިވާގޮތަށް ދިވެހި ކަރުދާސް 1 ގެ އިމްތިހާނު މާދަމާ، މެއި އަށެއްވާ ހޮނިހިރު ދުވަހު އޮންނާނެ ކަމަށް އެޑިއުކޭޝަނުން ބުންޏެވެ.

comment ކޮމެންޓް